ސެންޓުފުޅިއެއް ވަގަށް ނެގި މީހަކު 18،000ރ. ގެ ޖޫރިމަނާއެއް
ސެންޓުފުޅިއެއް ވަގަށް ނެގި މީހަކު 18،000ރ. ގެ ޖޫރިމަނާއެއް

ރެޑްވޭވްގެ ފިހާރައަކުން ސެންޓުފުޅިއެއް ވަގަށް ނަގައިގެން ނުކުންނަން އުޅުނު ކަމަށް އިއުތިރާފުވި މީހަކު 18،000ރ. އިން ކްރިމިނަލް ކޯޓުން ޖޫރިމަނާ ކޮށްފި އެވެ.

މަޖީދީ މަގުން ގަލޮޅު ދަނޑުގެ ތިރީގައި ހިންގާ ރެޑްވޭޭވް ފިހާރަ އިން "އަރިސް" ބްރޭންޑްގެ ސެންޓުފުޅިއެއް ނޮވެމްބަރު 25، 2017 ގައި ޖިންސުގެ ތެރެއަށް ލައި ފޮރުވައިގެން، އޭގެ އަގު ނުދައްކައި ނުކުންނަން އުޅުނު މީހަކު އޭރު ހުއްޓުވި އެވެ.

އެ މައްސަލައިގައި ދައުވާކުރީ ކުރިން ވެސް މިފަދަ މައްސަލައެއްގައި ކުށް ސާބިތުވެފައިވާ މީހަކަށެވެ. އެ މީހާގެ މައްޗަށް ކުރީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އެވެ.

ދައުވާ ލިބުނު މީހާ ވަނީ އެ ސެންޓުފުޅި ހިފައިގެން ފިހާރަ އިން ނުކުންނަން އުޅުނު ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވެފަ އެވެ. އެއީ އެއްވެސް މަޖުބޫރު ކަމެއް ނެތި ވި އިއުތިރާފެއް ކަމަށް ކޯޓުގައި އެ މީހާ ބުންޏެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ ލިބޭނެ އަސްލު އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ގާޒީ ހުސައިން ފާއިޒު ރަޝާދު މި މަހުގެ 14 ވަނަ ދުވަހު ކުރެއްވި ހުކުމުގައި ވަނީ، ފާއިތުވި ހަ އަހަރުގެ ތެރޭގައި އެ މީހާގެ މައްޗަށް ޖުނަހުގެ ކުށެއް ސާބިތުވެފައި އޮތުމުންނާއި ފާއިތުވި ދެ އަހަރުގެ ތެރޭގައި ހަމަ މިފަދަ އެހެން ކުށެއް އޭނާގެ މައްޗަށް ސާބިތުވެފައިވާތީ އޭނާގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ދެ ދަރަޖަ އިތުރުވާން ޖެހޭނެ ކަމަށެވެ. ނަމަވެސް، އިއުތިރާފުވެފައި ވާތީ ލިބޭ އެއް ދަރަޖައިގެ ލުޔާއެކު އެ މީހާގެ އަދަބަކަށް ވާނީ ތިން މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ހުކުމުގައި ވެ އެވެ.

މި މައްސަލައިގައި ހުކުމް ކުރި އިރު އެ މީހާ ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކޮށް ނިމެން ކައިރިވެފަ އެވެ. އޭނާގެ ހުކުމުގައި ބާކީ އޮތީ 16 ދުވަހެވެ. އެހެންވެ، އެ މިހާ އެދުނީ މި މައްސަލައިގައި އޭނާގެ އަދަބު ޖޫރިމަނާ އަށް ބަދަލުކޮޮށްދޭށެވެެ. ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކޭނެ ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.

އެކަމަށް ދައުލަތުން ދެކޮޅު ނުހެދުމުން ގާޒީ ފާއިޒް ނިންމެވީ ޖަލު ހުކުމް ޖޫރިމަނާ އަށް ބަދަލު ކޮށްދިނުމަށެވެ. އެހެންވެ، އެ މީހާ 18،000ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށް އަންގައި ހުކުމް ކުރެއްވި އެވެ.

ހުކުމުގައި ވަނީ އެގޮތަށް ނިންމެވީ، އެ މީހާ މުޖުތަމައުން އެކަހެރި ކުރުމުގެ ބަދަލުގައި، މުޖުތަމައަށް ފައިދާ ކުރަނިވި މީހަކަށް ވުމުގެ ފުރުސަތު ލިބިދޭ ފަދަ އަދަބެއް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ފެނިވަޑައިގަންނަވާތީ ކަމަށެވެ.