27 ޖުލައި 2021 - 10:47

ކޮވިޑް ވެކްސިން ފުރިހަމަކުރި މީހުންނަށް ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް އެޗްޕީއޭ އިން ދިން ލުޔާ އެކު ކޮވިޑްގެ ކޭސްތައް އިތުރުވާކަން އެނގޭނީ މާލެއިން ރަށްރަށަށް ދިޔަ މީހުން އަނބުރާ އައުމުން ކަމަށް އެޗްއީއޯސީން މިއަދު ބުނެފި އެވެ.
އެޗްޕީއޭ އިން ދިން ލުއިތަކާ އެކު ވެސް ކޮވިޑްގެ ކޭސްތައް އިތުރުވެފައިނުވާކަން އެޗްޕީއޭ އިން ކޮންމެ ދުވަހަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެޗްއީއޯސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ދިން ލުއިތަކާ އެކު ރަށްރަށަށް ދަތުރުކުރި މީހުން އަދި އަނބުރާ ނާންނާތީ، ޕޮޒިޓިވިޓީ ރޭޓަށް ބަދަލެއް އައިކަން ފާހަގަނުކުރެވޭ ކަމަށެވެ.
ވެކްސިން ފުރިހަމަކުރިތާ 14 ދުވަސްވެފައިވާ ނަމަ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު، މޮނިޓަރިންގައި ނެތް ކޮންމެ ރަށަކަށް ވެސް ދެވޭ ގޮތަށް އުސޫލަށް ބަދަލު ގެނައީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެ ބަދަލާ އެކު، ވެކްސިން ފުރިހަމަކުރި މީހުންނާ އެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުދިން ވެސް ކަރަންޓީނުވާކަށް ނުޖެހެ އެވެ.
އެހެންވެ ބޮޑު ބަންދުގައި، މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރި އެވެ. އަދި ރަށްރަށުން ގިނަ ބަޔަކު މާލެ ވެސް އަ އެވެ.
މިފަހަރު ގިނަ ރަށްރަށުގައި ކޮޮވިޑްގެ ކުރިއެކޭ އެއްގޮތަށް އީދު ކުޅިވަރުތައް ވެސް ކުރިއަށް ގެންދިޔަ އެވެ. އަދި ގިނަ ބަޔަކު މި ހަރަކާތްތަކުގައި ބައިވެރިވި ނަމަވެސް އަދި މާބޮޑަށް ބަލި ފެތުރިގެނެއް ނުދާކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ ތިން ހަފުތާ އަށް ބަލާއިރު، ކޮވިިޑް ޕޮޒިޓިވިޓީ ރޭޓް އުޅެނީ 1.5 އާއި 2.7 އާ ދެމެދުގަ އެވެ. އެ މުއްދަތުގައި ބައްޔަށް ޓެސްޓްކުރި 146،091 ސާމްޕަލުން ޕޮޒިޓިވްވެފައި ވަނީ 2،952 ސާމްޕަލެވެ.
ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީން ގިނަ ބަޔަކު މިވަގުތު ތިބީ ވެކްސިން ޖަހައިގެންނެވެ. އެގޮތުން 260،991 މީހަކު ވެކްސިން ފުރިހަމަކޮށްފައިވާއިރު 321،350 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. ސަރުކާރުގެ އަމާޒަކީ އަންނަ މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުންނަށް ވެކްސިން ޖެހުމެވެ.