27 ނޮވެމްބަރ 2016 - 06:02

ލަންޑަން (ނޮވެމްބަރު 27) – ޓޮޓެންހަމް ހޮޓްސްޕާސް 2-1 އިން ބަލިކޮށް، އެ ޓީމު އިނގިރޭސި ޕްރިމިއާ ލީގުގައި ދަމަހައްޓަމުން އައި ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް ގެނެސް ތާވަލުގެ އެއް ވަނައިގައި ޗެލްސީ މަގާމް ދަމަހައްޓައިފި އެވެ.
ދެ ވަނައިގައި 30 ޕޮއިންޓާ އެކު އޮތް ލިވަޕޫލާއި ތިން ވަނައިގައި 30 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތް މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައިވާތީ، މެޗަށް ޗެލްސީ ނުކުތްއިރު އެ ޓީމު އަތުން އޮތީ ވަގުތީ ގޮތުން އެއް ވަނަ ގެއްލިފަ އެވެ. ރޭގެ މޮޅާ އެކު ޗެލްސީ އަލުން އެއް ވަނަ ހޯދީ 31 ޕޮއިންޓާ އެކު އެވެ. ރޭ ސަންޑަލެންޑް އަތުން 2-0 އިން ލިވަޕޫލް މޮޅުވިއިރު ސިޓީ ކާމިޔާބު ހޯދީ ބާންލީ އަތުން ފަހަތުން އަރައި 2-1 އިންނެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަންގެ ލަނޑުން ޓޮޓެންހަމް ވަނީ ލީޑު ނަގައިފަ އެވެ. އޭނާ ދުރުން ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަންއިރު މިއީ ޗެލްސީ ކޮޅަށް ޕްރިމިއާ ލީގު މެޗެއްގައި މިދިޔަ ތިން މަސް ދުވަސްތެރޭ ވަން ފުރަތަމަ ގޯލެވެ.
ޗެލްސީގެ އަށް ނަތީޖާ ހަމަހަމަކޮށްދިނީ 45 ވަނަ މިނެޓުގައި ސްޕެއިން ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒެވެ. ލީގުގައި ޖެހިޖެހިގެން ޗެލްސީ ނުވަ ވަނަ މޮޅު ހޯދީ 51 ވަނަ މިނެޓުގައި ވިކްޓަ މޮސެސް ޖެހި ގޯލުންނެވެ.
"މިއީ ވަރަށް އުނދަގޫ މެޗެއް. ހުއްޓުމެއް ނެތި ބުރަކޮށް މަސައްކަތްކުރަން ޖެހުނު. މިގޮތުގައި ކުރިއަށް ގޮސް ޓީމުގެ އިތުބާރު ދެމެހެއްޓުން މުހިއްމު. އެކަމަކު އަދި ލީގު ހޯދާ ވާހަކަދައްކަން މާ އަވަސް. މިއީ ވަރަށް އުނދަގޫ ލީގެއް،" ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުންޏެވެ.
ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެޗު ދިރާސާކޮށްފި ނަމަ ކުރި ލިބޭނީ އޭނާގެ ޓީމަށް ކަމަށާއި ތަފާސްހިސާބުތަކަށް ބަލާއިރު ހުރިހާ ގޮތަކުން ވެސް ކުރި ލިބޭ ކަމަށެވެ.
"އެކަމަކު ފުޓްބޯޅައިގައި ހަމައެކަނި އެކަމަށް ބަލައިގެން މޮޅެއް ނުވާނެ. އެބަޖެހޭ ފުރުސަތުތަކުގެ ބޭނުންކޮށް ގޯލް ޖަހަން،" 24 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތް ޓީމުގެ ކޯޗު ބުންޏެވެ.
ރޭގެ މެޗުން ޓޮޓެންހްމަ ބަލިވުމާ އެކު ހަތަރު ވަނައިގައި އޮތް އާސެނަލް އަށް ވަނީ ޓޮޓެންހަމްގެ މައްޗަށް ލީޑު ފުޅާކުރަން ފުރުސަތު ލިބިފަ އެވެ. އާސެނަލް 25 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު މިރޭ ބޯންމައުތު އަތުން މޮޅުވެއްޖެ ނަމަ އާސެނަލްގެ ލީޑު ހަތަރު ޕޮއިންޓަށް ފުޅާކުރެވޭނެ އެވެ.
އަމިއްލަ ދަނޑުގައި ލިވަޕޫލް ކުޅުނު މެޗުން އެ ޓީމު މޮޅުވީ މެޗުގެ ފަހުކޮޅު ވައްދާލި ދެ ލަނޑާ އެކު އެވެ. މުހިއްމު ކުޅުންތެރިޔާ ފިލިއްޕޭ ކޯޓީނިއޯ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމުން މާޔޫސްވެފައި ތިބި ލިވަޕޫލް ކުޅުންތެރިންނަށް ހިތްވަރެއް ލިބުނީ 75 ވަނަ މިނެޓުގައި ޑިވޮކް އޮރީގީ ޖެހި ގޯލުންނެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 90 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ޖޭމްސް މިލްނާ އެވެ.
ބާންލީއާ ދެކޮޅަށް ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗުގެ 14 ވަނަ މިނެޓުގައި ޑީން މާނީގެ ގޯލުން ބާންލީ އިން ލީޑު ނެގި އެވެ. ސިޓީ މޮޅުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ. އޭނާ ފުރަތަމަ ލަނޑު 37 ވަނަ މިނެޓުގައި ޖެހިއިރު މޮޅުވި ގޯލް ކާމިޔާބުކުރީ 60 ވަނަ މިނެޓުގަ އެވެ.