ސާފް ޗެމްޕިއަންޝިޕަށް ބިޑްކުރީ ރާއްޖެ އާއި ނޭޕާލް
ސާފް ޗެމްޕިއަންޝިޕަށް ބިޑްކުރީ ރާއްޖެ އާއި ނޭޕާލް

މި އަހަރުގެ 13 ވަނަ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ބިޑް ހުށަހަޅައިފި އެވެ.

ބަންގުލަދޭޝްގައި ކުރިން ބާއްވަން އޮތް މުބާރާތް، އެ ގައުމުގައި ނުބޭއްވޭނެ ކަމަށް ނިންމުމުން، ދެކުނު އޭޝިއާގެ ފުޓުބޯޅަ އިދާރާ ސާފުން ވަނީ އަލުން ބިޑަށް ހުޅުވައިލައިފަ އެވެ.

ރާއްޖޭގެ އިތުރުން ނޭޕާލުން ވެސް ބިޑް ހުށަހެޅިއިރު، އިންޑިއާ އިން އެ ކަމަށް ޝައުގުވެރިކަން ފާޅުކުރި އެވެ. ނަމަވެސް އިންޑިއާ އިން ބިޑް ހުށަހެއް ނޭޅި އެވެ.

ސާފް ޗެމްޕިއަންޝިޕް ބާއްވަން ބިޑް ހުށަހެޅުމުގެ ސުންގަޑި އިއްޔެގެ ނިޔަލަށް ހަމަވިއިރު، ބިޑްތައް ދިރާސާ ކުރުމަށް ފަހު މުބާރާތް ބާއްވާނެ ގައުމެއް މި މަހުގެ ފުރަތަމަ ހަފުތާގައި ސާފްގެ އެގްޒެކެޓިވް ކޮމިޓީން ނިންމާނެ އެވެ.

"އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ސާފްގެ އެގްޒެކެޓިވް ކޮމިޓީ ބައްދަލު ކުރުމަށް ފަހު، ފައިނަލް ކުރާނީ ކޮން ގައުމެއްގައިތޯ މުބާރާތް ބާއްވާނީ،" ސާފްގެ ސެކްރެޓަރީ ޖެނަރަލް އަންވާރުލް ހައްގު ބަންގްލަދޭޝްގެ ޖަގޯ ނިއުސް އަށް ކުރިން ވިދާޅުވެފައި ވެ އެވެ.

ރާއްޖެ އިން އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރީ މީގެ ކުރިއެކޭ އެއްގޮތަށް ސްރީ ލަންކާއާ ގުޅިގެން މުބާރާުތް ބޭއްވުމަށެވެ. ސާފް ޗެމްޕިއަންޝިޕް ދެ ގައުމެއް ގުޅިގެން މިހާތަނަށް ބޭއްވީ ރާއްޖެ އާއި ލަންކާގަ އެވެ. އޭރު 2008 ގައި ބޭއްވި އެ މުބާރާތް ރާއްޖެ އިން ކާމިޔާބު ކުރީ ކޮލަމްބޯގެ ސުގަތަދާތަ ސްޓޭޑިއަމްގައި ކުޅުނު ފައިނަލު މެޗުގައި އިންޑިއާ ބަލިކޮށެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާނީ ފަސް ޓީމެކެވެ. އެހެންވެ، މުބާރާތް ލީގު އުސޫލުން ކުޅޭތީ ރާއްޖެ އިން ހުށަހެޅީ ރާއްޖޭގައި އެކަނި މުބާރާތް ކުޅޭ ގޮތަށެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ މެޗުތައް މި މަހު 15-24 އަށް ރާއްޖޭގައި ބާއްވާނެ އެވެ.

ކޮވިޑްގެ ނާޒުކް ހާލަތުގެ ސަބަބުން، ބޫޓާނުގެ ފުޓްބޯޅަ ޓީމު ގައުމުން ބޭރަށް ފުރައިގެން ދާން ހުއްދަ ނުލިބުމުން، އެ ގައުމުން ވަނީ މުބާރާތުގައި ބައިވެރި ނުވާން ނިންމައިފަ އެވެ. ޕާކިސްތާނު އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ. ގުރޫޕް ސްޓޭޖު ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދޭ ދެ ޓީމެވެ.

ރާއްޖެއިން ބިޑް ހުށަހެޅުމަށް ފަހު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ، ސަރުކާރުގެ ފަރާތުން ދިން އެއްބާރުލުން ފާހަގަ ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސްޕޯޓްސް މިިނިސްޓަރު އަހްމަދު މަހްލޫފަށް ޝުކުރު އަދާކުރައްވައިފަ އެވެ. ސާފް ޗެމްޕިއަންޝިޕް ނޭޕާލްގައި ބޭއްވުމަކީ އެ ގައުމުގެ ސަރުކާރުން ވެސް އަހަމިއްޔަތުކަން ދީފައިވާ ކަމެކެވެ.

ޖުލައި 13 ވަނަ ދުވަހާ ހަމައަށް، ނޭޕާލްގެ ބޮޑުވަޒީރު ކަމުގައި ހުންނެވި، ކޭޕީ ޝަރުމާ އޮޅީ މަގާމުން ވަކިވެވަޑައިގެންނެވުމުގެ ކުރިން ވަނީ ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ތައްޔާރީތައް ވުމަށް އޯލް ނޭޕާލް ފުޓްބޯލް ފެޑްރޭޝަނަށާއި އެ ގައުމުގެ ސްޕޯޓްސް ކައުންސިލަށް ގޮވާލައްވައިފަ އެވެ.

"ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަހަރެން ގޮވާލަން މުބާރާތް ކާމިޔާބު ކުރަން ބުރަކޮށް މަސައްކަތް ކުރަން،" ބޮޑުވަޒީރުގެ މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން އޯލީ ވިދާޅުވެފައި ވެއެވެ.

"ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ގާބިލުކަން ނޭޕާލްގައި އެބަހުރި."

ކޮންމެ ގައުމަކުން ބިޑް ކާމިޔާބު ކުރިޔަސް، އެކަން ވާނީ 13 ވަނަ ސާފް ޗެމްޕިއަންޝިޕް ބާއްވަން ބިޑް އެވޯޑް ކުރާ ތިން ވަނަ ގައުމަށެވެ. އެންމެ ފުރަތަމަ ޕާކިސްތާންގައި ބާއްވަން އިއުލާން ކުރި މުބާރާތް ބަންގްލަދޭޝް އަށް ބަދަލުކުރީ އެ ގައުމުން އެދުމުން ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެއީ އެ ގައުމުގެ ބާނީ ޝައިހް މުޖީބުއް ރަހްމާން (ބަންގުބަންދު) އުފަންވެ ވަޑައިގެންނެވިތާ 100 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ބާއްވަން އޮތް މުބާރާތް މި އަހަރަށް ފަސް ކުރީ ކޮވިޑާ ގުޅިގެންނެވެ. ސާފުގެ މިހާރުގެ ވިސްނުމަކީ އޮކްޓޫބަރު މަހު ފުރަތަމަ ދެ ހަފުތާގެ ތެރޭގައި މުބާރާތް ބޭއްވުމެވެ. ނަމަވެސް އެކަން ރަސްމީކޮށް އަދި ނިންމައިފައެއް ނުވެ އެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ވެސް ބޭއްވި ބަންގްލަދޭޝްގަ އެވެ. އެ ފަހަރުގެ މުބާރާތް ރާއްޖެ އިން ކާމިޔާބު ކުރީ އިންޑިއާ ބަލި ކުރުމަށް ފަހު އެވެ.