29 ޖުލައި 2021 - 20:48

ތޫނިސްގެ ސިޔާސީ މަސްރަހު ދުވަހުން ދުވަހަށް ގޯސްވަމުން ދާތީ އެކަން ހައްލުކުރެއްވުމުގެ ގޮތުން، ރައީސް ގައިސް ސައީދު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ސަބަބުން، އެ ގައުމުގެ މަސްރަހު އިތުރަށް ގޯސްވާން ފަށައިފި އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ، ތޫނިސްގެ ބޮޑެތި ސަހަރުތަކުގެ މަގުތަކަށް އާންމު ރައްޔިތުން ނުކުމެ، މުޒާހަރާ ކުރަން ފެށުމާ ގުޅިގެން، ބޮޑުވަޒީރު ހިޝާމް މަޝީޝީ މަގާމުން ވަކިކުރައްވައި، ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑައިލީ މިދިޔަ އާދީއްތަ ދުވަހު އެވެ. އޭގެ އެއް ދުވަސް ފަހުން، ދިފާއީ ވަޒީރާއި އަދުލު އިންސާފާ ބެހޭ ވަޒީރު ވެސް ވަކި ކުރެއްވި އެވެ.
އޭގެ އިތުރުން މިދިޔަ އަންގާރަ ދުވަހު، ސަރުކާރުގެ އިސް އެހެން ބައެއް ބޭފުޅުން ވެސް މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި ސިފައިންގެ ޗީފް ޕްރޮސެކިއުޓާ އާއި ގައުމީ ޓީވީ ޗެނަލް އަލްވަތަނިއްޔާގެ އިސް ވެރިޔާ ވެސް ހިމެނެ އެވެ.
ސިޔާސީ މަސްރަހުގެ ހަމައަކަށް އެޅުއްވުމުގެ ގޮތުން އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ލިބިގެންވާ އިމްތިޔާޒްތައް ވަގުތީ ގޮތުން ހިފެހެއްޓެވުން ހިމެނެ އެވެ. އަދި ޝަރުއީ ދާއިރާގެ ހިންގުން ވެސް ރައީސް ގައިސްގެ ބެއްލެވުމުގެ ދަށަށް ގެންނަވައި، މައި ތިން ސިޔާސީ ޕާޓީއެއްގެ މާލީ ތަހުގީގުތަކެއް ހިންގެވުމަށް މިހާރު ވަނީ އަމުރު ނެރުއްވައިފަ އެވެ.
ތިން ސިޔާސީ ޕާޓީއާ ގުޅޭ ގޮތުން ތަހުގީގުތަކެއް ކުރަން އެންގެވީ، 2019 ވަނަ އަހަރުގެ ރިއާސީ އިންތިހާބާ ދިމާކޮށް، ބޭރުގެ ފަރާތްތަކަކުން ތިން ޕާޓީއަކަށް ފައިސާތަކެއް ލިބިފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެންނެވެ.
އޭގެ އިތުރުން ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވުމުގެ އަމަލުތަކެއް ތަހުގީގު ކުރުމަށް ވެސް ރައީސް ގައިސް ސައީދު މިހާރު ވަނީ އަމުރު ނެރުއްވައިފަ އެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ އައްނަހްޟާ ޕާޓީ އާއި އެ ޕާޓީއާ ގުޅިފައިވާ އިތުރު ދެ ޕާޓީ ހިމެނެ އެވެ.
ބޮޑުވަޒީރު މަގާމުން ދުރުކޮށް ގާނޫނު ހަދާ މަޖިލިސް މެދުކަނޑައިލުމުން، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި މީހުން ހިތްހަމަޖެހުން ފާޅުކޮށް، ރައީސް ގައިސް ސައީދަށް ތާއީދުކުރުމުގެ އެއްވުންތައް ބޭއްވި އެވެ. ނަމަވެސް ރައީސް ގައިސްގެ ނިންމެވުންތަކާ މެދު، ސިޔާސީ ޕާޓީތައް ހިތްހަމައެއް ނުޖެހެ އެވެ.