26 ނޮވެމްބަރ 2016 - 20:49

ދެކުނު ކޮރެއާ އަންހެނަކު ރާއްޖޭގައި ރޭޕް ކުރި ކަމަށް ބުނެ ދިވެހި ތިން ފިރިހެނެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވެ، އެ މީހުން ސަލާމަތްވެއްޖެ އެވެ.
ނ. މަނަދޫ މީހަކާއި ފ. މަގޫދޫ މީހެއްގެ އިތުރުން ބ. ގޮއިދޫ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ އަހަރު ގއ. އަތޮޅުގައި އޮންނަ ޖުމެއިރާ ރިސޯޓްގައި ކޮރެއާ އަންހެނަކު ރޭޕްކުރި ކަމަށް ބުނެއެވެ. އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ބަދު އަޚުލާގީ މައްސަލަތަކުގެ ޝަރީއަތްތަކާއި ނިންމުންތައް ސިއްރުކޮށްފައި އޮންނާތީ، އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވި ސަބަބު ސާފެއް ނުވެއެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ދައުވާލިބުނު މީހުންގެ ޑީއެންއޭ، އަންހެން މީހާގެ ހަށިގަނޑުން ވަނީ ފެނިފަ އެވެ.
އެ އަންހެން މީހާއަކީ އެ ރިސޯޓުގެ މުވައްޒަފެއް ކަމެއް ނުވަތަ އެ ރިސޯޓަށް ގޮސް އުޅުނު ފަތުރުވެރިއެއް ކަމެއް ސާފެއް ނުވެއެވެ. އެކަމަކު އެ ހާދިސާއަށް ފަހު އޭނާ އެނބުރި ގައުމަށް ދިއުމުން އޭނާ އަނބުރާ ރާއްޖެ ގެނެސް އޭނާގެ ހެކިބަސް ވެސް ކޯޓުން ހޯދި ކަމަށް އެނގިފައިވެ އެވެ.