އާމިރުގެ "ރަންގް ދެ ބަސަންތީ" އަށް "ބޮންޑް" އޮޑިޝަން ހެދި
އާމިރުގެ "ރަންގް ދެ ބަސަންތީ" އަށް "ބޮންޑް" އޮޑިޝަން ހެދި

ޖޭމްސް ބޮންޑްގެ ރޯލު މި ފަހުން ކުޅެމުން ދިޔަ ހޮލީވުޑްގެ އެކްޓަރު ޑެނިއަލް ކްރެއިގް އާމިރު ޚާންގެ ދެހާސް ހަ ވަނަ އަހަރުގެ ފިލްމު "ރަންގް ދެ ބަސަންތީ" ގެ ރޯލަކަށް އޮޑިޝަން ހެދި ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާ ބުނެފި އެވެ.

މި ހަފުތާގައި ނެރުނު އޭނާގެ ބައޮގްރަފީ "ދަ ސްޓްރޭންޖާ އިން ދަ މިރާ" ގައި ކިޔައި ދީފައިވާ ގޮތުގައި ކްރެއިގް އޮޑިޝަން ހެދީ ފިލްމުގައި އިނގިރޭސި އެކްޓަރު ސްޓީވެން މެކިންޓޮޝް ކުޅުނު ޖޭމްސް މިކިންލީގެ ރޯލަށެވެ. އެ ރޯލަކީ ފިލްމުގައި ސޫ މެކިންލީގެ ރޯލު ކުޅުނު އެލިސް ޕެޓެންގެ ކާފަގެ ރޯލެވެ.

މެހެރާ ބުނި ގޮތުގައި މެކިންލީގެ ކެރެކްޓާ އަށް އޭނާގެ ފުރަތަމަ ހޮވުމަކީ ވެސް ކްރެއިގެވެ. އެކަމަކު ވަގުތާއި ހާލަތު ނިޔާކުރި ގޮތުން އޭނާ އަށް "ރަންގް ދެ ބަސަންތީ" ގައި މަސައްކަތްކުރެވޭ ގޮތް ނުވީ ކަމަށް ބުންޏެވެ.

ވަތަނީ ފިލްމެއްގެ ގޮތުގައި ގެނެސްދީގެން ބޮޑު ކާމިޔާބީއެއް ހޯދި އެ ފިލްމަކީ އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކުރި ޒުވާނުންނާ ބެހޭ ޑޮކިއުމަންޓަރީއެއް ހަދަން އެ ގައުމަށް ދަތުރުކުރާ އިނގިރޭސި ދަރިވަރަކާއި އޭނާއާ ދިމާވާ މީހުންގެ ވާހަކަ ވަރަށް އަސަރުގަދަކޮށް އަދި ވަރަށް ތަފާތުކޮށް ކިޔައިދިން އެއްޗެކެވެ.

އާމިރާ އެކު "ރަންގް ދެ ބަސަންތީ" ގެ ކާސްޓްގައި އާރް މާދުވަން، ސޯހާ އަލީ ޚާން، ޝަރުމަން ޖޯޝީ، ކުނާލް ކަޕޫރް، އަތުލް ކުލްކަރްނީ، ސިދާތު އަދި ވަހީދާ ރަހުމާން ފަދަ ތަރިން ހިމެނެ އެވެ.

"ރަންގް ދެ ބަސަންތީ" އަށް ކްރެއިގް އޮޑިޝަން ހެދި ވާހަކަ މެހެރާ ހިއްސާކޮށްފައިވާ އިރު އޭނާ އަކީ ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފަސް ފިލްމުގައި އެ ރޯލު ކުޅުނު އެކްޓަރެވެ. އެގޮތުން ކްރެއިގް ބޮންޑްގެ ރޯލުން ފެންނާނެ ފަސް ވަނަ އަދި ފަހު ފިލްމު "ނޯ ޓައިމް ޓު ޑައި" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު 8 ގަ އެވެ.

ކްރެއިގް، 53، ގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ނައިވްސް އައުޓް" އެވެ. އޭނާ މިހާރު އަންނަނީ އޭގެ ސީކްއެލްގެ މަސައްކަތްކުރަމުންނެވެ.