27 ޖުލައި 2021 - 15:41

"އުރީދޫ އަތޮޅު ދުވުން 2021" ގައި ބައިވެރިވާން ބޭނުންވާ މީހުން މިއަދު ހަވީރު 6:00 ގެ ކުރިން ރަޖިސްޓަރީ ވުމަށް އުރީދޫން ހަނދާން ކޮށްދީފި އެވެ.
ދުވުމުގައި ބައިވެރިވާން ބޭނުންވާ މީހުން އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަމޭޝަން މެސެޖެއް ފޯނަށް ލިބޭނެ އެވެ. ރަޖިސްޓަރީ ކުރާ ދުވުންތެރިންގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކް ކުރެވޭނެ އެވެ.
މި އަހަރުގެ ދުވުމުގައި ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފު ކުރާ 10 ކިލޯމީޓަރުގެ ކެޓެގަރީ އަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. ދެ ކެޓެގަރީގައި ބައިވެރިވާން ބޭނުންވާ ދުވުންތެރިން ދެ ކެޓެގަރީ އަށް ރަޖިސްޓަރީވެ، މުޅި އެކު 15 ކިލޯމީޓަރު ފުރިހަމަ ކުރަންޖެހެ އެވެ.
ރާއްޖޭގައި ބޭއްވި ފުރަތަމަ ވާޗުއަލް ދުވުން އުރީދޫން ބޭއްވީ އެ ކުންފުނީގެ އަހަރީ ދުވަަސް ފާހަގަ ކުރުމަށް މިދިޔަ އަހަރުގަ އެވެ. މި އަހަރުގެ ދުވުން ބާއްވަނީ އެ ކުންފުނީގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިންނެވެ.
މިއީ ކޮވިޑް-19އާ ގުޅިގެން ގައިދުރުކަން ބަހައްަޓައިގެން ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ފެށި ދުވުމެކެވެ. އެގޮތުން، މިދިޔަ އަހަރުގެ ދުވުމުގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ އެކި ހިސާބުތަކުން 5،000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވި އެވެ.
މިއީ، އެކަނިވިޔަސް އަދި އާއިލާ އާއި ރައްޓެހިންނާއެކު ވެސް ގައިދުރުކަމާ އެކު ބައިވެރިވެ، މަޖާ ވަގުތު ކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ.
އުމުރުން ފަސް އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ މި ދުވުން ފުރިހަމަ ކުރަން ޖެހޭނީ އަންނަ މަހުގެ 1-7 އާ ދެމެދުގަ އެވެ.