ކޮވިޑް-19: ރަށްރަށުން 98 މީހަކު ޕޮޒިޓިވްވެއްޖެ
ކޮވިޑް-19: ރަށްރަށުން 98 މީހަކު ޕޮޒިޓިވްވެއްޖެ

އެކި ރަށްރަށުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދާއިރު، މިއަދު ވެސް އެކި ރަށްރަށުން 98 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 141 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. އޭގެ ތެރެއިން، ކުރިން އެންމެ ކޭސްތައް ގިނަ މާލެ ސަރަހައްދުން ބަލި ޖެހިފައި ވަނީ 22 މީހަކަށެވެ. އަދި ރިސޯޓުތަކުން 20 މީހަކު ޕޮޒިޓިވްވެފައި ވާއިރު، ސިނާއީ ރަށަކުން އެކަކަށް ބަލި ޖެހިފައިވެ އެވެ.

މިއަދު ޕޮޒިޓީވްވި މީހުންނާ އެކު އެކްޓީވް ކޭސްތަކުގެ އަދަދު ވަނީ 2،527 އަށް އަރައިފަ އެވެ. އަދި ހޮސްޕިޓަލުގައި 14 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

މި ބަލީގައި ރާއްޖެ އިން މިހާތަނަށް 220 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑްގެ ހާލަތު މިހާރު އެންމެ ގޯސް ވެފައި ވަނީ ގދ. ނަޑެއްލާގަ އެވެ. އެ ރަށުން މިއަދު ވެސް 19 މީހަކު އަލަށް ޕޮޒިޓިވްވެފައިވާ އިރު، މި ވަގުތު ބަލިން ރަނގަޅު ނުވާ 179 މީހަކު އެބަ ތިއްބެވެ. އެ ރަށުން މިހާތަނަށް 187 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.

ހާލަތު ދެން އެންމެ ގޯސްކޮށް އޮތް، ގދ. ތިނަދޫގައި އެކްޓީވް ކޭސްތަކުގެ އަދަދު މިހާރު ހުރީ 57 ގަ އެވެ. ދެ ދުވަސް ފަހުން މިއަދު ވަނީ އެ ރަށުގައި އަލުން ވެސް ކޭސްތަކެއް ފެނިފަ އެވެ. އެ ރަށުން މިހާތަނަށް 933 މީހަކަށް ވަނީ މި ބަލި ޖެހިފަ އެވެ.

އައްޑޫގައި 450 މީހަކަށް ބަލިޖެހުނުއިރު، އެކްޓިވް ކޭސްތައް މިހާރު ހުރީ 131 ގަ އެވެ. އެ ސިޓީން އިތުރު ކޭސްއެއް ނުފެންނަތާ މިހާރު ފަސް ދުވަސް ވެއްޖެ އެވެ.

ކޮވިޑްގެ ކޭސްތައް މާލޭގައި ދަށްވާން ފެށުމުން ސަރުކާރުން ވަނީ އީދު ޗުއްޓީއާ ދިމާކޮށް ބޮޑެތި ލުއިތަކެއް ދީފަ އެވެ. އެގޮތުން ވެކްސިން ފުރިހަމަ ކޮށްގެން ކަރަންޓީނު ވުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތް ވަނީ ހަދައިފަ އެވެ.