ހަރުކަށި ފިކުރާ ދެކޮޅަށް ޝަހީމްގެ ވިސްނުމަށް ނަޝީދު ތާއީދު ކުރައްވައިފި
ހަރުކަށި ފިކުރާ ދެކޮޅަށް ޝަހީމްގެ ވިސްނުމަށް ނަޝީދު ތާއީދު ކުރައްވައިފި

ހަރުކަށި ފިކުރުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި އިސްތިރާތީޖީ ގޮތުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެ މަސައްކަތުގައި ވެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ތާއީދު ކުރައްވައިފި އެވެ.

ޑރ. ޝަހީމް އޭނާގެ ވެބްސައިޓުގައި މިއަދު ލިޔުއްވާފައިވާ ގޮތުގައި ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮބައިކަމާއި އިސްލާމީ ފިގުހީ އުސޫލުތަކާއި ޝަރުއީ އިސްތިލާހުތަކާމެދު އެ ފިކުރުގެ މީހުން ގެންގުޅޭ ނުބައި މަފްހޫމްތަކުގެ ހަގީގަތް ޒުވާނުންނަށް ރަނގަޅަށް ކިޔައިދީ، މުޅި މުޖުތަމައު ހޭލުންތެރިކޮށްގެންނެވެ.

އެ މައްސަލައަކީ ގާނޫނުލްއުގޫބާތުން އެކަނި ރަނގަޅު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ދިގުދެމިގެންވާ ހައްލެއް ބޭނުން ނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން އިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

"ގައުމީ މި ފަދަ މަސައްކަތެއްގައި ގައުމުގެ އެއްވެސް މުއައްސަސާއަކުން އެހީތެރިކަމެއް ބޭނުންވާ ނަމަ އިލްމީ ގޮތުން ދެވެން އޮތް އެންމެހާ އެހީތެރިކަމެއް ވެދިނުމަކީ އަޅުގަނޑަށް ލިބޭނެ އުފަލެއް،" އިސްލާމިކް ޔުނިވާސިޓީގެ ޗާންސިލަރުކަން ވެސް ކުރައްވާފައިވާ ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމްގެ އެ ލިޔުން ނަޝީދު މިއަދު ވަނީ ޓުވިޓާގައި ޝެއާ ކުރައްވައިފަ އެވެ. އެހެންކަމުން އެ ވާހަކަތަކަށް އެމަނިކުފާނު ތާއީދު ކުރައްވާ ކަމަށް ބެލެވެ އެވެ.

ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓެއް ގޮތުގައި ޑރ. ޝަހީމް މަސައްކަތް ފެއްޓެވި ދުވަސްކޮޅު ނަޝީދު ވަނީ ޑރ. ޝަހީމް އާ ހަރުކަށި ފިކުރާ ގުޅުވައި ގިނަ ތުހުމަތުތައް ކުރައްވައިފަ އެވެ. އޭގެ ފަހުން ޑރ. އަފްރާޝިމް މަރުގެ ރިޕޯޓާއެކު ހާމަވި ބައެއް މައުލޫމާތުތަކާ ގުޅިގެން ވެސް އެމްޑީޕީން އެ ވާހަކަތައް ވަރަށް ބޮޑަށް ދައްކައި، ޑރ. ޝަހީމްއަށް ފިޔަވަޅު އަޅަން މަސައްކަތް ކުރި އެވެ.

އެހެން ނަމަވެސް އިސްލާމީ ގައުމުތަކުގެ އެންމެ ނުފޫޒުގަދަ 500 ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޑރ. ޝަހީމް އާ ސިޔާސީ ގޮތުން ހިޔާލު ތަފާތު އިލްމުވެރިން ވެސް އެ ދުވަސްވަރު ވަނީ ޑރ. ޝަހީމްގެ ދިފާއުގައި ނިކުމެ ވާހަކަ ދައްކަވައިފަ އެވެ.

މެއި 6، 2021 ގައި ހަރުކަށި ފިކުރުގެ ސެލްއަކުން ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން އެމަނިކުފާނު ފަހަކަށް އައިސް އަންނަނީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުލަމުންނެވެ. އެ މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު ހުށަހެޅުއްވި ހައްލަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެފަދަ ތުހުމަތު ކުރެވޭ އެންމެން ހައްޔަރު ކުރުމަށެވެ.