ކައިވެންޏަށް 74 އަހަރުފަހުން ދެމަފިރިން އެއް ދުވަހެއްގައި މަރުވެއްޖެ
ކައިވެންޏަށް 74 އަހަރުފަހުން ދެމަފިރިން އެއް ދުވަހެއްގައި މަރުވެއްޖެ

އެކުގައި 74 އަހަރު ހޭދަކުރި ފަހުން ދެމަފިރިއަކު އެއް ދުވަހެއްގައި މަރުވެއްޖެ އެވެ، އެމެރިކާގެ ޓެކްސަސްގެ ދެމަފިރިން ކަމަށްވާ ލިއޮނާޑޯ ޗެރީ އާއި އޭނާގެ އަންހެނުން ހޭޒަލް އަކީ ސްކޫލް ދައުރުއްސުރެ ދެ ލޯބިވެރިންނެވެ.

ކައިވެންޏަށް 74 އަހަރުފަހުން ދެމަފިރިން އެއް ދުވަހެއްގައި މަރުވެއްޖެ
ކައިވެންޏަށް 74 އަހަރުފަހުން ދެމަފިރިން އެއް ދުވަހެއްގައި މަރުވެއްޖެ

މި ދެމަފިރިން ކައިވެނިކޮށްފައި ވަނީ ޖެނުއަރީ 1942 ގަ އެވެ. އަދި އޮކްޓޯބަރު މަހު ފަހުކޮޅު ދެމަފިރިން މަރުވީ އެއް ދުވަހުގަ އެވެ. އެމީހުންގެ ހުރި ހަމައެކަނި މާމަ/ކާފަ ދަރިފުޅު ކްރެއިގް ޗެރީ ސީއެންއެން އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ މާމަ އާއި ކާފައަށް ވުރެ ވަރުގަދަ ލޯތްބެއް އޮތް ބަޔަކު ދުވަހަކު ވެސް ދެކެފައި ނުވާ ކަމަށެވެ.

"އެ ދެ މީހުން އަބަދުވެސް ތިބޭނީ ހެވިފައި. އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާނެ،" ކްރެއިގް ބުނެފައިވެ އެވެ.

އާއިލާއަށް ލިބުނު ބޮޑު ހިތާމައިން ހިތްދަތިވެފައިވާ އެ ދެމަފިރިންގެ ފިރިހެން ދަރިފުޅު ޑޭވިޑް ޗެރީ، 72، ބުނީ މަންމަ އާއި ބައްޕަ އެކަކު އަނެކަކާ ވަކިން ދުނިޔޭގައި އުޅެން ބޭނުން ނުވާތީ އެކުގައި މަރުވުމުން އުފާކުރާ ކަމަށެވެ.

"ބައްޕަ ގިނަ ދުވަސްތަކަކު ވަރަށް ވޭނުގައި އުޅުނު. އެހެންވެ ބައްޕަގެ ވޭނަށް ނިމުމެއް އައުމުން އުފާކުރަން. އަދި އެންމެ ފަހު ވަގުތާ ޖެހެންދެން ބައްޕައަށް އެހީތެރިވާން މަންމަ ހުރިކަމާ މެދު ވެސް އުފާކުރަން. އަދި ދެ މީހުން އެކުގައި ނިމިގެން ދިއުމަކީ ވެސް ހިތްހަމަޖެހޭކަމެއް. ސަބަބަކީ އެކަކާ ނުލާ އަނެކަކަށް ދުނިޔޭގައި އުޅެން ވަރަށް ދަތިވާނެކަން އެނގޭތީ،" ޑޭވިޑް ބުނެފައިވެ އެވެ.

ލިއޮނާޑޯ ޗެރީ، 95، ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން އޭނާގެ އަންހެން ހޭޒަލް ޗެރީ، 93، އެތަނާ ޖެހިގެން ހުރި ނާސިން ހޯމަކަށް ބަދަލުވީ އެވެ. އުމުރާ ބަލާފައި ހޭޒަލްގެ އެއްވެސް ސިއްހީ މައްސަލައެއް ނެތެވެ. ނަމަވެސް ފިރިމީހާ ހޮސްޕިޓަލުގައި އޮތުމުން އޭނާއާ ވީހާ ވެސް ގާތުގައި ހުރުމަށް ބޭނުންވެގެން ހޭޒަލް އެގޮތަށް ކަންތައް ކުރީ އެވެ.

ޑޭވިޑް ބުނީ އޭނާގެ މަންމަ ކާރުގައި ފިހާރަތަކަށް ގޮސް ބާޒާރުކުރާ ކަމަށެވެ. ނަމަވެސް ބައްޕަގެ ހާލަތު ދަށްވަމުން އަންނަތާ އެތައް އަހަރެއް ވެއްޖެކަމަށް އޭނާ ބުންޏެވެ.

ލިއޮނާޑޯ ޗެރީ މަރުވީ މެންދުރު 1.00 ހާއިރު އެވެ. އަންހެނުން ހޭޒަލް މަރުވީ އެރޭ 11.00 ގަ އެވެ. ހޭޒަލް މަރުވި ސަބަބު އަދި އޮޅުން ނުފިލާ ކަމަށް އެ މީހުންގެ ދަރިފުޅު ޑޭވިޑް ބުންޏެވެ.

ލިއޮނާޑޯ ޗެރީ އަކީ ބީ-24 ގެ ބޮންއަޅާ ބޯޓު ދުއްވާ ޕައިލެޓެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އޭނާ ވަނީ ވައިގެ ސިފައިންގެ ތެރޭގައި މަސައްކަތް ކޮށްފަ އެވެ. އެހެން މީހުންނަށް މަތިންދާބޯޓު ދުއްވުމުގެ ތަމްރީނު ދިނުމުގައި އޭނާ އުޅެފައިވެ އެވެ.