27 ނޮވެމްބަރ 2016 - 06:16

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)
ރެސްޓޯރެންޓުގެ ހިތްގައިމު މާޙައުލަކަށް ނާހިދުގެ ސަމާލުކަމެއް ނެތެވެ. ކުރިމަތީގައި ހުރި މީރު ކެއުމާއި، އިވެމުންދިޔަ ރީތި ރާގަކަށް ވެސް ނާހިދު ނުވިސްނައެވެ. ވިސްނެނީ އެންމެ ކަމަކަށެވެ. ކުރިމަތީގައި އިން އަންހެންކުއްޖާގެ ހިތުގައި އޮތް އެއްޗަކާ މެދުގައެވެ. ދައްކަން އެންމެ ބޭނުމީ އެ ވާހަކައެވެ. އެންމެ އުނދަގުލީ ވެސް އެ ވާހަކައެވެ.
ރިންޒީ އާއި ނާހިދުގެ އުމުރަކީ ވެސް ބާވީސް އަހަރެވެ. ދަތުރުފަތުރު ކުރުމަށް ދެ މީހުން ވެސް ލޯބިކުރެއެވެ. ތަފާތު ޤައުމުތަކުގެ ރަހަތަކާއި، ސަޤާފަތާއި، ބިނާތަކަށް ވެސް ލޯބިކުރެއެވެ. ދެ މީހުން ޝައުޤުވެރިވާ މިޔުޒިކާއި ކުޅިވަރު ވެސް ދާދި އެކައްޗެކެވެ. އެކަމަކު، ތަފާތުވި ކަންތަކުގެ ފަރަޤު ވަރަށް ބޮޑެވެ. ނާހިދު ނިސްބަތްވަނީ ވަރަށް މުއްސަނދި ޢާއިލާއަކަށެވެ. ހޮސްޓަލުގެ ބަދަލުގައި ހޮޓަލެއްގައި ނާހިދު ހުންނަ ސަބަބަކީ ވެސް އެއީއެވެ. ތަނަވަސްކަމަކީ ކޮބައިކަމެއް ރިންޒީއަކަށް ނޭނގެއެވެ. ފައިސާގެ ދަތިކަން ވަރަށް ބޮޑެވެ. މައިންބަފައިން ވަޒީފާއަދާނުކޮށް ދެކޮޅުޖެހޭނެ ދުވަހެއް ފެންނާނެކަމުގެ އެއްވެސް އުންމީދެއް ރިންޒީއަކަށް ނެތެވެ. ރަޝިޔާއަށް ދިޔުމުގެ ފުރުޞަތު ލިބުމުން، ދަތުރު ކެންސަލުކުރަން ވެސް ރިންޒީ ވިސްނިއެވެ. ފިނިއިރުލާ ހެދުމެއް ގަނެވޭނެ ގޮތެއް ނެތީމައެވެ. ރައްޓެއްސެއްގެ އެހީތެރިކަން ނުލިބުނު ނަމަ ރިންޒީ ހުރީހީ މާލޭގައެވެ. ނާހިދު ފެނުނީ ރިންޒީ ހޮޓަލަށް އައި ފުރަތަމަ ދުވަހުއެވެ. ދެ މީހުންގެ ހަތަރުކަޅި ބައްދަލުވީ އެންމެ ދެ ސިކުންތަށެވެ. އިސްނަގައި ވާހަކަދެއްކީ ނާހިދެވެ. ނޫން ނަމަ، ރިންޒީ ފުރައިގެންދިޔައީހީ ވެސް ބީރައްޓެއްސެއްގެ ގޮތުގައި ހުރެއެވެ. އިސްވެ ވާހަކަދެއްކުމަކީ ރިންޒީގެ ހުންނަ ސިފައެއް ނޫނެވެ.
ކެއުމަށް އިންސާފު ކުރުމަށް ފަހު، އެނބުރި ހޮޓަލަށް އައި މަގުމަތީގައި ނާހިދު ބައެއް އެއްޗެހި ގަތެވެ. ގިނައީ، ހޮޓަލެއްގައި ހުންނަ މީހަކު ގަންނަން ނުޖެހޭނެ ކަހަލަ އެއްޗިއްސެވެ. ޙަޤީޤަތަކީ އެއީއެވެ. އެ ސާމާނުތަކުން ނާހިދު ހިފަން ގަސްތުކޮށްފައި އޮތީ އެހެން ބޭނުމެކެވެ. ހޮޓަލަށް ގޮސްފައި ކާރުން ފޭބިއިރު، އެކަކަށް ހިފޭ ވަރަށް ވުރެ ގިނަ ސާމާނު ހުއްޓެވެ. ރިންޒީ އެހީވިއެވެ. ނާހިދާ އެކުގައި ކޮޓަރިއަށް ވަނެވެ. އެނދުމަތީގައި އެއްޗެހިތައް ބެހެއްޓިތަނާ ނާހިދު ބަލި ހަނދާނެއްވި ކަމަށް ހެދުނެވެ.
"އެބަ އަންނަން." ނާހިދު ނުކުމެގެން ދިޔައެވެ.
ރިންޒީ މަޑުކުރިއެވެ. ނާހިދު ނާންނަނީސް ދާން ރިންޒީއަށް ނުކެރުނީއެވެ. ނާހިދު އުންމީދުކުރި ގޮތަކީ ވެސް އެއީއެވެ. ކޮޓަރީގެ އެތައްމިތަނަށް ނަޒަރުހިންގަމުން ރިންޒީ އެނދުގައި އިށީނދެލިއެވެ. ރީތިކޮށް ތަންމަތިއަޅައިފައިވާ އެނދުމަތީގައި އޮތީ އެންމެ އެއްޗެކެވެ. ޑައިރީއެކެވެ. އެއީ، ރިންޒީއަށް ދެއްކުމަށްޓަކައި ނާހިދު ކޮށްފައިވާ ކަމެކެވެ. މީހެއްގެ ޑައިރީ ކިޔުމަކީ ރިންޒީ ދުވަހަކު ވެސް ކުރިކަމެއް ނޫނެވެ. ކުރަން ބޭނުންވި ކަމެއް ވެސް ނޫނެވެ. އެކަމަކު، ނާހިދެއް ނައެވެ. ފޯނަށް ގުޅުމުން ޖަވާބެއް ނުލިބުނެވެ. ދެ ފިކުރެއްގައި އިނދެފައި ރިންޒީ ޑައިރީ ނެގިއެވެ. އެ ޑައިރީ ލިޔަން ފަށައިފައިވަނީ ރިންޒީއާ އެކުގަ ނާހިދު މުޅި ދުވަސް ހޭދަކުރި ތާރީޚުން ފެށިގެންނެވެ. އިނގެރޭސިބަހުންނެވެ. އެ ދުވަހުގެ ވަގުތުތައް ވަކިވަކީން ލިޔެފައިވެއެވެ.
އަށްގަޑި ސުން މިނެއްޓެވެ. އިރު އެރިއެވެ. މުޅި ޖައްވުގައި އޮތީ ފުސްކަމެވެ. އެކަމަކު، ހޮޓަލުގެ ދޮރުން އަރައިގެން އައި އިރުގެ ހޫނުކަން އަހަންނަށް އިހުސާސް ކުރެވުނެވެ. ފުސްކަމެއް ނެތް ސާފު ދެ ލޮލުން ބަބުޅަމުންދިޔައީ އުފާވެރިކަމެވެ. އެހާ ފަތިހުގެ ވަގުތެއް ބުނީމަ ވެސް އޭނަ ބަރާބަރު ގަޑިއަށް އެ އައީ، އަހަރެން ދެކެން އޭނަ ބޭނުންވެފައި ހުރީމައިބާއެވެ؟ އަހަންނަށްޓަކައި އެ ހިތުގައި ކޮންމެވެސް އެއްޗެއް އޮތީބާއެވެ؟ އަހަރެން ލޯބިވާވަރު އޭނައަށް ނޭނގޭތީ އަހަރެން އަޖައިބުވެއެވެ.
އަށްގަޑި ފަސް މިނެއްޓެވެ. އަހަރުމެން ތިބީ ދަތުރުމަތީގައެވެ. އަހަރެންގެ ގައިގައި ލެނގިލައިގެން އިންނާކަށް އޭނަ ޖެހިލުމެއް ނުވިއެވެ. ކީއްވެބާއެވެ؟ ނިދީގެ އަސަރު އެ ރީތި ދެ ލޮލަށް ވެރިވެފައިވާލެއް ބޮޑީ ހެއްޔެވެ؟ ނޫން ނަމަ، ކޮންމެވެސް އެއްޗެއް އަންގައިދޭން އޭނަ ބޭނުންވަނީ ހެއްޔެވެ؟ ލެވެންޑާމަލުގެ މީރުވަސް އެ އިސްތަށިގަނޑުން އަހަރެން އިހުސާސް ކުރީމެވެ.
އަށްގަޑި ދިހަ މިނެއްޓެވެ. އޭނައަށް ހެނދުނުވަނީ ކޮފީގެ ރަހަ އަރުތެރެއަށް ދިޔައިމައެވެ. އޭނައަށް ސިއްރުން އޭނަގެ ފޮޓޯއެއް އަހަރެން ނެގީމެވެ. އިސްތަށިގަނޑު ރީތިކޮށްލަން އޭނަ ކުރި ހަރަކާތް އަހަރެންގެ ފޯނުގައި ރައްކާކޮށްލީމެވެ. ކިތަންމެ ވާހަކައެއް އޭނަ ދެއްކިއެވެ. އަހަރެން އަހަން ބޭނުންވީ އޭނަ ނުދެއްކި ވާހަކައެވެ.
އަށްގަޑި ސާޅީސް މިނެއްޓެވެ. އޭނަ ބޭނުންވީ ކޮންމެވެސް އެހެން ތާކަށް ދާށެވެ. އޭނަ ބޭނުންވީ ކޯރެއް އޮތް ހިސާބަކަށް ދާށެވެ. އެ ތަނުގައި ފޮޓޯނަގަން ވެސް އޭނަ ބޭނުންވިއެވެ. އާނއެކެވެ. އުޑުން ތަރިއެއް ގެނެސްދޭން އޭނަ އެދުނު ނަމަވެސް، އެ ކަން ވެސް ކުރެވޭތޯ އަހަރެން ބެލީމުހެވެ. ފަހަރެއްގައި ވެސް އޭނަގެ ފަރާތުން އިޝާރާތެއް ލިބޭތޯއެވެ. އަހަރެން ލޯބިވާ ވާހަކަ ބުނާނެ ހިތްވަރު އަހަންނަށް ދޭތޯއެވެ.
ޑައިރީ އެ ހިސާބަށް ކިޔުނުތަނާ ނާހިދުގެ ކޯލެއް އައެވެ. ލަސްވިކަމަށްޓަކައި މާފަށް އެދުނެވެ.
"މި ދަނީ،" ނާހިދު ބޭނުންވީ އަންގައިފައި ކޮޓަރިއަށް ވަންނާށެވެ. "މިހާރު މިހިރީ ލިފްޓުގަ."
ރިންޒީ އަވަސްއަވަހަށް ޑައިރީ ބޭއްވިއެވެ. ނާހިދު ކޮޓަރިއަށް ވަންއިރު ރިންޒީ ހުރީ ލޯގަނޑު ކައިރީގައި އިސްތަށިގަނޑު ރީތިކުރާށެވެ. ކޮންމެވެސް އެއްޗެއް ބުނާނެކަމަށް ނާހިދު އުންމީދުކުރިއެވެ. އެހެންނަމަވެސް، އިރުކޮޅަކު ވާހަކަދައްކަން އިނދެލައިފައި ރިންޒީ ނުކުމެގެން ދިޔައީއެވެ. ޑައިރީ ބެލިކަން ނުވަތަ ނޫންކަން ޔަގީންކުރަން ނާހިދަށް އުނދަގޫވިއެވެ. ފޮތް އޮތީ، ކުރިން ވެސް އޮތް ގޮތަށެވެ. އެއްވެސް ތަފާތެއް ނެތެވެ. އެހެން މީހެއްގެ ޑައިރީ ނުކިޔުމަކީ ރީތި ސިފައެކެވެ. ނާހިދު އެ ކަން ގަބޫލުކުރިއެވެ. އެކަމަކު، ކިއި ނަމަ ނާހިދު މާ އުފާވީހެވެ.
ފުރަން އޮތް ދުވަހު ރިންޒީ ވަރަށް ބޮޑަށް ހުންއައެވެ. ޑޮކްޓަރަށް ދައްކަން ހަދާނެ އެއްވެސް ގޮތެއް ރިންޒީއަކަށް ނޭނގުނެވެ. ކިލާހަށް ނުގޮސް ނާހިދު އެ ދުވަހު ހުރީ ރިންޒީގެ ޚިދުމަތުގައެވެ. ހޮޓަލަށް ޑޮކުޓަރު ގެނެސް، ބޭސްނަގައިދީފައި އެ ހިސާބުން ނިންމާލީކީ ނޫނެވެ. ބޭސްދިނީ ނާހިދެވެ. ކާންދިނީ ވެސް ނާހިދުގެ އަތުންނެވެ. އެއްފަހަރު ނާހިދު ގަޔަށް ރިންޒީއަށް ހޮޑުލެވުނެވެ. ރިންޒީ ވަރަށް ލަދުގަތެވެ. އެހެންވިޔަސް، ވީކަމެއް ނުވާ ކަމަކަށް ނުހެދޭނެއެވެ. ހިތުގެ އަޑު އިއްވާލަން ކިތަންމެ ދަނޑިވަޅެއް ނާހިދަށް ލިބުނެވެ. ހުން އެންމެ ގަދަވި ގަޑީގައި ރިންޒީއަށް ކިޔޭނުކިޔޭ އެއްޗެއް ނޭނގެއެވެ.
"ވަރަށް ލޯބިވޭ އިނގޭ!" ތަކުރާރުކޮށް ރިންޒީ ބުންޏެވެ. "މަގޭ ގާތުގަ އޮށޯވެލައިގެން އޮވެބަލަ!"
ނާހިދު އެހެނެއް ނަހަދައެވެ. ހާލަތުގެ ނާޖާއިޒު ފައިދާއެއް ނުނަގައެވެ. އަޑު ރެކޯޑުކޮށްލަން އެއްފަހަރަކު ހިތަށްއެރިއެވެ. އެ ކަން ވެސް ކުރާކަށް ނުކެރުނެވެ.
"ނާހިދު ވެސް ވަރަށް ލޯބިވޭދޯ؟" ބުއި ބޭހުގެ ސަބަބުން ނިދެމުންދިޔައިރު ރިންޒީ ބުނެލިއެވެ. "ދޯ ދޯ ދޯ!"
ލާނެތް ހިންޏެއް އައިސްފައި ނާހިދު އިނެވެ. އެ ވަގުތު ރިންޒީގެ ލޯބިވެރިޔާގެ ކޯލެއް އައެވެ. ފުރާ ވަގުތު އަހަންކަމަށް ވެސް ވެދާނެއެވެ. ފޯނު އޮތީ ވައިބްރޭޓަށް ލައިފައެވެ. ނަމަކަށް އަރައިފައި އޮތީ "ލޯބި" އެވެ. ފޮޓޯއަކަށް ލައިފައި އޮތީ ރިންޒީއާ އެކުގައި ނަގައިފައިވާ ގައިގޯޅި "ސެލްފީ" އެކެވެ. އެ ފޮޓޯ ބަލާކަށް ނާހިދަކަށް ކުޅަދާނައެއް ނުވިއެވެ. ފޯނު އަނެއް ފުށުންޖެހީ އެހެންވެއެވެ. ހުން ފިލީ ދަންވަރުއެވެ. ނާހިދު ނިދަން ދިޔައީ، އިތުރު ގަޑިއެއްހާއިރު މަޑުކޮށްފައެވެ.
ޖެހިގެން އައި ދުވަހެވެ. ފުރަން ތައްޔާރުވެގެން ރިންޒީ ނުކުތްއިރު، ނާހިދު ދޮރުމަތީގައި ހުއްޓެވެ. ފޮށި ގެންގޮސްދިނީ ނާހިދެވެ. އެއާޕޯޓަށް ދާނެ ހިތްވަރެއް ނާހިދުގެ ނެތެވެ.
"ނާހިދު ދިމާނުވި ނަމަ ނޭނގެ މަށަށް ވާނެ ގޮތެއް ވެސް،" ޓެކްސީއަށް އެރުމުގެ ކުރިން ރިންޒީ ބުންޏެވެ. "މަށަށް ވަރަށް އުނދަގޫ ކުރެވިއްޖެ ދޯ! ދެން ނުކުރާނަން. ބައި!"
ސަލާންކުރަން ދިއްކުރި އަތުގައި ހިފާކަށް ނާހިދަކަށް ނުކެރުނެވެ. އިރުކޮޅަކު އަތަށް ބަލަހައްޓައިގެން ހުއްޓެވެ. ނާހިދުގެ އަތުގައި ހިފައި "ގަދަކަމުން" ސަލާމްކުރީ ރިންޒީއެވެ. އެ އަށް ފަހު ރިންޒީ ކާރަށް އެރިއެވެ. އިސާހިތަކު ނާހިދުގެ ލޯމަތިން ކާރު ގެއްލުނެވެ. ރިންޒީ އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. އެ ފޯނުގައި ނާހިދުގެ އެތައް ފޮޓޯއެއް ހުއްޓެވެ. މުޅީން ވެސް ނާހިދަށް ސިއްރުން ނަގައިފައިވާ ފޮޓޯއެވެ. ރިންޒީގެ ލޯބިވެރިޔާދެކެ ރިންޒީ އިންތިހާއަށް ލޯބިވެއެވެ. ފަހަރެއްގައި ވެސް ވަކިވާކަށް ބޭނުމެއް ނޫނެވެ. ނާހިދާ ދިމާވީ ހޮޓަލަށް އައި ފުރަތަމަ ދުވަހުއެވެ. ހަތަރުކަޅި ބައްދަލުވީ އެންމެ ދެ ސިކުންތަށެވެ. ރިންޒީގެ ހިތުގެ ވިންދު އަވަސްވިއެވެ. ފޮނި ތަދެއް އިހުސާސް ކުރެވުނެވެ. އެހެން މީހަކަށް އެ ކަން ނޭންގިޔަސް، ރިންޒީގެ ހިތުގައި ނާހިދުގެ ސޫރަ ބިންވަޅުނެގުނެވެ. އެހެންވާންޖެހޭ އެއްވެސް ސަބަބެއް ނެތީހެވެ. ނާހިދު ކުރި ހުރިހާ އިޝާރާތެއްގެ މާނަ ރިންޒީއަށް އެނގުނެވެ. ނޭނގުނީ އެ ލޯބި ގަބޫލުކުރަން ދައްކާނެ އުޒުރެކެވެ. ސިކުންތުކޮޅެއް ތެރޭގައި ލޯބިވެރިޔާމަތިން ހަނދާންނައްތާލި މީހަކަށް ވާން ރިންޒީއަށް ނުކެރުނީއެވެ. ރިންޒީއަށް ނޭނގޭ އެއްޗެއް ނާހިދުގެ ޑައިރީއަކު ނެތެވެ. އެނގޭކަމަށް ހެދެން ރިންޒީގެ ނަފުސު ބޭނުންނުވީއެވެ.
"އެއީ ކީއްވެގެން ވާގޮތެއް؟" ހިތާހިތުން ރިންޒީ ބުނެލިއެވެ. "އެންމެ ދެ ސިކުންތު ތެރޭގަ ލޯބިވެވޭނީ ކިހިނެއް؟ ތި ލޯބި ގަބޫލުކޮށްފިއްޔާ މަގޭ ނޯންނާނެ އެއްވެސް އަގެއް؟ އެނގޭ ނާހިދު ބުނަން އުޅުނީ ކީކޭކަން. އެނގޭ މަގޭ ސިގުނަލަކަށް ބަލަބަލާހުރިކަން ވެސް. އެކަމަކު، އެހާ ޗީޕްވާން ނުކެރުނީ. ލޯބިވޭ! ހަމަ ވަރަށް ލޯބިވޭ! ނާންގާނަން އެ ކަމެއް. ދުވަހަކު ވެސް ނާންގާނަން."
ނާހިދު ހުރީ ރިންޒީ ހުރި ކޮޓަރި ކައިރީގައެވެ. ކިތަންމެ އިރަކު ހުއްޓަސް ދެން ރިންޒީ އެ ކޮޓަރިން ނުނިކުންނާނެކަން ނާހިދަށް އެނގެއެވެ. ރިންޒީއަކީ މެހުމާނެކެވެ. ދުވަސްކޮޅަކު ހިތުގައި މަޑުކޮށްލުމަށް ފަހު ފުރައިގެން ދިޔައީއެވެ. އެކަމަކު، އެ ފިޔަވަޅު ނާހިދުގެ ހިތަކުން ނުފިލާނެއެވެ. ދުވަހަކު ވެސް ނުފޮހެވޭނެއެވެ. އެއީ ކީއްވެގެންކަމެއް ނާހިދަކަށް ނޭނގެއެވެ. އެނގޭ އެއްޗަކީ، ސިކުންތެއްގެ ތެރޭގައި ވެސް މީހެއްދެކެ ލޯބިވެވިދާނެއެވެ. ލޯބިވާން ސަބަބެއް ބޭނުންނުވާ ކަމެވެ.
ނިމުނީ