29 ޖުލައި 2021 - 21:32

ކުޑަކުދިންގެ ހިޔާގައި މިއަދު ހެނދުނު ރޯކޮށްލީ އެ މަރުކަޒުގައި ބަލަހައްޓާ ކުއްޖެއް ކަމަށާއި އެ ތަން ރޯކުރަން އުޅުނުއިރު ވެސް އެ ކަން ހުއްޓުވަން މުވައްޒަފުން މަސައްކަތް ނުކޮށް ބަލަން ތިބީކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން ބެލެހެއްޓުމަށް ހާއްސަކޮށްފައިވާ މަރުކަޒުގެ ހަތަރު ވަނަ ފްލޯގައި ހުރި ސީއީއޯގެ އޮފީހުގައި ރޯކޮށްލީ، ހިޔާގެ ސީއީއޯ މޫމިނާ އާދަމާ މެދު ހިތްހަމަނުޖެހިގެން އުޅުމަށްފަހު އެވެ.
"އެ މަންޒަރު ބަލަން މުވައްޒަފުން ތިބީ، އެ ކުދިން ކޮންޓްރޯލުކުރަން މުވައްޒަފުން ނޫޅުނީ އެންމެފަހުން ގޯސްވާނީ ތިމަންނާމެންނޭ ކިޔާފައި،" އެ ކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
މިއީ، ފާއިތުވި ތިން މަހުގެ ތެރޭގައި ހިޔާގައި ހިނގި އަލިފާނުގެ ހަތަރު ވަނަ ހާދިސާ އެވެ. އެ ތަނުގައި އެންމެ ފުރަތަމަ ރޯވީ މިދިޔަ މެއި ހަތަރު ވަނަ ދުވަހު ކުދިންތަކެއް ނިދާ ކޮޓަރިއެއްގަ އެވެ. އެ މައްސަލައިގައި ވެސް ތުހުމަތުކޮށްފައިވަނީ ހިޔާގައި ބަލަހައްޓާ ކުއްޖަކު ގަސްތުގައި ރޯކޮށްލީ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ހިޔާގެ ހަތަރު ވަނަ ފްލޯގައި ހުރި ކޮޓަރިއެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ހެނދުނު 6:00 ހާއިރު ކަމަށް ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމާ އެކު ވިލިމާލޭ ފަޔާ ސްޓޭޝަންގެ ސިފައިން ގޮސް 6:10 ހާއިރު އަލިފާންގަނޑު ކޮންޓްރޯލްކޮށް، 7:20 ހާއިރު އެއްކޮށް ނިއްވާލާފައި ވެ އެވެ. އޭރު، ސީއީއޯގެ އޮފީހާ ޖެހިގެން ހުރި ކައުންސެލިން ރޫމަށް ވެސް އަލިފާނުގެ އަސަރުކޮށްފައި ހުއްޓެވެ.
އެ ހާދިސާއާ ގުޅިގެން މޫމިނާ "މިހާރު" އަށް ކުރިން ވިދާޅުވީ އޭނާ މަސައްކަތްކުރައްވާ ކޮޓަރީއާ ކައުންސެލިން ދޭ ކޮޓަރީގައި ރޯވެ އެ ދެ ތަނުގައި ހުރި ތަކެއްޗާއެކު އިމާރާތަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ. އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ، އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ފުލުހުން ގެންދަނީ އަލިފާނުގެ ހާދިސާ ތަހުގީގުކުރަމުންނެވެ.
އެ މަރުކަޒު މިހާރު ހަމަޖައްސާފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭ މާހައުލެއްގެ ގޮތުގަ އެވެ. ހެނދުނު އަލިފާން ރޯވިއިރު އެ ތަނުގައި ތިބީ ތިން ކުދިންނާއި ދެ މީހެކެވެ. ދެން ތިބި ކުޑަކުދިން ވަނީ އާއިލާާތައް އަދި ރަށްރަށުގައި ގާއިމްކޮށްފައިވާ "އަމާން ހިޔާ" ތަކަށް ބަދަލުކޮށްފަ އެވެ.