29 ޖުލައި 2021 - 14:13

ބެއިޖިން (ޖުލައި 29) - ޗައިނާ އިން އެ ގައުމުގެ ނިއުކްލިއާ ގާބިލްކަން ވަރަށް ބޮޑަށް ފުޅާ ކުރަމުން އަންނަ ކަމަށް، އެމެރިކާގެ ސައެންސްވެރިންތަކެއް ބުނެފި އެވެ.
ފެޑެރޭޝަން އޮފް އެމެރިކަން ސައެންޓިސްޓްސް (އެފްއޭއެސް) އިން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޗައިނާގެ ހުޅަނގުގައިވާ ޒިންޖިއާންގް ޕްރޮވިންސްގައި ނިއުކްލިއާ މިސައިލް އުދުއްސައިލެވޭ ވަރުގެ ސްޓޭޝަނެއް ތައްޔާރު ކުރަމުން އަންނަކަން، ސެޓެލައިޓް ފޮޓޯތަކުން ޔަގީންވެ އެވެ.
މިއީ ޗައިނާގެ ހުޅަނގު ސަރަހައްދުގައި، ދެ މަސްދުވަހުގެ ތެރޭގައި ގާއިމުކުރާ މިފަދަ ދެ ވަނަ ސްޓޭޝަނެވެ. ޗައިނާގެ ނިއުކްލިއާ ގާބިލްކަން އިތުރުކުރާތީ، އެމެރިކާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޒިންޖިއާންގް ޕްރޮވިންސްގައި މިހާރު ތަރައްގީ ކުރަމުން އަންނަ ސަރަހައްދުގައި، ނިއުކްލިއާ މިސައިލް ރައްކާކުރުމަށް އަދި އުދުއްސައިލުމަށް ބޭނުންކުރާ 110 ކޮށާރު ހުންނާނެ ކަމަށް ބެލެވެ އެވެ.
ޗައިނާގެ ހުޅަނގުގައި އޮންނަ ގަންސޫ ޕްރޮވިންސްގެ ޔުމެން ސަރަހައްދުގައި، ނިއުކްލިއާ މިސައިލް ރައްކާކުރުމަށް އަދި އުދުއްސައިލުމަށް ބޭނުންކުރާ 120 ކޮށާރު ތައްޔާރުކޮށްފައިވާ ކަމަށް، މިދިޔަ މަހުގެ ތެރޭގައި، ވޮޝިންޓަން ޕޯސްޓުން ރިޕޯޓް ކުރި އެވެ.
އެފްއޭއެސްގެ ރިޕޯޓްގައިވާ ގޮތުން، ޔުމެންގެ ހުޅަނގު އުތުރުގައި މިހާރު ތަރައްގީ ކުރަމުން އަންނަ ނިއުކްލިއާ ސަރަހައްދު އަދި އޮތީ ތަރައްގީ ކުރުމުގެ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގަ އެވެ. އަދި މިތަން ތަރައްގީ ކުރަނީ ބިންގަރާސް ސަރަހައްދެއްގެ ގޮތުގައި ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
މިދިޔަ އަހަރު އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނި ގޮތުގައި ޗައިނާގެ ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން އިތުރުކޮށް ނިއުކްލިއާ ހަތިޔާރުގެ އަދަދު ވެސް ދެ ގުނަ އަށް އިތުރު ކުރުމަށް ޗައިނާ އިން އަންނަނީ ވަރަށް ސިއްރިޔާތުގައި މަސައްކަތް ކުރަމުންނެވެ.
ޗައިނާގައި ނިއުކްލިއާ މިސައިލް އުދުއްސައިލާ ހަރުތަކެއް ތަރައްގީކުރަމުން އަންނަ ވާހަކަ މިފަހަރު އާންމުވި އިރު، ޗައިނާގެ އެންމެ މުހިންމު އަސްކަރީ ބައިވެރިޔާ ކަމަށްވާ ރަޝިޔާ މިހާރު އަންނަނީ، ހަތިޔާރު ކޮންޓްރޯލް ކުރުމާ ބެހޭ މަޝްވަރާތަކެއް އެމެރިކާއާ އެކުގައި ފެށުމަށް ތައްޔާރުވަމުންނެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ އިން، 2020 ވަނަ އަހަރު ބުނި ގޮތުގައި ޗައިނާގައި އޭރު ވެސް 200 އަށް ވުރެ ގިނަ ނިއުކްލިއާ ވޯހެޑް ހުއްޓެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި އެ އަދަދު ދެ ގުނަ އަށް އިތުރުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން އެންމެ ބޮޑު ގައުމަކީ އެމެރިކާ އެވެ. މިހާރު ވެސް އެމެރިކާގައި ގާތްތަނޑަކަށް 3،800 ނިއުކްލިއާ ވޯހެޑް ހުންނާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.