28 ޖުލައި 2021 - 09:15

އަހަރެން ދައްކަން ބޭނުންވީ ޝާފިޔާގެ ކަޅު ހެދުމުގެ ފުރަގަހެވެ. ހާއްސަކޮށް ބުރަކަށި ފަރާތުގައި ރަންކުލައިންނާއި ރަތްކުލައިން އަޅައިފައިވާ ކުރެހުންގަނޑެވެ. އޭނަގެ އަތުގައި އޮތް ތަނޑިގަނޑަކީ، ހެދުން ފަރުމާކުރި މީހާ ގެނައި އެއްޗެކެވެ. ކަންފަތުގައި ލައިފައި ހުރީ އަހަރެން ގަނެދިން އެއްޗެކެވެ. މުށިކުލައިގެ ފަން އިސްތަށިގަނޑަކީ ޝާފިޔާގެ އަމިއްލަ މިލްކެކެވެ. އެ ލޯބި މޫނަކީ، ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަމެވެ. ހުއްޓިލައިގެން ހުރި ގޮތާއި، އެ ބަލައިލުމަކީ ޝާފިޔާއަށް ލިބިފައިވާ ކުޅަދާނަ ހުނަރެވެ. އެ ފޮޓޯއަކީ، ހެދުން ފެހި މީހާގެ ވެބްސައިޓުގައި ޖެހުމަށް ޓަކައި އޭނައަށް އަހަރެން ނަގައިދިން ފޮޓޯއެކެވެ. އެންމެނަށް ވެސް ހެދުން ރީތިވިއެވެ. އެހެނަސް، މަޝްހޫރުވީ ޝާފިޔާއެވެ. އަހަންނަކީ ފޮޓޯނަގާ މީހެކެވެ. އަހަރެންގެ ނަމަކީ، މުހަންމަދު ފަހުދުއެވެ.
ފޮޓޯނަގައި ނިންމައިފައި ޝާފިޔާ ގޮވައިގެން އަހަރެން ދިޔައީ ކޮފީއަކަށެވެ. ވަރަށް ގިނަ ވަގުތު އަހަރުމެން އެކުގައި ހޭދަކުރަމެވެ. ދިރިއުޅުމާއި، މުސްތަގުބަލާއި، ކުރިޔަށްދާނެ ވަޒީފާއަކާ ބެހޭ ގޮތުން ވާހަކަދައްކަމެވެ. އެ ދުވަހު އަހަރުމެން ފޮޓޯއާ ބެހޭ ގޮތުން ވެސް ވާހަކަދެއްކީމެވެ.
"ކީއްވެ އިސްތަށިގަނޑު ކުރިމައްޗަށް ގެނައީ؟" ސަމާސާ ރާގެއްގައި އަހަރެން އެހީމެވެ.
"ކަންފަތުލާ އެތި ދައްކަންވެގެން،" ލުއި ހިނިތުންވުމަކާ އެކުގައި ޝާފިޔާ ބުންޏެވެ. "ފަހުދުގެ ހަދިޔާ އެހެން މީހުންނަށް ވެސް ފެންނަންޖެހޭނެއްނު! ހެދުމާ ވަރަށް މެޗްވޭ! ތެންކްސް!"
"އަހަންނެއްނު ތެންކްސް ބުނަންވީ!" އަހަރެން ބުނީމެވެ. "އެންމެ ފަހު ސިކުންތުގަ ވިއްޔަ މޮޑެލް ކެންސަލުވީ. ޝާފިޔާ މި ކަން ނުކޮށްދިން ނަމަ އަހަރެން ކިހިނެއް ކްލައިންޓާ ފޭސްކުރާނީ؟"
"ނަސީބެއްނު ހެދުން ހެޔޮވަރުވިކަން،" ކަމުގެ މުހިންމުކަން އިހުސާސްކުރެވޭ ކަހަލަ ރާގެއްގައި ޝާފިޔާ ބުންޏެވެ. "ސޯ ލަކީ!"
އުމުރުން ތޭވީސް އަަހަރުގެ ޝާފިޔާއަކީ މޮޑެލްކުރާ ކުއްޖެއް ނޫނެވެ. އޭނަ މާލެއައީ ކޭކުއަޅަން ދަސްކުރާ ކޯހެއްގައި ބައިވެރިވާށެވެ. ރަށުގައި އެ ވިޔަފާރި ފެށުމަށް ޓަކައެވެ. އަހަންނަށް އެންމެ ފުރަތަމަ ޝާފިޔާ ފެނުނީ މަންމަޔާ ވާހަކަދައްކަން ގޭގައި އިންދައެވެ. ޝާފިޔާގެ މަންމައަކީ އަހަރެންގެ މަންމަގެ ވަރަށް ގާތް އެކުވެރިޔެކެވެ. ޝާފިޔާއަކީ ހުސްހަށިބައި ކުއްޖެކެވެ. އޭނަގެ ފުރަމިތުރެއް ހުންނަކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭ ކަމަކީ، ފުރަތަމަ ފެނުނު ވަގުތު ވެސް ޝާފިޔާގެ ހިތުގައި ކޮންމެވެސް އެއްޗެއް ލިޔެވިއްޖެކަމެވެ. އޭނަ ބަލައިލި ގޮތުންނާއި، ހިނިތުންވެލި ގޮތުން އަހަންނަށް އެހެން ހީވިއެވެ. ޔަގީނުން ވެސް އަހަރެން އެ ދުވަހު ގެއިން ނުކުތީ ގޭގައި ހިތް ބާއްވައިފައެވެ. ހުސްއެކަނި ޝާފިޔާ ރީތިވީމައެއް ނޫނެވެ. އޭނަގެ ކިބައިގައި އަހަރެން ގަޔާވާ އެތައް ކަމެއް ހުރީމައެވެ.
ޝާފިޔާއަކީ އިސްކޮޅުން ދިގު ކުއްޖެކެވެ. ފުރަތަމަ ދިމާވި ދުވަހު، އިސްވެ ހާލު އެހީ އޭނައެވެ. ޝާފިޔާ މާލެއައީ މަސައްކަތެއް ދަސްކުރާށެވެ. ގޭގައި މަސައްކަތްކުރާކަށް ނޫނެވެ. މަންމަ އެހެން ބުނި އަޑު އަހަރެން އެހީމެވެ. އެ އަޑު އެކަންޏެއް ނޫނެވެ. ޝާފިޔާއާ ބެހޭ ގޮތުން މަންމަ ކޮންމެ އެއްޗެއް ބުންޏަސް، އެ އަޑުކޮޅު އަހަންނަށް ރިކޯޑުވެއެވެ. ޝާފިޔާ އައި ދުވަހުގެ ރޭ ވެސް އޭނަ ފާޑެއްގެ ބަތެއް ހެދިއެވެ. އެއީ ޝާފިޔާ ކެއްކި ބަތެއްކަން އެނގުނު ވަގުތުން ފެށިގެން އެ ބަތް އަހަންނަށް މީރުވިއެވެ. ރަހަބެލީ ފަހުންނެވެ. އަހަންނަށް ގަބޫލުކުރަން މަޖުބޫރުވީ އެ އަތުގައި ޖާދޫއެއް ފޮރުވިފައިވާކަމެވެ. ޖެހިގެން އައި ދުވަހު އޭނަ ކުޅިބޯކިބަލެއް އެޅިއެވެ. އެއީ ބޯކިބަލެއް ނޫނެވެ. އަހަރެންގެ ހިތެވެ. އެ ހިތުގެ މެދުން ވަޅި ހިންގައިލި އިރު އަހަންނަށް ކުރެވުނު އިހުސާސް ޝާފިޔާއަށް ކުރިބާއޭ އަހަރެންގެ ހިތަށްއެރިއެވެ.
ޝާފިޔާގެ އަޑު ވަރަށް ރީއްޗެވެ. ލަވަކިޔަން އޭނަ ވަރަށް މޮޅުހެން އަހަންނަށް ހީވެއެވެ. ގޭތެރޭގައި އުޅޭ އިރާއި، ކަމެއް ކުރަން ހުންނަ އިރު ވެސް އޭނަ ހުންނަނީ ލަވައެއްގެ ރާގަށް ހަންމާކުރާށެވެ. ބައެއް ފަހަރު ހިންދީ ލަވައިގެ ތަންތަންކޮޅާއި، އިނގެރޭސި ލަވައިގެ ތަންތަންކޮޅު ކިޔައިލައެވެ. އަހަރެން ހުރުމަކުން އޭނައަކަށް އުނދަގުލެއް ނުވެއެވެ. އަހަންނަށް އިވިދާނެތީ އޭނަ ލަދެއްނުގަނެއެވެ.
އަހަރެން އަދާކުރަނީ ސަރުކާރު ވަޒީފާއެކެވެ. ފޮޓޯނެގުމަކީ އަހަރެންގެ ހޮބީއެކެވެ. އެހެނަސް، ވަޒީފާއިން ލިބޭ އާމުދަނީއަށް ވުރެ ހޮބީއިން ލިބޭ ފައިސާ ގިނައެވެ. އެ މަސައްކަތް އަހަރެން ކުރާ ހިތްވެއެވެ. ވަޒީފާގައި ނޫޅޭ ހުރިހައި ވަގުތަކު އަހަރެން އަތުގައި ކެމެރާ އޮންނާނެއެވެ. ކޮންމެ ތާކަށް ދިޔަސް ވެހެވެ. ޝާފިޔާ ގެއަށް އައި ފަހުން، އަހަރެންގެ ކެމެރާގައި ގިނައިން ހުންނާނީ އޭނަގެ ފޮޓޯއެވެ. ރުހުމުގައި ނެގި ފޮޓޯއާއި، ސިއްރުން ނެގި ފޮޓޯއެވެ. އަހަންނަށް ނިދޭނީ އެ ފޮޓޯތަކާ ވާހަކަދައްކަން އޮއްވައެވެ. އަހަރެންގެ ފޯނުގެ ވޯލްޕޭޕަރަކަށް ވެސް އޮންނާނީ އޭނަގެ ފޮޓޯއެކެވެ.
އަހަރެން ބައެއް ރޭރޭ، ރޭގަނޑު ވެސް އޮފީހަށް ދަމެވެ. ޝާފިޔާ ކޯހަށް ދަނީ ވެސް ރޭގަނޑުއެވެ. އެހާ ރީތި ކުއްޖަކު، އެކަނި ދާން ހެޔޮވާނެ ހެއްޔެވެ؟ ފުރަތަމަ ރޭ ވެސް ޝާފިޔާއަށް ސިއްރުން އޭނަގެ ފަސްފަހަތުން އަަހަރެން ސައިކަލުގައި ދިޔައީމެވެ. ޝާފިޔާއަކަށް އެ ކަމެއް ނޭނގޭނެއެވެ. އެ ރޭ ކޮންމެވެސް ލާނެތް ޒުވާނަކު ޝާފިޔާއާ ފޮށުނެވެ. އެއީ އަހަންނަށް ލިބުނު އުފަލަކަށް ނޫނީ ނުވިއެވެ. ޖެހިގެން އައި ރެއިން ފެށިގެން، ޝާފިޔާ ގެންދިޔުމާއި ގެނައުމުގެ މަސައްކަތް، މަންމަ ރަސްމީ ގޮތުން އަހަންނާ ހަވާލުކުރިއެވެ. ކުރިން ވެސް އަހަރެން މަންމަ ދެކެ ލޯބިވެއެވެ. އެ ރެޔަށް ފަހު އެ ލޯބި ދެގުނައަށް އިތުރުވިއެވެ.
ސައިކަލުގައި ދާ އިރު ޝާފިޔާ ވަކި ހާއްސަ ރާގަކަށް ހަންމާކުރެއެވެ. އެއީ ސެލީންޑިއޯން ޓައިޓޭނިކަށް ކިޔައިފައިވާ، މައި ހާޓް ވިލް ގޯ އޮން އެވެ. އެއީ ކީއްވެގެން ޝާފިޔާ ކުރާކަމެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން ގާތުގައި ބުނަން ބޭނުން ކޮންމެ އެއްޗެއް، ސާފު ބަހުން އޭނަޔަށް ބުނެވޭނެއެވެ. އޭނައަކީ ކެރޭ ކުއްޖެކެވެ. އޭނަ ވަރަށް ގިނަ ވާހަކަދައްކައެވެ. އަހަންނާ ބެހޭ ސުވާލުކުރެއެވެ. ޝާފިޔާގެ ވާހަކަތައް ކިޔައިދެއެވެ. އޭނަ ވިޔަފާރިއެއް ފަށައި، ފުޅާކުރާނެ ގޮތެވެ. ވިޔަފާރި އިސްތިހާރުކުރާނެ ގޮތެވެ. މީސްމީޑިޔާގެ ހުރި ފުރުސަތުތަކެވެ. އަހަރެން ވަރަށް ގިނަ އުކުޅުތައް ކިޔައިދީ، ހުނަރުތައް ދަސްކޮށްދިނީމެވެ. ބައެއް ރޭރޭ އަހަރުމެންގެ ވާހަކަ ނުނިމިގެން، ގެއަށް ނުގޮސް ކޮފީއަކަށް ވެސް ދަމެވެ. އެ ތަނުގައި ތިބެގެން ވެސް އަހަރުމެން ދައްކަނީ އަހަރުމެންގެ ދިރިއުޅުމާ ބެހޭ ވާހަކައެވެ. އިޝްގީ ލޯތްބެއް އަހަރުމެންގެ މައުލޫއަކަށް ނާދެއެވެ. ބައެއް ފަހަރު އަހަރެން ހިތަށްއަރައެވެ. އޭނަ މަޑުކުރަނީ އަހަރެން އެ ބާބު ފަށަންދެން ހެއްޔެވެ؟ އާނއެކެވެ. އަހަންނަށް ފެށިދާނެއެވެ. އެކަމަކު، ސާފު ހެއްކެއް ލިބުމަށް ފަހުއެވެ.
ޝާފިޔާ ކޯހަށް ދާން ލަނީ ދެ ހެދުމެކެވެ. އަހަންނަށް އެ ކަން ފާހަގަވިއެވެ. އެއީ އަހަންނާ ބެހޭކަމެއް ނޫން ނަމަވެސް ނުބެހިއެއް ނީނދެވުނެވެ. އެއް ރޭ ކިލާހަށް ދިޔަ މަގުމަތީގައި އަހަރެން އެ ވާހަކަ ނެގީމެއެވެ.
"ކީއްވެ އަބަދު އެއް ހެދުންތަކެއް ތި ލަނީ؟" އަހަރެން އެހީމެވެ. "ތި ހެދުމާ، ރަތް މާ ޖެހި ހެދުން ނޫން ހެދުމެއް ނުލަނީ ކީއްވެ؟"
"ހެދުން ނެތީމަ އެއްނު ނުލާނީ!" ހީނގެންފައި ޝާފިޔާ ބުންޏެވެ. "ބޭރަށްދާ ދެ ހެދުން އޮންނާނީ. ރަށުގަ ހުރި ހެދުންތައް މިހާރު މާ ބާރުވެއްޖެ! ބާ ވެސް ވެއްޖެ!"
ހެދުން ގަނެދޭށެކޭ ޝާފިޔާ ނުބުނެއެވެ. ނުވެސް ބުނެވޭނެއެވެ. އޭނައަކީ އަހަރެންގެ ކާކު ހެއްޔެވެ؟ އަހަރެންނަކީ އޭނަގެ ކާކު ހެއްޔެވެ؟ އެކަމަކު ހެދުން ނެތް ވާހަކަ ބުނުމުން އަހަރެން ވަރަށް ދެރަވިއެވެ. އުނދަގޫވިއެވެ. ހެދުމެއް ގަނެދޭ ހިތްވިއެވެ. އޭނަ ގަބޫލުކުރާނެ ހެއްޔެވެ؟ އެ ސުވާލު ވެސް އުފެދުނެވެ. ޝާފިޔާއަށް އަހަރެން ހެދުން ގަނެދީފިއްޔާ މަންމައަށް ނޭނގޭނެ އެއްގޮތެއް ވެސް ނޯންނާނެއެވެ. މަންމަ ބުނާނީ ކީކޭ ހެއްޔެވެ؟ ބައްޕަ އަހާނީ ކީކޭ ހެއްޔެވެ؟
ސުވާލުތައް ސިކުނޑީގެ ހަތަރު ބިތުގައި ޖެހިފައި އެނބުރި އަންނަނީ ޖަވާބެއް ނުލިބިއެވެ. ހެދުމެއް ދެންހޭ އެހުމުގެ ބަދަލުގައި، ކިލާހުން ގެއަށް އައި މަގުމަތީގައި ފިހާރަޔަކަށް މަޑުކުރީމެވެ. ޝާފިޔާ ސުވާލެއް ނުކުރެއެވެ. މަޑުމަޑުން ހިނިތުންވެލި އަޑު އަހަންނަށް އިވުނެވެ. އަހަރެން ބެލީ އެއީ ފެހި ސިގުނަލެއް ކަމުގައެވެ. އަހަރެން ކުރަން އުޅޭ ކަންތައް އޭނައަށް އެނގުނު ކަހަލައެވެ. އެ ފިހާރައިގައި ޝާފިޔާ ލާ ކަހަލަ ހެދުން ހުއްޓެވެ. އެކަމަކު، އޭނަ އިސްވެ ހެދުމެއް ނުނެގިއެވެ.
"ކޮން ހެދުމެއް ބޭނުމީ؟" އަހަރެން އެހީމެވެ. "ބުނެބަލަ!"
"ކޮން ހެދުމެއް އަހަރެން ލައްވާ ހިތްވަނީ؟" ލާނެތް ގޮތަކަށް ބަލައިލަމުން ޝާފިޔާ އެހިއެވެ. "ބުނެބަލަ! ކޮން ކުލައެއްގެ ކޮން ކަހަލަ ހެދުމެއް އަހަރެން ލާންވީ؟"
ޝާފިޔާ ކޮންމެ އެއްޗެއް ބުންޏަސް އަހަންނަށް ހީވަނީ އޭގައި ލޯބީގެ ހަކުރުލެވިފައިވާހެންނެވެ. ހިސާބަށް ވުރެ ބޮޑަށް ލޯބިން ކަޅިވެފައިވާ މީހަކަށް ހީވާނީ ވެސް އެހެން ކޯޗެއް ހެއްޔެވެ؟ އަހަރެން ތިން ހެދުން ނެގީމެވެ. އެއީ، އަގު ބޮޑުވެގެން ގޮސް އަހަންނަށް އޮބި ނޯންނަ ވަރުގެ ހެދުމެއް ނޫނެވެ. އެންމެ އަގު ހެޔޮ ހެދުމެއް ވެސް ނުމެ ނޫންމެއެވެ.
"ނުރޯ ދަރިޔަކަށް ހެދުމެއް ނުލިބޭނެ އިނގޭ!" އަހަރެން ސަމާސާކޮށްލީމެވެ. "ދެން ވެސް ބޭނުން އެއްޗެއް ހުރިއްޔާ ބުނޭ!"
"ބުނަންވީ؟" އިރުކޮޅަކު ވިސްނަން ހުރެލައިފައި، ކުޑަކޮށް ރަކިވެފައި ޝާފިޔާ ބުންޏެވެ. "އަސްލު ވެސް ބުނަންވީ؟"
"ކީއްވެ ދެ ކޯ ޕިންކުވީ؟" އަހަރެން ސުވާލުކުރީމެވެ. "މި ބުނީނު ބުނާށޭ!"
"ނުބުންޏަސް އެނގޭނެއްނު ހެދުން އެކަނި ދިނަކަސް ނުވާނެކަން." އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރެ ޝާފިޔާ ބުންޏެވެ.
ޝާފިޔާ ބުނީ ކީކޭކަން އަހަންނަށް ވިސްނުނީ އިރުކޮޅެއް ފަހުންނެވެ.
"އެ ވެސް ނަގާ!" އަހަރެން ބުނީމެވެ. "ކޮންމެ ހެދުމަކަށް ސެޓެއް."
ޝާފިޔާ ހުރި ފިޔަވަޅުމަތީގައި ހުރީއެވެ. އަދި ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފިއެވެ.
"އާދޭ ނަގައިދޭން،" ހިނގައިގަންނަމުން ޝާފިޔާ ބުންޏެވެ. "ޗޮއިސް އޮތީ ފަހުދަށް."
ދެ މީހުން އެކުގައި ހިނގައިގަތް ވަގުތު މަންމަ އެ ފިހާރަޔަށް ވަނެވެ.
ނުނިމޭ