ޝާފިޔާ
ޝާފިޔާ

ބުދަ ދުވަހާ ގުޅޭ

ދެ މީހުން އެކުގައި ހިނގައިގަތް ވަގުތު މަންމަ އެ ފިހާރަޔަށް ވަނެވެ. އޮޅުވާލަން ނުވަތަ މަންމައަަށް ފޮރުވަން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ނެގި ހެދުންތައް ހުރީ އަހަރެން އަތުގައެވެ. ޝާފިޔާއަށް ހުރެވުނީ އަހަރެންގެ އަތުގައި ހިފައިގެންނެވެ. އެ ކަން އިހުސާސްކުރެވުމުން ޝާފިޔާ އަވަސްއަވަހަށް އަހަރެންގެ އަތުން ދޫކޮށްލިއެވެ. ދެން ކަންތައް ވެގެންދިޔައީ އަހަރެން ހީ ވެސް ނުކުރާ ކަހަލަ ގޮތަކަށެވެ.

"މަންމަ ވެސް ބޭނުން ޝާފިޔާއަށް ހެދުން ގަނެދޭން،" ޝާފިޔާގެ ކޮނޑުގައި ފިރުމައިލަމުން މަންމަ ބުންޏެވެ. "މިތާ ހުންނާނެ ނިކަން ރީތި ޓައިޓު. ހިނގާބަލަ!"

ޝާފިޔާ އަތުގައި ހިފައިގެން މަންމަ ހިނގައިގަތެވެ. ދަމުންދަމުން ޝާފިޔާ ފަސްއެނބުރި އަހަންނަށް ބަލައިލިއެވެ. އޭނަގެ މޫނުމަތިން އަހަންނަށް ފެނުނީ އުފާވެރިކަމެވެ. ޝާފިޔާއަކީ ވަރަށް ބަސްއަހާ، ރީތި، ތައުލީމީ ކުއްޖެކެވެ. މާލެއިން ނުފެންނަ ކަހަލަ މުރާލި، ކިޔަމަންތެރި ކުއްޖެކެވެ. އެހެންކަމުން އަހަރެންގެ މައިންބަފައިން ވެސް ޝާފިޔާއާ މެދު ވަރަށް ހިތްހަމަޖެހެއެވެ. ހަމަ އެކަނި އަހުލާގު ރަނގަޅުވީމައެއް ނޫނެވެ. ޝާފިޔާއާއި ޝާފިޔާގެ މުޅި އާއިލާއަކީ ވެސް ދަންނަ ބަޔަކަށް ވީތީއެވެ.

ގޭގެ މީހުން ދަތުރުދާ އިރު ވެސް ޝާފިޔާ ބައިވެރިކުރެއެވެ. އޭނަޔާ މެދު އެންމެން ވެސް ކަންތައްކުރަނީ އާއިލާ މީހަކާ މެދު ކަންތައްކުރާ އުސޫލުންނެވެ. އަހަރެން ގެއަށް އަތުވެއްޖެއްޔާ އަހަންނަށް ކާން ގޮވަނީ ޝާފިޔާއެވެ. ފެން ގެނެސްދީ، ކެއުމުން ތަށިތައް ނަގަނީ ވެސް އޭނައެވެ. ދޮންނަ އެއްޗެހި ބަލާ އަހަރެންގެ ކޮޓަރިއަށް ކުރިން ވަންނާނީ މަންމައެވެ. ފަހުން ވަންނަނީ ޝާފިޔާއެވެ. ގޭގެ މީހުން ނިދާ އިރު ވެސް އަހަރުމެން ޓީވީބަލަން ބޮޑުކޮޓަރީގެ ސޯފާގައި ތިބެމެވެ. އެކަކު ވެސް ސުވާލެއް ނުކުރެއެވެ. ޝާފިޔާގެ ކޯސް ނިމެންވާ އިރަށް އަހަރެންގެ ކޮޓަރީގައި ކުލަލައި، މަރާމާތުކުރާ ވާހަކަ ވެސް ދިޔައީ ދެކެވެމުންނެވެ. ފާރުތަކުގައި ވިލުނޫކުލަ ލާން އެދުނީ ޝާފިޔާއެވެ.

އަހަރެން ނުލައި ބޭރަށް ދަންޏާ، އަހަރެން ގާތުގައި ޝާފިޔާ ބުނެއެވެ. ދާ ބަޔެއްގެ ތަފުސީލު ވެސް ދެއެވެ. ތަންކޮޅެއް ލަހުން ގެއަށް އަންނަންޏާ މެސެޖެއް ކޮށްލައެވެ. ޝާފިޔާއަކީ ނަލަކޮށް ހުންނަން ލޯބިކުރާ ކުއްޖެކެވެ. މޫނާއި އިސްތަށިގަނޑު ރީތިކުރުމާއި، މޭކަޕުކުރާ ސާމާނު ގަތުމަށް ހަރަދުކުރަނީ އަހަންނެވެ. އަހަންނަށް ރީތި ބޫޓެއް ފެނުނަސް، މީރުވަސްދުވާ ސެންޓެއް ފެނުނަސް ގަނެދެމެވެ. ބައެއް ފަހަރު އަހަންނާ ނުބައްދަލު އަގުގައެވެ. އެހާ ރީތި އަދި ރަނގަޅު ކުއްޖެއް، ނޭނގި ހުއްޓައި އަހަރެންގެ އުނގަށް ވެއްޓިދާނެ ހެއްޔެވެ؟ ހުރިހައި ކަމެއް އެހާ ފައްސިކޮށް ދިއުމަކީ ހެޔޮ ފާލެއް ނޫނޭ ވެސް ހިތަށްއަރައެވެ.

އަހަންނަށް ލިބޭ މުސާރަ އަހަރެން "ހުސްކޮށްލަނީ" ޝާފިޔާއަށެވެ. އަހަރެންގެ މައިންބަފައިންނަށް އެ ކަން އެނގޭނެއެވެ. އެކަމަކު އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ޝާފިޔާ ކޯހަށް ގެންގޮސް ގެންނަ މަގުމަތީގައި، ގިނަ ފަހަރު ކޮންމެވެސް ތަނަކަށް ވަދެ ކޮފީއެއް ނުބޮއި ގެޔަކަށް ނާންނަމެވެ. ކޮފީ ބޮނީ އަހަންނެވެ. ޝާފިޔާ ގެންނާނީ ސްމޫދީއެކެވެ. ކޮފީބޯކަށް އޭނަ ހިލާ އެއްބަހެއް ނުވެއެވެ.

"ކޮފީއަކީ ހާދަ މީރު އެއްޗެކޭ!" އަަހަރެން ބުނީމެވެ. "އަޅެ އެއްފަހަރު ރަހަބަލައިލަބަލަ!"

"އެއްފަހަރު ރަހަބެލީމޭ!" ހިނިއައިސްފައި ޝާފިޔާ ބުންޏެވެ. "އެ ރޭ ނިންޖެއްނައި. އިރުކޮޅަކުން އަހަރެން ކަޓައިފި. ދެން ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ. އޭގެ ފަހުން ކޮފީ ހުއްޓައިލީ! ފަހުދު ބުނެފިއްޔާ ބޮއިފާނަން. ފަހުން އަހަރެން ބްލޭމް ނުކުރައްޗޭ! އަހަންނަށް ކޮންމެ ފަދަ ކަމެއް ވެސް ކުރެވިދާނެ. ފަހަކުން ނުހުންނާނެ ހަނދާނެއް ވެސް."

"މާތްކަލާކޯ!" އަހަރެން ބުނީމެވެ. "ކޮފީ ވިއްކާ ތާކަށް ވެސް ޝާފިޔާ ނުވަންނާތި!"

އަހަރެން ގަޑިޔަށް އޮފީހަށް ނުދިޔަސް، ޝާފިޔާގެ "ކިޔެވުމަށް" އެއްވެސް ހުރަހެއް އެޅުނަކަނުދެމެވެ. އެހެން އުޅެން ހަދައިގެން ބައެއް ފަހަރު އަހަރެން އޮފީހަށް ސަލާން ބުނަން ޖެހެއެވެ. ގަޑި ވެސް ޖެހެއެވެ. އާންމުކޮށް އެ ގޮތަށް ގޭގައި ހުންނަ ކުއްޖަކު ލައްވައި، ގޭތެރޭގެ ކުދިކުދި މަސައްކަތްތައް ކުރުވައެވެ. އެކަމަކު، ގޭގެ އެންމެން ވެސް ޝާފިޔާއަށް ދީފައިވަނީ ވަރަށް ތަފާތު ދަރަޖައެކެވެ. ޝާފިޔާ ކާން އަރާނީ ވެސް އަހަރުމެންނާ އެކުގައެވެ. ހީވަނީ، އަހަރެން އިންނާނީ ޝާފިޔާއާއޭ ނުބުނެ ނިންމައިފައިވާހެންނެވެ. އެންމެންނަށް އެ ކަން އެނގޭ ހެންނެވެ. ސެމްސަންގް އެސް ޓެން ޕްލަސް، މަހަކު ވަކި ވަރެއް ދައްކާ ގޮތަށް ނަގައިފައި ޝާފިޔާއަށް ދިނީމެވެ. އެއީ، އަހަރެން ގެންގުޅޭ ފޯނަށް ވުރެ މޮޅު ފޯނެކެވެ. ކައިވެނީގެ އެއްވެސް ވާހަކައެއް އަހަރެން ނުދެއްކީ ޝާފިޔާ ކިޔަވާ ދުވަސްވަރު ވީމައެވެ.

ދަތުރުވަރެއްގައި އަޒީޒާ މާލެއައެެވެ. އެއީ ޝާފިޔާގެ މަންމައެވެ. އޭނަ ހުރީ އަހަރުމެންގެ ގޭގައެވެ. އަހަރެންގެ މަންމައާއި އަޒީޒާ އޮލަ ވާހަކައިގައި ތިއްބާ އަހަންނަށް ފެނެއެވެ. އަހަންނަށް ހީވި ގޮތުގައި އެ މީހުން ދެއްކީ ޝާފިޔާގެ ކައިވެނީގެ ވާހަކައެވެ. އަހަރެން ފެނުމުން އަޒީޒާ ބަލައިލާ ގޮތާއި، ހުރަސްކޮށްފައި ދާ އިރު އަހަންނަށް އިވޭ ތަންތަންކޮޅުން އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. އެކަމަކު، އޭރު ވެސް ޝާފިޔާގެ ކައިވެންޏާ ބެހޭ ގޮތުން، އަހަރެންގެ މައިންބަފައިން އަހަންނަކާ ވާހަކައެއް ނުދައްކައެވެ. އެ ކަން އަހަންނަށް ކުޑަކޮށް އައިބުވިއެވެ. ވާން މި އުޅެނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ.

އަޒީޒާ މާލޭގައި ހުއްޓައި މުފީދު އަހަންނަށް ގުޅިއެވެ. މުފީދަކީ ޝާފިޔާގެ ބައްޕައެވެ. ދުވަހަކު ވެސް އަހަންނާ ގުޅި މީހެއް ނޫނެވެ. އޭނަ ގުޅީ އަހަރެންގެ ހާލުއަހުވާލުބަލާށެވެ. ކީއްކުރަން ހެއްޔެވެ؟ ޝާފިޔާ ކޮބައިތޯ ވެސް އެހިއެވެ. އެ ސުވާލު އަހަންނާ ކުރަންޖެހުނީ ކީއްވެގެން ހެއްޔެވެ؟ މުފީދު ވެސް ކައިވެންޏާ ބެހޭ ވާހަކައެއް ނުދައްކައެވެ. އޭނަ ވާހަކަދެއްކީ، ކައިވެނި ހަމަޖެހިފައި އޮތުމުން ވާހަކަދައްކާ ކަހަލަ ގޮތަކަށެވެ.

"މަންމަޔާ އެއްކޮށް އަހަރެން ވެސް ދާން ނިންމާފަ، ޓިކެޓު ވެސް ނެގި ފަހުން ދަތުރު ކެންސަލުކުރަން ޖެހުނީ،" މުފީދު ދެއްކި އެންމެ މުހިންމު ވާހަކައަކީ އެއީއެވެ. "އެކަމަކު ޝާފިޔާގެ ކޯސް ނިމެންވާ އިރަށް ދާނަން."

އަޒީޒާ މާލެ އައީ ކީއްކުރަން ހެއްޔެވެ؟ ކޯސް ނިމެންވާ އިރަށް މުފީދު މާލެ އަންނަނީ ކީއްކުރަން ހެއްޔެވެ؟ އެހެން އަހާކަށް އަހަންނަކަށް ނުކެރުނެވެ. އަހަރެން ވާހަކަދެއްކީ ހުރިހައި ކަމެއް އެނގޭކަމަށް ހެދިގެންނެވެ.

އަޒީޒާ ފުރިތާ ކައިރީގައި އަހަރެންނަށް ވަރުގަދަ ހުމެއް ޖެހުނެވެ. ހުން ގަދަވެގެން ހޮސްޕިޓަލުގައި އަހަރެން ބާއްވަން ވެސް ޖެހުނެވެ. ގިނަ ވަގުތު އަހަރެން ކައިރީގައި އިންނަނީ ޝާފިޔާއެވެ. އަހަރެން ގެއަށް ބަދަލުކުރުމުން ވެސް، ދުވަސްކޮޅަކު އަރާމުކުރަން ޖެހުނެވެ. ގައިގައި ވަރު ނުހުންނާތީއެވެ. ތިން ދުވަހު އެނދުގައި އަހަރެން އޮތް އިރު ވެސް، ޝާފިޔާގެ އެހީތެރިކަމަކަށް ބަދަލެއް ނާދެއެވެ. އޭނަގެ އޯގާތެރިކަން އެންމެނަށް ފެނުނެވެ. ކެއުމަކަށް ނިންޖަކަށް ނުބަލައި އަހަންނަށް ހިދުމަތްކުރިއެވެ. ކިތަންމެ ފަހަރަކު އެނދުގައި ބޯއަޅައިގެން އޮވެ ޝާފިޔާއަށް ނިދެއެވެ. އެންމެ ފަހު ރޭ އަހަންނަށް ހޭލެވުނީ ޝާފިޔާ ވާހަކަދައްކާ އަޑަށެވެ. އޭރު އަހަރެން ހަމައަކަށް އެޅިއްޖެއެވެ.

"ކަލޭ ދެކެ އަހަރެން ހާދަ ލޯބިވެޔޭ!" ޝާފިޔާ ނިކަން ހިނިއައިސްފައި ބުންޏެވެ. "އައި ލަވް ޔޫ!"

އަހަންނާ ދިމާއަކަށް ޝާފިޔާ ދުވަހަކު ވެސް "ކަލޭ" ނުކިޔާނެއެވެ. ލޯބިވާ ވާހަކައެއް ވެސް ނުބުނެއެވެ. އަހަރެންގެ ހައިރާންކަން ފިލުވައިލީ ކޮފީ ރަހަ އަހަންނަށް އިހުސާސްކުރެވުނީމައެވެ. ޝާފިޔާ ހުރީ ހަމަހެޔަކު ނޫނެވެ. އެހެންވިޔަސް، އެ ރެއަކީ ދުވަހަކު ވެސް އަހަރެންގެ ޑައިރީން ނުފުހެވޭނެ ރެޔެކެވެ.

ޝާފިޔާގެ ކޯސް ނިމި ސެޓުފިކެޓު ދިން ރެޔެވެ. އަހަރެން ހުރީ އެ ރެޔަށް ޓަކައި ދުރާލައި ތައްޔާރުވެގެންނެވެ. ޝާފިޔާއަކީ ވަރަށް ހުވަފެނީ ކުއްޖެކެވެ. ލޯބީގެ ލަވަތަކަށް ހަންމުކުރާ، ޝާއިރީ ދުނިޔެއެއްގައި އުޅޭ ކުއްޖެކެވެ. ސެޓުފިކެޓު ދިން ރޭ ދިމާވީ ހަނދުވަރު ރީތި ރެޔެއްގެ، ހަނދުވަރު އެންމެ ތޫނު ވަގުތާއެވެ. ޝާފިޔާ ގޮވައިގެން އަހަރެން ދިޔައީ މޫދުކައިރިއަށެވެ. އޭރު އަހަރެންގެ ހިތް ހީވަނީ މޭ ފަޅައިފައި ފުންމައިލައިފާނެ ހެންނެވެ. އަހަރެން ޖީބުން އަނގޮޓި ނަގައިފައި ޝާފިޔާއަށް ދިއްކޮށްލީމެވެ. ފިލްމުތަކުން ފެންނަ ގޮތަށެވެ.

"ވިލް ޔޫ މެރީ މީ؟" އަހަރެން ބުނީމެވެ.

"އައްޗީ! ބޭބެ ތި ކަހަލަ ހަޑި ވާހަކަ ނުވާނެއްނު ދައްކާކަށް،" ޝާފިޔާ ހައިރާންވެފައި ބުންޏެވެ. "އަހަރެން މިއޮއްހާ ދުވަހު މިހިރީ ތީ ބްރަދަރއެއް ކަމަށް ހީކޮށްގެން."

ހަށިގަނޑަށް ވީ ގޮތުން، ކޮޅަށް ތެދުވާނެ ހިތްވަރު ވެސް އަހަންނަކަށް ނުލިބުނެވެ. އަހަރެން ދޫކޮށްލައިފައި ޝާފިޔާ ދިޔައީއެވެ. ކަންފަތަށް އިވުނު އެއްޗެއް އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. އާނއެކެވެ. އަހަރުމެންގެ މެދުގައި ލޯބީގެ އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އެކަމަކު ޔަގީނުން ވެސް އަހަރުމެންގެ މެދުގައި އޮތް ގުޅުން ބޭބެއަކަށް ވުރެ ބޮޑުވާނެއެވެ. ޝާފިޔާއަށް އެ ކަން ނޭނގޭނެކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވެއެވެ. އަހަރުމެންގެ އުމުރު އެއްވަރެވެ. ބޭބެއަކަށް ނުދޭ އެއްޗެއް ޝާފިޔާ ދިނެވެ. ކޮއްކޮއަކަށް ނުގަނެދޭ އެއްޗެއް އަހަރެން ގަނެދިނީމެވެ. ޝާފިޔާއަށް އެ ކަން ވެސް ނޭނގޭނެކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވެއެވެ. އޭނައަށް އޮޅުނީކީ ނޫނެވެ. އަހަރުމެންނަށް އޮޅުވައިލީއެވެ. މާލޭގައި ހުރި ދުވަސްކޮޅު، އޭނައަށް ކަންކަން ފަސޭހަކުރުމަށް ޓަކައެވެ.

ކޯސް ނިމުނު ދުވަހު ޝާފިޔާ ފުރައިގެން ރަށަށް ދިޔައެވެ. ކުރިން ބުނި ގޮތަށް، ޝާފިޔާގެ ބައްޕައެއް ނާދެއެވެ. އެއް ގޮތަކީ ޝާފިޔާ ކުރީބައިގައި އެ ކަން ހުއްޓުވީއެވެ. އަނެއް ގޮތަކީ، ރޭވުމުގައި ދެބަފައިން ބައިވެރިވީއެވެ. މާލެއައި އިރު ޝާފިޔާ ގެނައީ ކުޑަކުޑަ އެންމެ ފޮށްޓެކެވެ. ދިޔައީ ބޮޑު ތިން ފޮށްޓާއި، އިތުރު ދެ ދަބަސް ވެސް ހިފައިގެންނެވެ. އަހަރެންނާއި، އަހަރެންގެ އާއިލާއިން ދިން އެއްވެސް އެއްޗެއް ޝާފިޔާ ދޫކޮށެެއްނުލައެވެ. އެންމެ އެއްޗެއް ފިޔަވައެވެ. އެއީ އަހަރެންގެ ނިކަމެތި ހިތެވެ. ޝާފިޔާއަކީ އެހެން މީހެއްގެ އަމާނާތަކަށް ވެދާނެއެވެ. އަހަރެން އެ ކަން ގަބޫލުކޮށްފާނަމެވެ. ކެމެރާގައި ހުރި ފޮޓޯތައް ވެސް ފުހެލެވިދާނެއެވެ. އެކަމަކު އެހެން މީހަކު ދެކެ އަހަރެން ދެން ލޯބިވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ މޮޔަ ހިތަށް އަހަރެން ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟

ނިމުނީ