ސައުލްގެ އަގު ދަށް ވެދާނެތީ އެތުލެޓިކޯ ކަންބޮޑުވެއްޖެ
ސައުލްގެ އަގު ދަށް ވެދާނެތީ އެތުލެޓިކޯ ކަންބޮޑުވެއްޖެ

މެޑްރިޑް (ޖުލައި 30) - އެތުލެޓިކޯ މެޑްރިޑުގެ މިޑްފީލްޑާ ސައުލް ނިގޭޒްގެ ޓްރާންސްފާގެ އަގު ދަށަށް ހިނގައިދާނެ ކަމުގެ ބިރު ކުރިމަތިވުމުން، އެ ކްލަބުން ކަންބޮޑު ވެއްޖެ އެވެ.

ސައުލް އެތުލެޓިކޯ ދޫކޮށްލުމަށް އޭނާގެ ގާތް މީހުން ބާރު އަޅަމުން ދާތީ އެތުލެޓިކޯ އިން ދަނީ ބޮޑު އަގުގައި އޭނާ ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ. އެތުލެޓިކޯ އަށް ކުރިން ކުޅުނު އެންޓްއާން ގްރީޒްމަން އެ ކްލަބަށް ގެނެސް، ބަދަލުގައި ސައުލް ބާސެލޯނާ އަށް ބަދަލުވާ ގޮތަށް ވާހަކަ ދެކެވުނު ނަމަވެސް އެ މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ސައުލް ގެންދަން ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑުން ވެސް ޝައުގުވެރިވެ އެވެ. އޭނާގެ ޓްރާންސްފާއިން ބޮޑު އަދަދެއް ހޯދަން އެތުލެޓިކޯއިން މަސައްކަތް ކުރެ އެވެ. ނަމަވެސް ޕްރީ ސީޒަންގައި ސައުލް ދައްކަމުން ދާ ކުޅުމުގެ ސަބަބުން އޭނާގެ ޓްރާންސްފާގެ އަގު ދަށަށް ދާނެ ކަމަށް ސްޕެއިންގެ ކުޅިވަރު ނުސް، "މާކާ" އިން ބުނެ އެވެ.

ޕްރީ ސީޒަންގައި އެތުލެޓިކޯ ކުޅުނު ދެ މެޗުގައި ވެސް ސައުލް ކުޅުނެވެ. މިދިޔަ ސީޒަންގައި ދެއްކި ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް އެ ދެ މެޗުގައި ވެސް ދެއްކި އެވެ. ނަމަވެސް މީގެ ދެ އަަހަރު ކުރިން ސައުލް ދެއްކި ކުޅުން އަލު ނުދެއްކޭނަމަ އޭނާގެ ޓްރާންސްފާ ފީގެ ގޮތުގައި ބޮޑު އަގެއް ނުލިބޭނެކަން އެތުލެޓިކޯ އަށް އެނގެ އެވެ.

ސައުލް ވިއްކާލައިގެން ލިބޭ ފައިސާ ކްލަބުން ބޭނުން ކުރާނީ ޓީމަށް އާ ފޯވަޑް ގެނައުމަށެވެ. ލުއިސް ސުއަރޭޒްއާ އެކު ޕާޓްނާޝިޕް ހަދާނެ ދެ ވަނަ ސްޓައިކަރެއް އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބޭނުންވެ އެވެ. އޭނާ ބޭނުން ވަނީ އިންޓަ މިލާންގެ ފޯވަޑު ލައުޓާރޯ މާޓީނޭޒް އެވެ.