ގައުމު ސަލާމަތް ކުރުމުގެ ކެމްޕެއިނެއް ޕީޕީއެމުން ފަށައިފި، ދައުވަތު ހުރިހާ ލީޑަރުންނަށް
ގައުމު ސަލާމަތް ކުރުމުގެ ކެމްޕެއިނެއް ޕީޕީއެމުން ފަށައިފި، ދައުވަތު ހުރިހާ ލީޑަރުންނަށް

ގައުމު މިނިވަން ކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމުން މިރޭ އިފުތިތާހުކުރި ހަރަކާތުގައި ބައިވެރިވުމަށް އެ ޕާޓީން ސިޔާސީ ހުރިހާ ލީޑަރުންނަށް މިރޭ ދައުވަތު އަރުވައިފި އެވެ.

ގައުމު ސަލާމަތް ކުރުމުގެ ކެމްޕެއިނެއް ޕީޕީއެމުން ފަށައިފި، ދައުވަތު ހުރިހާ ލީޑަރުންނަށް
ގައުމު ސަލާމަތް ކުރުމުގެ ކެމްޕެއިނެއް ޕީޕީއެމުން ފަށައިފި، ދައުވަތު ހުރިހާ ލީޑަރުންނަށް

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ކުރިއަށް ގެންދާ އެ ކެމްޕެއިން ފެށުމަށް ޕީޕީއެމުން ބޭއްވި ޖަލްސާގައި، އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، މި ވަގުތު ގައުމުގެ މިނިވަންކަން އޮތީ ނާޒުކު ހާލަތަކަށް ގޮސްފައި ކަމަށާއި ގައުމު ސަލާމަތް ކުރަން އެ ޕާޓީ އާއި އެހެން ޕާޓީތަކުގެ ހުރިހާ އެންމެން ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ މަސައްކަތްތައް ކޮށްގެން ވެރިކަމަށް އަންނަން ބޭނުންވާ މީހުންނަށް ވެސް އެ ކަން ކުރެވޭނީ މިނިވަންކަންމަތީ ރާއްޖެ އޮވެގެން ކަމަށެވެ.

ބައެއް ސިޔާސީ ލީޑަރުންގެ ނަން ވިދާޅުވެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ދައުވަތު އަބްދުއްރަހީމް މިރޭ އެރުވި އެވެ.

އޭނާ އެންމެ ފުރަތަމަ ދައުވަތު އެރުވީ ކުރީގެ ރައީސް އަދި މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ މައުމޫން އަބްދުލްގައްޔޫމަށެވެ. މައުމޫންގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އަލަށް އުފައްދަން މަސައްކަތްކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިސް މެމްބަރު ދަނގެތި ދާއިރާގެ މުހައްމަދު ނާޒިމް ވެސް ގައުމު މިނިވަންކުރުމަށް ޕީޕީއެމުން ފެށި މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވަން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަދި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ޕީޕީއެމާއެކު އެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވަން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ވެރިކަމަށް ވަޑައިގަންނަވަން ބޭނުންވާ ހުރިހާ ބޭފުޅުން ކުރައްވަންވީ ކަމަކީ އަޅުވެތި ކަމުން ސަލާމަތްކޮށް، ފަހުރުވެރި މިނިވަންކަން ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ވާހަކަ ނިންމަވައިލެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ޕީޕީއެމްގެ އެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވަމުންނެވެ.

"އިސް ސަފުގައި ޕާޓީ ހައްދަވައިގެން މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން މި ގައުމީ ހަރަކާތުގައި ބައިވެރިވާން ގޮވާލަން. ސިޔާސީ މަސައްކަތް ކޮށްގެން ވެރިކަމަށް އާދެވޭނީ ގައުމު އޮވެގެން،" ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެ ކެމްޕެއިންގައި ބައިވެރިވުމަށް ނަން ނޯޓު ކުރުން ވަރަށް އަވަހަށް ފަށާނެ އެވެ. އެކަމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ފަހަަކަށް އައިސް ގިނަ ކޮށްފައިވާ އިރު، އެ ޕާޓީން ވަނީ މެންބަރުން އިތުރު ކުރުމުގެ މަސައްކަތެއް ވެސް ފަށައިފަ އެވެ. އެގޮތުން ކުރިން ޕީޕީއެމުން ވަކިވި ގިނަ މެންބަރުންނާއި އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ ޕީޕީއެމާ ގުޅިފަ އެވެ.