ޗައިނާ ސަރުކާރަށް ފާޑުކިޔާ ބިލިއަނަރު 18 އަހަރަށް ޖަލަށް
ޗައިނާ ސަރުކާރަށް ފާޑުކިޔާ ބިލިއަނަރު 18 އަހަރަށް ޖަލަށް

ބެއިޖިން (ޖުލައި 29) - ޗައިނާ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ފާޑުކިޔަމުން އައި މަޝްހޫރު ބިލިއަނަރު ސުން ޑާވޫ، 18 އަހަރަށް ޖަލަށް ލުމަށް ޗައިނާގެ ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސުން ޑާވޫ އަކީ ޗައިނާގެ އުތުރުގައި އޮންނަ ހެބެއި ޕްރޮވިންސްގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ ވިޔަފާރި ހިންގާ އެއް މަހުޖަނެވެ. ސުން ވަނީ، މިދިޔަ ދުވަސްތަކުގައި ޗައިނާގެ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ފާޅުގައި ސަރުކާރަށް ފާޑު ކިޔައިފަ އެވެ. އޭގެ އިތުރުން ޗައިނާގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ވެސް، ސަރުކާރު ހިތްހަމަނުޖެހޭ ޒާތުގެ ވާހަކަތައް ވެސް ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވެ އެވެ.

އޭނާގެ މައްޗަށް ކޯޓުގައި ސާބިތުވި ކުށަކީ، އާންމު ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމާއި، މުޖްތަމައުގެ ހަމަޖެހުން ނަގައިލަން މަސައްކަތް ކުރުމުގެ ކުށެވެ. މިއީ ޗައިނާ ސަރުކާރަށް ފާޑުކިޔާ މީހުންނާ ދެކޮޅަށް އެންމެ ގިނައިން ސާބިތުކުރާ ކުށެވެ.

މި ކުށުގެ އިތުރުން، ގާނޫނާ ހިލާފަށް ދަނޑުބިމެއް ވެރިކޮށްގެން އުޅުމާއި، ދައުލަތުގެ މުއައްސަސާތަކަށް ހަމަލާ ދިނުމަށް މީހުން އެއްކުރުމާއި، ސަރުކާރު މުވައްޒަފުން އެމީހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތު އޭނާގެ މައްޗަށް، ސަރުކާރުން އުފުލާފައިވެ އެވެ.

މި ކުށްތައް ސާބިތުވުމުގެ ސަބަބުން 18 އަހަރަށް ޖަލަށް ލުމުގެ އިތުރުން، 3.11 މިލިއަން ޔުއާން (478،697 ޑޮލަރު) އިން ޖޫރިމަނާ ކުރުމަށް ވެސް ކޯޓުން ހުކުމް ކުރި އެވެ.

ސުންގެ ކުންފުނިން ހިންގާ ދަނޑުވެރިކަމާ ގުޅުން ހުރި ވިޔަފާރިތަކުގެ ތެރޭގައި، އެއްގަމު މަސް ދަޅުގައި ބަންދުކުރުމާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ، ދޫންޏާއި ޖަނަވާރުގެ ކާނާ އުފެއްދުން ހިމެނެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސުން އެންމެ ފުރަތަމަ ހައްޔަރުކުރީ، ސަރުކާރުން ދަނޑު ހައްދަމުން އައި ސަރަހައްދެއްގެ ބިމެއްގެ މިލްކުވެރިކަމުގެ މައްސަލައިގައި، ސުންގެ ކުންފުންޏާއި ސަރުކާރު ކުންފުންޏާ ދެމެދު އުފެދުނު ދެބަސްވުމަކާ ގުޅިގެންނެވެ. އެ މައްސަލަގައި އޭނާގެ ގާތްތިމާގެ މީހުންނާއި ވިޔަފާރީގެ ބައިވެރިން ހިމެނޭ ގޮތަށް 20 މީހަކު ހައްޔަރު ކުރި އެވެ.

އޭނާ ހައްޔަރު ކުރުމުގެ ކުރިން ވެސް ސަރުކާރުން ތުހުމަތުކުރާ ގޮތުގައި، ގައުމުން ބޭރުގައި އުޅޭ ޗައިނާގެ އިދިކޮޅު ފަރާތްތަކާއި ސުންއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.

ސުންއަކީ، 2019 ވަނަ އަހަރު ޗައިނާގައި ފެތުރުނު، އެފްރިކަން ސްވައިން ފްލޫގެ ކަންތައް ޗައިނާ ސަރުކާރުން ސިއްރުކޮށްގެން އުޅޭ ކަމަށް ފާޅުގައި ބުނަމުން ދިޔަ މީހުންގެ ތެރެއިން އެކަކެވެ. އެފްރިކަން ސްވައިން ފްލޫ ފެތުރުމުގެ ސަބަބުން، ސުންގެ ދަނޑުތަކުގައި ގެންގުޅުނު ވަރަށް ގިނަ ކުކުޅާއި އަސްދޫނި ފަދަ ތަކެތި މަރުވި އެވެ.

ޝަރީއަތުގެ މަރުހަލާގައި ސުން ވަނީ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރު ކޮށްފަ އެވެ. ކޯޓުގައި އޭނާ ސިފަ ކުރެއްވި ގޮތުގައި އޭނާއަކީ، ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީގެ އާދަޔާ ހިލާފު މެމްބަރެކެވެ. އެހެން ނަމަވެސް، ބައެއް މެސެޖްތައް އޮންލައިންކޮށް ޝާއިއުކުރެވުމަކީ ހެދުނު ގޯހެއް ކަމަށް އޭނާ ކޯޓުގައި އެއްބަސްވި އެވެ.