28 ޖުލައި 2021 - 01:00

ޓޯކިޔޯ އޮލިމްޕިކްސްގައި ފިރިހެނުންގެ 100 މީޓަރު ފެތުމުގެ ފްރީސްޓައިލް އިވެންޓުގައި ރާއްޖޭގެ މުބާލް އައްޒާމު ވާދަކޮށް ހީޓުގެ ހަ ވަނަ ހޯދައިފި އެވެ.
ޓޯކިޔޯގެ އެކްއާޓިކް ސެންޓަރުގައި، މިރޭ ކުރިއަށް ގެންދިޔަ 100 މީޓަރު ފެތުމުގެ ފްރީސްޓައިލް އިވެންޓުގައި މުބާލް ވާދަކުރީ ހީޓު އެކެއްގަ އެވެ. އެ ހީޓުގައި އޭނާއާ ވާދަކުރީ، ނޭޕާލް، ކޮސޯވޯ، ފަލަސްތީން، ގަޔާނާ އަދި ބޫޓާންގެ ފެތުންތެރިންނެވެ.
ހަތް ބައިވެރިންގެ ތެރެއިން މުބާލް ރޭސް ނިންމީ، 58.37 ސިކުންތުންނެވެ. އެ ހީޓުގެ އެއް ވަނަ ހޯދި، ނޭޕާލްގެ އެލެގްޒެންޑާ ޝާހު، ރޭސް ނީންމީ 53.41 ސިކުންތުންންވެ. ދެ ވަނަ ހޯދީ ކޮސޯވޯގެ އޮލްޓް ކޮންޑްރޯލީ އެވެ. އޭނާ ރޭސް ނިންމީ 54.33 ސިކުންތުންނެވެ. ތިން ވަނަ ހޯދި ފަލަސްތީންގެ ޔަޒާން އަލް ބަވާބް ރޭސް ނިންމީ 54.51 ސިކުންތުންނެވެ. ހަތަރު ވަނައިގައި ނިންމި ގަޔާނާގެ އެންޑްރޫ ފޯލާ ރޭސް ފުރިހަމަ ކުރީ 55.23 ސިކުނތުންނެވެ. ފަސް ވަނައިގައި ނިންމީ ބޫޓާންގެ ސަންގީ ޓެންޒަން އެވެ. އޭނާ ރޭސް ނިންމީ 57.57 ސިކުންތުންނެވެ، ހަތް ވަނަ ހޯދީ ސޮލޮމޮން އައިލެންޑުގެ އެޑްގާ ރިޗަޑްސަން އަށް ރޭސް ނިންމުނީ 1:00.13 މިނިޓުންނެވެ.
ސްވިމިންގައި ރާއްޖެ އިން ވާދަކުރި އަނެއް އެތުލީޓަކީ އައިޝަތު ސާޖިނާ އެވެ. އޭނާ ވާދަކުރީ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގަ އެވެ. މިދިޔަ އާދިއްތަ ދުވަހު އެ އިވެންޓުގެ ހީޓު އެކެއްގައި ވާދަކޮށް އޭނާ އަށް ލިބުނީ ހީޓުގެ ހަ ވަނަ އެވެ. އޭނާ ރޭސް ނިންމީ 1:33.59 މިނިޓުންނެވެ.
އޮލިމްޕިކްސްގައި ރާއްޖެއަށް ބާކީ ދެން އޮތީ އެތުލެޓިކްސް އެވެ. އެތުލެޓިކްސްގެ 100 މީޓަރު އިވެންޓުގައި ރާއްޖޭގެ ހަސަން ސާއިދު ވާދަކުރާނީ އަންނަ އާދިއްތަ ދުވަހު އެވެ.