27 ނޮވެމްބަރ 2016 - 06:19

އާލިއާ ބަޓް އާ އެކު "ސްޓޫޑަންޓް އޮފް ދަ އިޔާ" އާއި "ކަޕޫރު އެންޑް ސަންސް"ގައި މަސައްކަތްކޮށްފައިވާ އެކްޓަރު ސިދާރްތު މަލްހޯތުރާ އަށް "ލަވް ޔޫ" އޭ ބުނެ އާ އާލިއާ ކުރި ޓްވީޓަކާ އެކު އަނެއްކާވެސް މި ދެ ތަރިންގެ ގުޅުމާ މެދު ކުރެވޭ ސުވާލުތައް އިތުރުވެއްޖެ އެވެ.
އާލިއާގެ އާ ފިލްމު "ޑިއާ ޒިންދަގީ"ގެ ސްޕެޝަލް ސްކްރީނިން އަށް ދައުވަތުދިން މެހެމާނުންގެ ތެރޭގައި ސިދާރްތު ހިމެނުނެވެ. އަދި ފިލްމު ބެލުމަށް ފަހު ސިދާރްތު ވަނީ އެ ފިލްމުގައި އާލިއާގެ މޮޅުކަމަށް ތައުރީފުކޮށް ޓުވީޓްކޮށްފަ އެވެ. އެ ޓުވީޓްގައި "ޑިއާ ޒިންދަގީ" ގައި އާލިއާ ދީފައި ވަނީ އޭނާގެ ކެރިއަރުގެ އެންމެ މޮޅު ޕަފޯމަންސް ކަމަށް ބުނެފައިވެ އެވެ. އެ ފިލްމުގައި އާލިއާ ކުޅެފައިވާ ކެރެކްޓާއަށް ވެސް ސިދާރްތު ވަނީ ތައުރީފުކޮށްފަ އެވެ.
ސިދާރްތުގެ ޓުވީޓަށް އާލިއާ ޖަވާބުދެމުން ވަރަށް ހެވިފައި ޝުކުރިއްޔާ ސިދް އޭ ބުނެފައިވެ އެވެ. އަދި ވަރަށް ލޯބިވާ ކަމަށް ވެސް އާލިއާ ވަނީ ބުނެފަ އެވެ.
އާލިއާ ބުނި "ލަވް ޔޫ"ގެ ހަގީގަތެއް ނޭނގެ އެވެ. އެކަމަކު މީގެ ކުރިން މިފަދަ ގޮތަކަށް ވެސް ލޯތްބާ ގުޅާ ވާހަކައެއް މި ދެ މީހުން ނުދައްކަ އެވެ. މިފަދަ ސުވާލެއް ނޫސްވެރިއަކު ކުރިޔަސް ބުނަނީ އެ ދެ މީހުންނަކީ ވަރަށް ގާތް ދެ އެކުވެރިން ކަމަށެވެ.
"ކޮފީ ވިތު ކަރަން ސީޒަން 5"ގެ ކަރަން ޖޯހަރް ވެސް އެ ދެ މީހުން އެއްވެސް އިރެއްގައި ރައްޓެހިވީންތޯ އާލިއާ އާއި ސިދާރްތުއާ ސުވާލު ކުރި އެވެ. ޖަވާބުގައި އާލިއާ ބުނީ ރައްޓެހި ނުވާ ކަމަށެވެ. އަދި ފިލްމު ކުޅެން ފެށީ އެކުގައިކަމަށްވާތީ ޚާއްސަ ގުޅުމެއް އޮންނަ ކަމަށެވެ.
ފަހަކަށް އައިސް އާލިއާ އާއި ސިދާރްތުގެ ލޯބީގައި މައްސަލަތަކެއް ޖެހިގެން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ފެތުރުނެވެ. ނަމަވެސް މި ވާހަކަތައް ތަންކޮޅެއް ކުރިން ވެސް ސިދާރްތު ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނެފައިވަނީ އޭނާގެ ހިތުގައި އާލިއާ އަށް އޮތީ ހަމައެކަނި ލޯބި ކަމަށެވެ.