މީހުން ޓްރެފިކް ކުރުމާ ދެކޮޅަށް ހާއްސަ ސްޓްރެޓަޖީއެއް އެކުލަވާލަނީ
މީހުން ޓްރެފިކް ކުރުމާ ދެކޮޅަށް ހާއްސަ ސްޓްރެޓަޖީއެއް އެކުލަވާލަނީ

އިންސާނީ ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކޮމިއުނިކޭޝަން ސްޓްރެޓަޖީއެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ވޯލްޑް ޑޭ އެގެއިންސްޓް ޓްރެފިކިން އިން ޕާސަންސް 2021" ގެ މުނާސަބަތުގައި އެކަމަނާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންސާނީ ވަގުފާރީއަކީ އިންސާނީ ހައްގުތަކާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއް ކަމަށާއި އެ މީހުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.

އެގޮތުން ވިކްޓިމް އެސިސްޓަންސް އަދި ޝެލްޓާ ސާވިސް ރެގިއުލޭޝަނެއް އެކުލަވައިލުމާއި، ވަގުފާރިއާ ދެކޮޅަށް ކޮމިއުނިކޭޝަން ސްޓްރެޓެޖީއެއް އެކުލަވައިލުމުގެ މަސައްކަތް ޑިފެންސް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް މާރިޔާ ވިދާޅުވި އެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ގައުމުތަކުން ކުރާ މަސައްކަތްތައް ދިރާސާކޮށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ނެރޭ ޓްރެފިކިން އިން ޕާސަންސް (ޓިޕް) ރިޕޯޓުގައި 2017 ވަނަ އަހަރު ރާއްޖޭން ކުރާ މަސައްކަތް ވޮޗްލިސްޓަށް ވަނީ އަރައިފަ އެވެ. ނަމަވެސް މި މަހުގެ އެއް ވަނަ ދުވަހު، ވޮޗްލިސްޓުން އުނިވެ، ޓިއާ 2 އަށް ރާއްޖެ ވަނީ ޕްރޮމޯޓްވެފައެވެ.

އެއީ ކޮވިޑް-19 ގެ ހާލަތުގައި ވެސް އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއް ކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފަ އެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެކުލަވާލައްވާފައިވާ އެކްޝަން ޕްލޭންގެ ދަށުން، ހާސިލްކޮށްފައިވާ މުހިންމު ކުރިއެރުންތަކުގެ ތެރޭގައި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހާއްސަ ޝެލްޓަރެއް ގުޅީފަޅުގައި ގާއިމް ކުރުމާއި، ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް އެންޓިވޓްރެފިކިން އިން ޕާސަންސް (އެންޓި-ޓިޕް) އޮފީސް ގާއިމް ކުރުމަށާއި އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖައްސާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އަދި މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ބެހޭ ގާނޫނު، އ.ދ ގެ ޓިޕް ޕްރޮޓޮކޯލްއާ އެއްގޮތް ކުރަން އެ ގާނޫނަށް ބަދަލު ގެނެސްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.