ފްލައިން ސްކޫލް މައްސަލައިގަ ސިވިލް ކޯޓުން ވަގުތީ އަމުރެއް ނުނެރުނު
ފްލައިން ސްކޫލް މައްސަލައިގަ ސިވިލް ކޯޓުން ވަގުތީ އަމުރެއް ނުނެރުނު

އައްޑޫގެ ގަމުގައި ހުންނަ ފްލައިން ސްކޫލް ކުރިން ހިންގަމުން އައި އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން އެ ސްކޫލުގެ ވިޔަފާރި ވިއްކާލުމާ ގުޅޭ ގޮތުން ނުވަތަ ވިޔަފާރީގެ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރުމުގެ އެއްވެސް މުއާމަލާތެއް އެއްވެސް ފަރާތަކާ އެކު ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރެއް ނެރެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ސިވިލް ކޯޓުން މި ނިންމުން ނިންމާފައި ވަނީ، ޕައިލެޓުން ތަމްރީނުކުރުމުގެ ނަމުގައި އެތައް ދަރިވަރުންގެ އަތުން ބޮޑު ފީއެއް ނަގައި، ކޯސް ދިގުލައިގެން ގޮސް، އެންމެ ފަހުން ކިޔެވުން ކުރިއަށް ގެންދެވޭނެ މަގު ބަންދުވުމުން އޭއޭއޭގެ އަތުން ބޮޑު ބަދަލެއް ނަގައިދިނުމަށް އެދި 48 ދަރިވަރުންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހަޅައި، ވަގުތީ އަމުރެއް ނެރުމަށް އެދުމުންނެވެ.

މި ދަރިވަރުންގެ ފަރާތުން ވަނީ، އޭއޭއޭގެ ވިޔަފާރި ވިއްކާލުމާ ގުޅޭ ގޮތުން ނުވަތަ ވިޔަފާރީގެ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރުމުގެ އެއްވެސް މުއާމަލާތެއް އެއްވެސް ފަރާތަކާ އެކު ކުރިއަށް ނުގެންދިއުމުގެ އަމުރަކަށް އެދިފަ އެވެ. އަދި އެފަދަ މުއާމަލާތެއް ދައުލަތުގެ އިދާރާއެއްގައި ރަޖިސްޓްރީ ކުރުމުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށާއި ދައުވާ ލިބޭ ފަރާތުގެ ބޭންކް އެކައުންޓުތަކުން ފައިސާގެ މުއާމަލާތް ކުރުން ހުއްޓާލުމަށް އެދި ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވެ އެވެ.

މި މައްސަލައިގައި ނިހާއީ ހުކުމެއް ކުރުމުގެ ކުރިން، އޭއޭއޭގެ މުއާމަލާތްތައް ހުއްޓުވައި، ބޭންކު އެކައުންޓްތަކުން ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް ބޭންކުތަކަށް އަމުރު ކޮށްފި ނަމަ ކުންފުނީގެ ވިޔަފާރިއަށް ހުރަސް އެޅިދާނެ ކަމަށް ފެންނަ ކަމަށް ސިވިލް ކޯޓުން ބުނެފައިވެ އެވެ. އަދި މިފަދަ މުއާމަލާތް މަނާ ކުރަން އަމުރެއް ނެރެންޖެހޭނެ ފަދަ ސަބަބެއް، މައްސަލަ ހުށަހެޅި ފަރާތަށް ބުނެދެވިފައިނުވާ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ.

މީގެ އިތުރުން މިފަދަ ވަގުތީ އަމުރެއް ނެރުމަކީ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ހުއްޓުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ޝަރީއަތަށް ފެންނަ ކަމަށް އެ ކޯޓުން މި އަމުރާ މެދު ނިންމާފައިވެ އެވެ.

ޕްރޯ ބޯނޯ އުސޫލުން 48 ދަރިވަރުންގެ ފަރާތުން ކޯޓަށް މި މައްސަލަ ހުށަހަޅައި ތަމްސީލުކުރަނީ ޕްރިމިއާ ޗެމްބާސް އިންނެވެ. އެގޮތުން މި ދަރިވަރުންގެ ފަރާތުން ވަނީ ދަރިވަރުން އޭއޭއޭ އަށް ދައްކާފައިވާ 1،835،090.12 ޑޮލަރަކީ ފްލައިން ސްކޫލުން އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ދަރިވަރުންނަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައިދެއްވައި ހަތް ދުވަހުގެ ތެރޭގައި ދަރިވަރުންނަށް އެ ފައިސާ އެއްފަހަރާ ދިނުމަށް އަމުރުކޮށްދިނުމަށް ކޯޓުގައި އެދިފަ އެވެ.

މި މައްސަލަ ކޯޓުގައި އޮއްވައި، އޭއޭއޭ އިން މިދިޔަ މަހު ވަނީ ފްލައިން ސްކޫލް އެވިޑު ކޮލެޖަށް ވިއްކާލައިފަ އެވެ. އަދި އެވިޑު ކޮލެޖުން މިހާރު ވަނީ ސްކޫލުގެ ނަން އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) އަށް ބަދަލުކޮށް، ސްކޫލުގެ ކިޔެވުން އަލުން ފަށައިފަ އެވެ.