ރާއްޖެ އެތެރެވުމުގެ 96 ގަޑިއިރު ކުރިން ކޮވިޑް ޓެސްޓް ހަދަންޖެހޭ ގޮތަށް ބަދަލު ގެނެސްފި
ރާއްޖެ އެތެރެވުމުގެ 96 ގަޑިއިރު ކުރިން ކޮވިޑް ޓެސްޓް ހަދަންޖެހޭ ގޮތަށް ބަދަލު ގެނެސްފި

ރާއްޖެ އިން ބޭރުން އަންނަ މީހުން ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ރާއްޖެ އެތެރެވުން 72 ގަޑިއިރުގެ ބަދަލުގައި 96 ގަޑިއިރަށް އެޗްޕީއޭ އިން ބަދަލުކޮށްފި އެވެ.

ދިވެހި ސަރުކާރުން މި ގެނައި ބަދަލާއެކު، މިއަދުން ފެށިގެން ރާއްޖެ އެތެރެވުމުގެ ހަތަރު ދުވަސް ކުރިން ދިވެހިން ވެސް ހިމެނެ ގޮތަށް އެންމެން ކޮވިޑް ޓެސްޓު ހަދަން ޖެހޭނެ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެ އަށް އައުމަށް ކޮވިޑް ޓެސްޓު ހަދަން ކުރިން ކަނޑައަޅާފައި އޮތީ ވެސް 72 ގަޑި އިރެވެ. އެކަމަކު، އެޗްޕީއޭގެ އެންމެ ފަހުގެ ނިންމުމާއެކު އެ ސަރަހައްދުގެ ގައުމުތަކުން ރާއްޖެ އަންނަ އެންމެން ވެސް ރާއްޖެ އައުމުގެ 96 ގަޑިއިރު ނުވަތަ ހަތަރު ދުވަސް ކުރިން ކޮވިޑް ޓެސްޓް ހަދަން ޖެހޭނެ އެވެ.

އަދި ރާއްޖެ އެތެރެވެވޭނީ އެ މުއްދަތުގެ ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު އެވެ.

ގާތްގަަނޑަކަށް ދެ މަހަށް ފަހު ދެކުނު އޭޝިއާ އިން ރާއްޖެއަށް ޓޫރިސްޓުން އާދެވޭ ގޮތަށް އަލުން ހުޅުވައިލީ މިމަހުގެ 15 އިން ފެށިގެންނެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވުމާ އެކު ސަރުކާރުން ވަނީ ކުރިން އަޅާފައި ހުރި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފަ އެވެ. އެގޮތުން ވެކްސިން ފުރިހަމަކޮށްފައި ތިބިި ދިވެހިން ނުވަތަ ވޯކް ވިސާގައި އަންނަ މީހުން ރާއްޖެ އަނބުރާ އައިސް ކަރަންޓީނު ވާކަށް ނުޖެހޭނެ އެވެ. މީގެ އިތުރުން ކޮވިޑް ޖެހި ރަނގަޅުވިތާ 60 ދުވަސް އަދި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ވެސް ރާއްޖޭގެ ރަށްރަށަށް ގޮސް ކަރަންޓީނު ނުވެ މިހާރު އުޅެވޭނެ އެވެ.