ރެއާލަށް ބަދަލުވާން އުޅޭ ވާހަކަ އެމްބާޕޭ ދޮގުކޮށްފި
ރެއާލަށް ބަދަލުވާން އުޅޭ ވާހަކަ އެމްބާޕޭ ދޮގުކޮށްފި

ޕެރިސް (ޖުލައި 29) - ރެއާލް މެޑްރިޑް ނުވަތަ އެހެން ކްލަބަކަށް ބަދަލުވާން ނޫޅޭ ކަމަށާއި، ބޭނުން ވަނީ ޕީއެސްޖީއާ އެކު ޗެމްޕިއަންސް ލީގު ހޯދުމަށް ކަމަށް، އެ ޓީމުގެ ފޯވަޑް ކިލިޔަން އެމްބާޕޭ ބުނެފި އެވެ.

އެމްބާޕޭއަކީ ޔޫރަޕުގެ ކްލަބުތަކުގެ އެންމެ ބޮޑު ޑިމާންޑެވެ. އޭނާ ގެންދަން ލިވަޕޫލާއި ރެއާލް މެޑްރިޑުން ޝައުގުވެރިވެ އެވެ. މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑުގައި ވެސް މެޑްރިޑް ކްލަބުން ދަނީ ޕީއެސްޖީއާ ވާހަކަ ދައްކަން މަސައްކަތް ކުރަމުންނެވެ.

"އަހަރެންގެ އުންމީދަކީ ޕީއެސްޖީއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން،" ޕީއެސްޖީ މެގަޒިން އަށް ނޭމާ އާއި އެމްބާޕޭ ބައިވެރިވެގެން ދިން އިންޓަވިއުގައި އެމްބާޕޭ ބުންޏެވެ.

ނަމަވެސް އެމްބާޕޭގެ ކޮންޓްރެކްޓް އަދި އާ ނުކުރެ އެވެ. އަންނަ ސީޒަނަށް ފަހު އޭނާގެ ކޮންޓްރެކްޓް ހަމަވާނެ އެވެ. އޭގެ ފަހުން އޭނާ ބޭނުން ކްލަބަކަށް ހިލޭ ޓްރާންސްފާގައި ބަދަލު ވެވޭނެ އެވެ.

އާ ސީޒަނަށް ތައްޔާރުވުމަށް، ޕީއެސްޖީން ވަނީ ބޮޑެތި ޓްރާންސްފާތަކެއް ހަދައިފަ އެވެ. ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް، ލިވަޕޫލްގެ ކުރީގެ މިޑްފީލްޑާ ޖޯޖީނިއޯ ވައިނަލްޑަމް އަދި ނިމިގެން ދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އިޓަލީގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރުއްމާ ވަނީ ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. އެ ތިން ކުޅުންތެރިން ވެސް ޕީއެސްޖީ އަށް ބަދަލުވީ ހިލޭ ޓްރާންސްފާގަ އެވެ.

ޓްރާންސްފާގައި ހަރަދުކޮށްގެން ޕީއެސްޖީ އަށް ގެންދިޔަ ކުޅުންތެރިޔަކީ، އިންޓަ މިލާންގެ ޑިފެންޑަރު އަޝްރަފް ހަކީމީ އެވެ. އޭނާގެ ޓްރާންސްފާ އަށް ޕީއެސްޖީން 71 މިލިއަން ޑޮލަރު ހޭދަ ކުރި އެވެ.