29 ޖުލައި 2021 - 12:24

އަފްގާނިސްތާނުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ، ކަންދަހާރު ހިފުމަށް، ތާލިބާންގެ ހަނގުރާމަވެރިން ދެމުން އަންނަ ހަމަލާތައް ވަރުގަދަވުމާއެކު، އެ ސިޓީގެ ގިނަ އަދަދެއްގެ ބަޔަކު އެހެން ތަންތަނަށް ދާން ފަށައިފި އެވެ.
އޭގެ ތެރެއިން އެންމެ ގިނަ ބަޔަކު މިހާތަނަށް ދަތުރުކުރީ ވެރިރަށް ކާބުލް އަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ކަންދަހާރު ހިފުމަށް ތާލިބާނުން ދެމުން އަންނަ ހަމަލާތައް މިހާރު އެންމެ ވަރުގަދަ ކޮށްފައިވަނީ، ކަންދަހާރުގެ ވަށައިގެން އޮންނަ ކުދި އަވަށްތަކުގަ އެވެ. އެ އަވަށްތަކުގައި ތިބި ސަރުކާރު ސިފައިންނާއި، އަފްގާނިސްތާނު މުޖާހިދުން ވެސް ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ނަމަވެސް ތާލިބާނުންގެ ހަމަލާތައް ވަރުގަދަވުމުގެ ސަބަބުން، ބައެއް އަވަށްތަކުން ސަރުކާރު ސިފައިން ފިލައިގެން ގޮސްފައިވާ ކަމަށާއި، އެ އަވަށްތައް މިހާރު ތާލިބާނުންގެ ބާރުގެ ދަށަށް ގޮސްފައިވާ ކަމަށްވެ އެވެ. ނަމަވެސް އެ އަވަށްތަކުގައި މީޑިއާތަކުގެ ރިޕޯޓަރުން ނެތުމުން، އެ އަވަށްތަކުގައި ކަންތައް ހިނގާ ގޮތް އެހާ ރަނގަޅަކަށް ނޭނގެ އެވެ.
ކަންދަހާރު ދޫކޮށް މިދިޔަ ހަފުތާގައި ކާބުލް އަށް ބަދަލުވި އާއިލާއެއްގެ އަންހެނަކު، އަލްޖަޒީރާ އަށް ކިޔައިދިން ގޮތުގައި، ތާލިބާނުންގެ ހަނގުރާމަވެރިން ކޮންމެ ވަގުތަކުވެސް ކަންދަހާރަށް ވަދެގެންފާނެ ކަމުގެ ބިރު އުފެދުމާ ގުޅިގެން، ކަންދަހާރުގެ ސްކޫލްތަކަށް ވެސް މިހާރު ކުދިން ނުފޮނުވަ އެވެ. އަދި ބާޒާރު ކުރަން ވެސް މީހުން ގެއިން ނުކުންނަނީ އެ ނޫން ގޮތެއް ނެތިގެން ކަމަށާއި، ގިނަ ފިހާރަތައް ވެސް ހުންނަނީ ބަންދުކޮށްފައި ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކަންދަހާރުގައި ދިރިއުޅޭ ގިނަ މީހުން މިހާރު ތިބީ އެ ސިޓީގައި ތާށިވެފަ އެވެ. ކަންދަހާރުން ބޭރުވެވޭނެ ގޮތެއް ފެންނަ ކޮންމެ މީހަކު މިހާރު އެ ސިޓީން ނުކުންނަމުން ދާ ކަމަށް ވެސް އޭނާ ބުންޏެވެ.
އަފްގާނިސްތާނުގައި ތިބި އެމެރިކާ އާއި ނޭޓޯގެ ސިފައިން އެ ގައުމު ދޫކޮށް ފައިބައިގެން ދިޔުމުން، ތާލިބާނުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކަންދަހާރު ހިފުމަށެވެ. އެއީ، އެ ޖަމާއަތް އެންމެ ފުރަތަމަ އުފެދިގެން އައި ސަރަހައްދު ވެސްމެ އެވެ.
ކަންދަހާރު ދޫކޮށް ކާބުލްއަށް ބަދަލުވި އާއިލާއެއްގެ އެހެން މީހަކު ބުނި ގޮތުގައި، ތާލިބާނުން ކަންދަހާރު ހިފުމަށް ކުރިއަރަމުން އަންނަ ވަރަކަށް، ކަންދަހާރު ރައްޔިތުންގެ ބިރުވެރިކަން އަންނަނީ ބޮޑުވަމުންނެވެ. އަދި ކަންދަހާރުގެ ވަށައިގެންވާ ހުރިހާ ސަރަހައްދަކުން ވެސް ވަރުގަދަ ހަމަލާތަކުގެ އަޑުތައް އިވެމުން އަންނަ އިރު، ސަރުކާރު ސިފައިންގެ މާބޮޑު ހިލަމެއް ނުވާތީ، ރައްޔިތުންގެ ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ.
ތާލިބާނުން ކަންދަހާރު ހިފުމަށް އަމާޒު ހިފާފައިވާ އިރު، ކަންދަހާރާ ކައިރީގައިވާ ބޮޑެތި ވިޔަފާރި މަރުކަޒުތައް މިހާރު އޮތީ ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.
ހިއުމަން ރައިޓްސް ވޮޗް އިން މިދިޔަ ހަފުތާގައި ބުނި ގޮތުގައި، ތާލިބާނުންގެ ބާރުގެ ދަށަށް ދާ ސަރަހައްދުތައް ބަލައި ފާސްކުރުމުގެ ތެރޭގައި، ސަރުކާރަށް މައުލޫމާތު ފޯރުކޮށްދޭ ކަމަށް ނުވަތަ ސަރުކާރު ސިފައިންގެ ތެރޭގައި ހިދުމަތްކުރާ މީހެއް ކަމަށް ޝައްކުކުރެވޭ ކޮންމެ މީހަކު، ތާލިބާނުން އަންނަނީ މަރަމުންނެވެ.