އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުން އަންނަ މަހު ރާއްޖެ އުނިކޮށްފާނެ
އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުން އަންނަ މަހު ރާއްޖެ އުނިކޮށްފާނެ

އަންނަ މަހުގެ ރިވިއުގައި ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ އުނިވުމުގެ ފުރުސަތު ބޮޑު ކަމަށް އިނގިރޭސިވިލާތުގެ ޓްރެވަލް އެކްސްޕާޓުން ބުނެފި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް އިނގިރޭސިވިލާތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެ ގައުމަށް އެތެރެވުމުގައި ގައުމުތައް ގިންތިކުރާ ލިސްޓު އަންނަ މަހުގެ 4 ނުވަތަ 5 ވަނަ ދުވަހު ރިވިއު ކުރާނެ އެވެ.

ރާއްޖެއަކީ އިނގިރޭސިވިލާތުން ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމެއް ނަމަވެސް، މިދިޔަ މެއި މަހު ކޮވިޑްގެ ދެވަނަ ރާޅާ އެކު އިނގިރޭސިވިލާތުން ވަނީ ރާއްޖެއަކީ ދަތުރުކުރުން މަނާ ގައުމެއްގެ ގޮތުގައި ކަނޑައަައިފަ އެވެ. އެހެންވެ ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރާ އެންމެވެސް 10 ދުވަހު ކަރަންޓީނު ވާންޖެހޭނެ އެވެ.

މިވަގުތު އިނގިރޭސިވިލާތަކީ ރާއްޖެއަށް އަށް ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.

އިނގިރޭސިވިލާތުގެ ޓްރެވަލް އެކްސްޕާޓު ސައިމަން ކޯލްޑާ ވިދާޅުވީ، ދެން ހަދާ ރިވިއުގައި ރާއްޖެ އެމްބާ ލިސްޓުގައި ހިމެނުން ވަރަށް ގާތެވެ. އެމްބާ ލިސްޓަށް ލުމުން ގައުމުން ބޭރުވުމުގެ ކުރިން ކޮވިޑް ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހޭނެ އެވެ. އަދި އެނބުރި ގައުމަށް ގޮސް ހޯމް ކަރަންޓީނު ވާން ޖެހޭނެ އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ، ފިޔަވަޅުތަކަށް ވަރަށް ބޮޑު ލުޔެއް ދީފައިވެ އެވެ. އިނގިރޭސިވިލާތުން ޓޫރިސްޓުން އަލުން އަންނަން ފެށުމުން އަނެއްކާ ވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ޓޫރިޒަމަ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެފައިވެ އެވެ.