"މަނީ ހައިސްޓް 5" ގެ ޓްރެއިލާ އަންނަ މަހު 2 ގައި
"މަނީ ހައިސްޓް 5" ގެ ޓްރެއިލާ އަންނަ މަހު 2 ގައި

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ސްޕެއިންގެ ސީރީޒް "މަނީ ހައިސްޓް 5" ގެ ޓްރެއިލާ އަންނަ މަހުގެ ދޭއްގައި ދައްކައިލަން ނިންމައިފި އެވެ.

ސީރީޒް ނިންމައިލާ ސީޒަންގެ ޓްރެއިލާ އާންމުކޮށްފައި ވަނީ ފަހު ސީޒަން ގެނެސްދޭނީ ދެ ބަޔަކަށް ކަމަށް މެއި މަހުގެ ތެރޭގައި އިއުލާންކޮށް، ޓީޒާއެއް ވެސް ދައްކާލާފައި ވަނިކޮށެވެ. ނެޓްފްލިކްސް އިން ސްޓްރީމްކުރާ "މަނީ ހައިސްޓް 5" ގެ ވޮލިއުމް އެކެއް ސްޓްރީމްކުރާނީ ސެޕްޓެމްބަރު މަހުގެ 3 ގަ އެވެ. ވޮލިއުމް 2 އަންނާނީ ޑިސެމްބަރު 3 ގަ އެވެ.

"މަނީ ހައިސްޓް" އަކީ 2017 ގައި ގެނެސްދޭން ފެށި އެއްޗެކެވެ. ކުރިން އެންޓެނާ 3 ނެޓްވޯކުން ގެނެސްދިން ސީރީޒް ނެޓްފްލިކްސް އަށް ގެނައީ 2019 ގަ އެވެ. އެއީ ތިން ވަނަ ސީޒަނާ އެކީގަ އެވެ. ހަތަރު ވަނަ ސީޒަން ގެނެސްދިނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ކުރީކޮޅު އެވެ.

ވަރަށް ރޭވުންތެރިކޮށް ބޭންކް ފަޅައިލަން އުޅޭ ބައެއްގެ ވާހަކަ ކިޔައިދޭ "މަނީ ހައިސްޓް" ގެ 31 އެޕިސޯޑް ހަތަރު ސީޒަނާ އެކު ގެނެސްދީފައިވެ އެވެ.

ފަސް ވަނަ ސީޒަނަށް ފޭނުން އިންތުޒާރުކުރަމުން އަންނަ އިރު "މަނީ ހައިސްޓް 5" ނިންމައިލާނީ ޝައުވެރި އެތައް ކަމަކާއި ބެލުންތެރިންގެ ހިތުގައި އުފެދިފައި ހުރި ހުރިހާ ސުވާލުތަކަކަށް ޖަވާބު ވެސް ދީފަ އެވެ.