ބީއެމްއެލްގެ ފައިދާ 38 ޕަސެންޓް އިތުރުވެއްޖެ
ބީއެމްއެލްގެ ފައިދާ 38 ޕަސެންޓް އިތުރުވެއްޖެ

އަހަރުގެ ދެވަނަ ކުއާޓާގައި ބީއެމްއެލްގެ ފައިދާއަށް 38 ޕަސެންޓްގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ބީއެމްއެލްގެ ކުއާޓާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ ކުއާޓާގައި އެކުންފުންޏަށް 496 މިލިއަން ރުފިޔާގެ ފައިދާއެއް ވަނީ ލިބިފަ އެވެ. އަދި ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 299 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ކުންފުންޏަށް ފައިދާ އިތުރުވީ ކޮވިޑްގެ ދަތިކަމަށް ފަހު އެކި ދާއިރާތަކުން ލޯނު ފައިސާ ފުރިހަމައަށް ލިބެން ސަބަބުންނެވެ. އަދި ކޮވިޑްގެ ސަބަބުން ދިމާވެދާނެ އިގްތިސާދީީ ގެއްލުން ކުރިން ދެނެގަނެ، އެހީވުމަށް ބީއެމްއެލުން މުހިއްމު މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ފުރަތަމަ ކުއާޓާގައި ވެސް ބީއެމްއެލްއަށް ވަނީ މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. ފައިދާގެ ގޮތުގައި 357 މިލިއަން ރުފިޔާ ލިބުނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ވުރެ 23 ޕަސެންޓްގެ ކުރިއެރުމެކެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އުނދަގޫ ހާލަތުން އަރައިގަނެ ޑޮލަރުގެ ލިކުއިޑިޓީ ހަމަޖެއްސުމަށް ބޭރުގެ މާލީ އިދާރާތަކުން 90 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ގެ ލޯނާއި ފައިނޭންސިން ބީއެމްއެލުން ހޯދި އެވެ.

މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 15ރ. ގެ މަގުން 80.7 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ވަނީ ނިންމާފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 325 މިލިއަން ރުފިޔާ އެވެ.