30 ޖުލައި 2021 - 17:35

ނަންޖިން (ޖުލައި 30) - ޗައިނާގެ ސިޓީއެއް ކަމަށްވާ ނަންޖިންގައި ފެތުރެން ފެށި ކޮވިޑް އިތުރު ފަސް ޕްރޮވިންސަކަށާއި ވެރިރަށް ބެއިޖިންއާ ހަމައަށް ވާސިލްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޗައިނާގެ މީޑިއާތަކުން ބުނި ގޮތުގައި މިއީ ވޫހާން ސިޓީ އަށް ފަހު އެންމެ ފުޅާކޮށް ކޮވިޑް ފެތުރެން ފެށި ފަހަރެވެ. ނަންޖިން އެއާޕޯޓުން މި މަހު 20 ވަނަ ދުވަހު ފުރަތަމަ ކޮވިޑް ފެނުނު ފަހުން މިހާތަނަށް ވަނީ 200 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ. ނަންޖިން އެއާޕޯޓުގެ ހުރިހާ ފްލައިޓެއް މިހާރު ވަނީ އޮގަސްޓް 11 އާ ހަމައަށް ސަސްޕެންޑްކޮށްފަ އެވެ.
ކަމާބެހޭ އޮފިޝަލުން މިހާރު ވަނީ ނަންޖިން ސިޓީގައި ވަރަށް ފުޅާ ދާއިރާއެއްގައި ޓެސްޓް ކުރަން ފަށައިފަ އެވެ. ޒިންހުއާ ނިއުސް އެޖެންސީން ބުނީ އެ ސިޓީގެ 9.3 މިލިއަން މީހުން ޓެސްޓް ކުރާނެ ކަމަށެވެ.
އޮފިޝަލުން ލަފާކުރަނީ ނަންޖިންގައި މިހާރު ފެތުރެމުން ދަނީ ޑެލްޓާ ވޭރިއަންޓް ކަމަށެވެ. އަދި އެއާޕޯޓުން ވައިރަސް ފެނުމަކީ ވެސް އަވަހަށް ފެތުރިގަތުމުގެ ސަބަބެއް ކަމަށް ބުނެފައިވެ އެވެ. ކޮމިއުނިސްޓް ޕާޓީގެ ޑިސިޕްލިނަރީ ބޮޑީން ވަނީ އެއާޕޯޓުގައި ސުޕަވިޝަން ދަށް ކަމަށް ބުނެ ފާޑު ކިޔައިފަ އެވެ.
ޓެސްޓްތަކުން އެނގިފައިވާ ގޮތުގައި ވަައިރަސް މިހާރު ވަނީ 13 ސިޓީއަކަށް ފެތުރިފަ އެވެ. އޭގެ ތެރޭގައި ޗެންދޫ އާއި ބެއިޖިން ވެސް ހިމެނެ އެވެ.
ނަންޖިންގެ އޮފިޝަލުން ބުނެފައި ވަނީ ބަލި ޖެހުނު މީހުންގެ ތެރޭން ހަތް މީހެއްގެ ހާލު ސީރިއަސް ކަމަށެވެ. ޑެލްޓާ ވޭރިއަންޓް ފެތުރެން ފެށުމާ ގުޅިގެން ޗައިނާގެ ވެކްސިން އެ ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރާކަމާ މެދު ޗައިނާގެ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ. ނަމަވެސް ބަލި ޖެހުނު މީހުން ވެކްސިން ޖަހާފައިވާ ކަމެއް ނޭނގެ އެވެ.
ޗައިނާ އިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް ވައިރަސް އެ ގައުމުން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮންޓްރޯލް ކޮށްފަ އެވެ.