ޔާމީނަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް މާދަމާ
ޔާމީނަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

މާދަމާ އަށް ތާވަލު ކޮށްފައިވަނީ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށް ކުރާ މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއްގެ ޝަރީއަތެވެ.

ކްރިމިނަލް ކޯޓުގައި މި އަޑުއެހުން ތާވަލު ކޮށްފައިވަނީ ހެނދުނު 9:00 އަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް މި އަހަރުގެ މެއި މަހު 30 އަށް ތާވަލު ކުރި ނަމަވެސް ކޮވިޑުގެ ހާލަތު ގޯސްވެފައި އޮތުމުން އޭރު ވަނީ މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފަ އެވެ.

ޔާމީން މިހާރު ވެސް ހުންނެވީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެއީ އެމްއެމްޕީއާރުސީ މެރުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑިލަރު ލޯންޑަ ކުރި މައްސަލައިގަ އެވެ. މި މައްސަލައިގައި އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ.