27 ނޮވެމްބަރ 2016 - 06:20

އަންނަ މަހުގެ 16 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" ގެ އެޑްވާންސް ބުކިން މާދަމާ އިން ފެށިގެން ހުޅުވައިލާ ގޮތަށް ނިންމައިފި އެވެ.
ނޯތު އެމެރިކާގައި ފިލްމް ޕްރިމިއާ ކުރަން ތައްޔާރުވަމުން އަންނަ އިރު، ގިނަ ބަޔަކު އަންނަނީ ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ.
ފިލްމް އަޅުވަން ދެ ހަފުތާއެއްހާ ދުވަސް ކުރިން ޓިކެޓްގެ އެޑްވާންސް ބުކިންސް އަށް ހޯމަ ދުވަހުން ފެށިގެން ހުޅުވައިލާކަން ސްޓާ ވޯސްގެ ރަސްމީ ޓްވިޓާގައި ވެސް ވަނީ އިއުލާންކޮށްފަ އެވެ.
އެހެންވެ ހޯމަ ދުވަސްވެގެން ދާނީ "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" އަށް އިންތިޒާރު ކުރަމުން އަންނަ މީހުންނަށް ވަރަށް ފޯރި ގަދަ ދުވަހަކަށެވެ.
ގެރެތު އެޑްވަޑްސް ޑައިިރެކްޓްކޮށްފައިވާ ފިލްމުގެ އާ ޓްރެއިލާއެއް ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.
ރާއްޖޭގައި ވެސް މަންޒަރުތަކެއް ނަގާފައިވާ "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" ގެ ކާސްޓުންގެ ތެރޭގައި ފެސިލިޓީ ޖޯންސް، ޑިއެގޯ ލޫނާ، ބެން މެންޑަލްސަން، ޑޮނީ ޔެން، މެޑްސް މިކެލްސަން ހިމެނެ އެވެ.
ހޮލީވުޑްގެ ފިލްމުތަކަށް ލޯބި ކުރާ ދިވެހިންނަށް ވެސް "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" ވަރަށް ހާއްސަ އެވެ. ލ. އަތޮޅުގެ ފަޅު ރަށްތަކެއްގައި ފިލްމުގެ މުހިއްމު މަންޒަރުތަކެއް ޝޫޓްކޮށްފައިވާތީ، ފިލްމުގައި އެ މަންޒަރުތައް ފެނިގެން ދާނެ ގޮތެއް ބަލާލަން ދިވެހި ފޭނުން ވެސް ތިބީ ކެތްތެރިކަން ކުޑަވެފަ އެވެ.
އެހެންވެ މި ފިލްމްގެ އިންޓަނެޝަނަލް ޕްރިމިއާ އާ އެކު ރާއްޖޭގައި ވެސް "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" ޕްރިމިއާވެގެން ދިއުމަކީ ދިވެހި ފޭނުން ގައިމު ވެސް އެދިއެދި ތިބޭނެ ކަމެކެވެ.
ޝްވެކް ސިނަމާ އިން އެ ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރަމާ ހިނގާށެވެ.