ތަޅުދަނޑި ލިބުނަސް ފްލެޓަށް ނުވަދެވޭތީ ޝަކުވާކުރަނީ
ތަޅުދަނޑި ލިބުނަސް ފްލެޓަށް ނުވަދެވޭތީ ޝަކުވާކުރަނީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 25 ބުރީގެ 16 ޓަވަރުން ފްލެޓް ލިބުނު މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއިކޮށް، ތަޅުދަނޑި ލިބުނަސް އެ ތަނަށް ނުވަދެވޭތީ އޭގެ ތެރެއިން ބައެއް މީހުން ޝަކުވާ ކުރަން ފަށައިފި އެވެ.

ތަޅުދަނޑި ލިބުނަސް ފްލެޓަށް ނުވަދެވޭތީ ޝަކުވާކުރަނީ
ތަޅުދަނޑި ލިބުނަސް ފްލެޓަށް ނުވަދެވޭތީ ޝަކުވާކުރަނީ

މިދިޔަ މަހުގެ 14 ވަނަ ދުވަހު ފްލެޓް ލިބުނު މީހުންނާ އެކު ސޮއިކުރަން ފެށި ނަމަވެސް ފްލެޓްތަކަށް ކަރަންޓް ގުޅުމުގެ މަސައްކަތް އަދި ނުނިމެ އެވެ. މިހާރު އެތަނަށް ކަރަންޓުދެމުން އަންނަނީ ވަގުތީ ޖަނަރޭޓަރެއް ބަހައްޓައިގެންނެވެ. އެހެންވެ، އެގްރީމަންޓުގައި ސޮއިކުރި ނަމަވެސް ދާއިމީ ގޮތެއްގައި ކަރަންޓް ދޭން ނުފެށެނީސް ފްލެޓަށް މީހުންނަށް ވަދެ ނިކުމެ އުޅެން ފުރުސަތެއް ނުދެ އެވެ.

ހިޔާ ޔޫނިއަންގެ ހެޑް ފައުންޑަރު، އަބްދުﷲ އަމްޒަލް، "މިހާރު" އަށް ވިދާޅުވި ގޮތުގައި ޔޫނިއަނުގައި ވެސް ބައެއް މީހުން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފްލެޓަށް ލިބުނަސް އެތަނަށް ނުވަދެވި ގިނަ ދުވަސްތަކެއް ވުމުން، ދަތިވާ ކަމުގެ ޝަކުވާ ކުރަމުން އަންނައިރު ފްލެޓަށް ވަދެވޭނެ ސީދާ ތާރީހެއް ނޭނގޭތީ، މިހާރު ކުއްޔަށް އުޅޭ މީހުންނަށް އެ މީހުން އުޅޭ ތަނުގެ ވެރިންނަށް ނޯޓިސް ވެސް ނުދެވި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަމްޒަލް ވިދާޅުވި ގޮތުގައި އެޗްޑީސީން މީގެ ތިން ހަފުތާއެއްހާ ދުވަސްކުރިން ބުނެފައި ވަނީ ތަޅުދަނޑި ލިބުނު މީހުންނަށް އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެތަންނަށް ވަދެގެން މަސައްކަތް ކުރެވޭވަރު ވާނެ ކަމަށެވެ. އެކަމަކު ފުރަތަމަ ހަފްތާ ނިމުނު އިރު ވެސް އެތަނަށް ވަދެވޭ ގޮތެއް ނުވި އެވެ. އެހެންވެ، ކުއްޔަށް އުޅޭ މީހުންނަށް އެ މީހުން މިހާރު އުޅޭ ތަނަށް އިތުރު މަހަކަށް ކުލި ދައްކަން ވެސް ޖެހިދާނެ އެވެ. އަދި ކަރަންޓާ ނުގުޅޭ އިތުރު މަސައްކަތެއް އެތަނުގައި ކުރެވޭކަށް ވެސް ނޯވެ އެވެ.

"ކުއްޔަށް އުޅޭ މީހުން އެބަ ޖެހޭ މަހުގެ 10 ގެ ކުރިން ކުލި ދައްކަން. އެކަމަކު ކުރީކޮޅު ނުވަދެވެންޏާ އެ މީހުންްނަށް އަނެއްކާ އިތުރު ދެ މަހެއްހާ ދުވަސް އެބަ ޖެހޭ ކުލި ދައްކައިގެން އުޅެން. އެއީ ނޯޓިސް ވެސް ދީފައި މި ނިކުމެވެނީ،" އަމްޒަލް ވިދާޅުވި އެވެ.

އޮގަސްޓް ފުރަތަމަ ހަފްތާއަކީ އެތަނަށް ކަރަންޓު ގުޅައި ނިމޭނެކަމަށް ޔޫނިއަނަށް އެންގި ތާރީހެވެ. އެހެންވެ، އެ މަސައްކަތް ނިމުމުން ތަޅުދަނޑި ހަވާލުކުރުމާ އެކު އެންމެނަށް ވެސް ފްލެޓަށް ވަދެ ނިކުމުގެ ފުރުސަތުދޭނެ ކަމަށް އެޗްޑީސީން އޮތީ ޔޫނިއަނަށް އަންގައިފަ އެވެ.

އަމްޒަލް ވިދާޅުވީ ފްލެޓްގެ އިންޓީރިއާ ޑިޒައިނަށް ކޮންޓްރެކްޓަރުންނަށް ހަވާލުކޮށްފައިވާ މީހުންނަށް ފްލެޓްގެ މިން ބަލައި ހެދުމަށް އެތެރެއަށް ވަނުމުގެ ފުރުސަތު އެޗްޑީސީން މިހާރު ވެސް ދެމުން އަންނަ ކަމަށެވެ. އެ ފުރުސަތު އެޗްޑީސީން ފަހިކޮށްދިނުމުން ފްލެޓް ލިބުނު ބައެއް މީހުން އެތެރޭގައި ހުރި ބައެއް ސާމާނު ނެއްޓުމުގެ މަސައްކަތް ވެސް އެބަ ކުރެ އެވެ. އެކަމަކު ބަލާލަން ވަނުމުގެ ހުއްދަ ފިޔަވައި އެތަނުގައި މަސައްކަތް ކުރަން ފުރުސަތެއް އަދި ނުދެ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ ސަލާމަތާއި ރައްކާތެރިކަމަށްޓަކާއޭ އެޗްޑީސީން އެގޮތަށް ތަޅުދަނޑި ހަވާލުކުރިޔަސް އަދި އެންމެނަށް ވަދެ ހަދަން ފުރުސަތު މި ނުދެނީ. އެކަމަކު މިން ބަލަން ވަންނަން ފުރުސަތު ދިނީމަ ނަހަމަ ގޮތުގަ ބައެއް ފްލެޓް އޯނަރުން ކަންކަން ކުރާކަމުގެ ޝަކުވާ ވެސް އެބަ ލިބޭ." އަމްޒަލް ވިދާޅުވި އެވެ.

ފްލެޓްތަކުގެ ކަރަންޓުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު މި މަސް ނިމުމުގެ ކުރިން އެ މަަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ. މިހާރު ލަފާކުރަނީ މިމަހު ކަރަންޓު މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެެ. އެތަނަށް ފެނުގެ ހިދުމަތް ދިނުމަށްޓަކައި އެމްޑަބްލިއުއެސްސީން ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ވަނީ ނިންމާލައިފަ އެވެ.

އެޗްޑީސީން މިއަދު ބުނީ ފްލެޓްތަކަށް ވަދެވޭނީ ފްލެޓްތަކުގައި ކަރަންޓްގެ މަސައްކަތް ނިމުމުން ކަމަށާއި މިހާރު ބަލަނީ މި މަހުގެ 17 އަށް އެ މަސައްކަތް މުޅިން ނިންމާލެވޭތޯ ކަމަަށެވެ.

ސާވިސް ފީއާ އެކު މަހު ކުލީގެ ގޮތުގައި 8،500ރ. ދައްކަން ޖެހޭ ހިޔާ ފްލެޓް ލިބުނު މީހުންނާ އެކު އަންނަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެއްބަސްވުމުގައި ސޮއިކުރާނެ އެވެ.

ފިނިޝިން މަސައްކަތް ނުނިންމާ ހަވާލުކުރާ މި ފްލެޓްތަކުގެ ފިނިޝިން ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ފްލެޓް ލިބުނު މީހުންނަށް ލިބޭނެ އެވެ. އެ މުއްދަތުގައި އެތަނުން އެއްވެސް ކުއްޔެއް އަދި ފީއެއް ވެސް ނުނަގާނެ އެވެ. އެކަމަކު އެންމެ ތިން މަހުން ފިނިޝިން ނުނިންމޭނެ ކަމަށް ބުނެ ފްލެޓް ލިބުނު ގިނަ ބަޔަކު އެކަމުގެ ޝަކުވާދަނީ ކުރަމުންނެވެ. އަދި މާލޭގެ މޭޔަރު އަދި މި ފްލެޓްތައް އަޅަން ފެށިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވި، ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ފިނިޝިން ނިންމަންދޭ މުއްދަތު ނުވަ މަހަށް އިތުރުކޮށްދިނުމަށް އެޗްޑީސީގައި އެދިފަ އެވެ. އެކަމަކު ސަރުކާރުން އެ މުއްދަތު އިތުރުކޮށްދޭން ނުނިންމަ އެވެ.