01 އޯގަސްޓް 2021 - 10:29

ހިނގާފަައި އުޅޭ މީހުންނާއި ވެހިކަލް ދުއްވާ މީހުންނަށް އުނދަގޫވާ ގޮތަށް މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުންނަތާ ދުވަސްވެފައިވާ ވެހިކަލްތައް މާދަމާ އިން ފެށިގެން ނަގަން ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މީހުންނަށް އުނދަގޫވާ ގޮތަށް މަގުތަކުގައި ބަހައްޓާފައި ހުރި ވެހިކަލްތައް ނަގާނީ ފުލުހުންނާއި ކައުންސިލް ގުޅިގެން ކަމަށެވެ.
އެހެންވެ، އެގޮތަށް ބަހައްޓާފައި ހުރި އުޅަނދުތައް ނަގައި މަގުމަތި ސާފުކުރުމަށް ކައުންސިލުން ވަނީ އަންގައިފަ އެވެ. އަދި ވެހިކަލް ނުނަގައިފި ނަމަ، އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދުގެ ދަށުން ވެހިކަލް ނައްތާލާނެ އެވެ.
ވެހިކަލް ނެގުމުގެ ތެރޭގައި އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމަށް ކައުންސިލުން ޒިންމާ ނުނަގާނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.
މާލޭ މަގުތަކުގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ވެސް ގިނަ އަދަދެއްގެ ވެހިކަލް ބޭނުން ނުކޮށް ބަހައްޓާފައި އެބަހުއްޓެވެ.