30 ޖުލައި 2021 - 16:02

ދުނިޔޭގެ އެންމެ ރީތި އިރުއޮއްސޭ މަންޒަރު ފެންނަ ގައުމުތަކުގެ ލިސްޓުގެ އަށް ވަނަ ރާއްޖެ އަށް ލިބިއްޖެ އެވެ.
މި ލިސްޓު އެކުލަވާލައިފައި ވަނީ އޮންލައިން ޓްރެވަލް އޭޖެންޓް، ބައުންސް އިން ހެދި ދިރާސާއެއްގެ މައްޗަށް ބިނާކޮށެވެ. މި ދިރާސާ ކުރީ އެކި އެކި މަންޒިލްތަކާ ގުޅޭ ގޮތުން ލިޔެފައިވާ އާޓިކަލްތަކުގެ މައްޗަށް ބަލައިގެންނެވެ. އަދި ބައުންސްގެ ޓްރެވަލް އެކްސްޕާޓުންގެ ވޯޓާއި އިންސްޓަގްރާމުގައި ޕޯސްޓުކޮށްފައިވާ ފޮޓޯތަކަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބަށް ބަލައިގެންނެވެ.
މި ލިސްޓުގެ އެއްވަނައިގައި އުޅެނީ ގްރީސްގެ ސެންޓޮރީނީ އެވެ. ދެވަނައިގައި އިންޑޮނޭޝިއާގެ ބާލީ އުޅޭ އިރު ތިން ވަނައިގައި އުޅެނީ އެމެރިކާގެ ހަވާއީ އެވެ.
ދުނިޔޭގެ އެންމެ ރީތި އރުއޮއްސޭ މަންޒަރު ފެންނަ ގައުމުތަކުގެ ގަދަ 10 އަކަށް ރާއްޖެ އެރީ 5.27 ލިބިގެންނެވެ. އެއްވަނައިގައި އުޅޭ ސެންޓޮރީނީ އަށް ލިބުނީ 8.29 ޕޮއިންޓެވެ.
ދާދި ފަހުން "އެސްޓާ އެމެރިކާ" އިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުން ކޮވިޑުގެ ހާލަތަށް ފަހު އެންމެ ގިނަ ބަޔަކު ދާން ބޭނުންވާ މަންޒިލަކީ ވެސް ރާއްޖެ އެވެ. މި ދިރާސާކޮށްފައި ވަނީ ގޫގުލް ސާޗު ކުރާ މިންވަރަށް ބަލައިގެންނެވެ.
ކޮވިޑުގެ އެންމެ އުނދަގޫ ހާލަތުގައި ވެސް ރާއްޖެ އިން އެކި ސަރަހައްދުގައި ރާއްޖެ އިޝްތިހާރު ކޮށްފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން ކޮވިޑްގެ ދުވަސްވަރު އިތުރު އާ މަންޒިލްތަކުން ރާއްޖެ އަށް އަންނަ މީހުން ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.