27 ޖުލައި 2021 - 10:47

ސްރީ ލަންކާއާ ގުޅިގެން ސާފް ޗެމްޕިއަންޝިޕް ހޯސްޓު ކުރުމަށް ރާއްޖެ އިން ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް، މިހާރު ބިޑް ކުރާނީ ރާއްޖޭގައި އެކަނި މުބާރާތް ބާއްވަން ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ، ފަސް ގައުމު ވާދަކުރާތީ ރާއްޖެ އިން ދެން ބިޑް ކުރާނީ ރާއްޖޭގައި އެކަނި އެ މުބާރާތް ބާއްވަން ކަމަށެވެ.
ސާފްގެ ހަތް ގައުމުގެ ތެރެއިން މުބާރާތުގައި ވާދަކުރާނީ ފަސް ގައުމަކުން ކަމަށް ވާއިރު، ފަސް ޓީމުގެ މެދުގައި މުބާރާތް ކުރިއަށް ގެންދާނީ ލީގު އުސޫލުންނެވެ. ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގަދަ ދެ ޓީމެވެ.
ކޮވިޑްގެ ނާޒުކް ހާލަތުގެ ސަބަބުން، ބޫޓާނުގެ ފުޓްބޯޅަ ޓީމު ގައުމުން ބޭރަށް ފުރައިގެން ދާން ހުއްދަ ނުލިބުމުން، އެ ގައުމުން ވަނީ މުބާރާތުގައި ބައިވެރި ނުވާން ނިންމައިފަ އެވެ. ޕާކިސްތާނު އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.
ސާފު ޗެމްޕިއަންޝިޕުގެ 13 ވަނަ އެޑިޝަން ބާއްވަން ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑްރޭޝަނުން އިއުލާން ކުރީ، ކުރިން އެ މުބާރާތް ބާއްވަން ކަނޑައެޅި ބަންގްލަދޭޝްގައި މި ފަހަރު އެ މުބާރާތް ނުބޭއްވޭނެ ކަމަށް އެ ގައުމުން އިއުލާން ކުރުމުންނެވެ. ބަންގްލަދޭޝްގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން މުބާރާތް އެ ގައުމުގައި ބާއްވާކަށް، މައި ސަރުކާރުގެ ހުއްދަ ލިބިފައި ނުވާ ކަމަށް ބަންގުލަދޭޝްގެ މީޑިއާތަކުން ބުނެ އެވެ.
ރާއްޖޭގެ އިތުރުން، އިންޑިއާ އާއި ނޭޕާލުން ވެސް ވަނީ ސާފް ޗެމްޕިއަންޝިޕް ބާއްވަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ސާފްގެ ސެކްރެޓަރީ ޖެނެރަލް ބަންގްލަދޭޝްގެ އަންވާރުލް ހައްގު ހިލާލް، ވިދާޅުވީ، މުބާރާތަށް ހިނގާނެ ހަރަދުތައް ކަމަށް ލަފާކުރެވޭ އަންދާޒާ އަދަދުތަކެއް، ޝައުގުވެރިކަން ފާޅުކުރި ތިން ގައުމާ ވެސް ހިއްސާ ކޮށްފައި ވާނެ ކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅަ އިދާރާގެ ސެކްރެޓަރީ ޖެނެރަލް ޖަވާޒް ވިދާޅުވިގޮތުގައި، ރާއްޖެ އަށް ވެސް އެ ތަފުސީލުތައް ވަނީ ލިބިފަ އެވެ. ނޭޕާލުގެ އެދުމަށް ސާފުން ވަނީ "ކޮންޑިޝަނަލް އޮފާ ލެޓާ" އެއް އެ ގައުމުގެ އެފްއޭ އަށް ފޮނުވައިފަ އެވެ.
"ތިން ގައުމުން ވެސް ބިޑު ހުށަހަޅާނީ ޖުލައި 31 ގައި. ދެން އޮގަސްޓްގެ ފުރަތަމަ ހަފުތާގައި ސާފްގެ އެގްޒެކެޓިވް ކޮމިޓީން ބައްދަލު ކުރުމަށް ފަހު، އަހަރެމެން ފައިނަލް ކުރާނީ ކޮން ގައުމެއްގައިތޯ މުބާރާތް ބާއްވާނީ،" ސާފްގެ ސެކްރެޓަރީ ޖެނެރަލް އަންވާރުލް ހައްގު ބަންގްލަދޭޝްގެ ޖަގޯ ނިއުސް އަށް ވިދާޅުވި އެވެ.
ރާއްޖެ، ނޭޕާލް ނުވަތަ އިންޑިއާގެ ތެރެއިން ކޮންމެ ގައުމަކުން ބިޑް ކާމިޔާބު ކުރިޔަސް، އެކަން ވާނީ 13 ވަނަ ސާފް ޗެމްޕިއަންޝިޕް ބާއްވަން ބިޑް އެވޯޑު ކުރާ ތިން ވަނަ ގައުމަށެވެ. އެންމެ ފުރަތަމަ ޕާކިސްތާންގައި ބާއްވަން އިއުލާން ކުރި މުބާރާތް ބަންގްލަދޭޝް އަށް ބަދަލުކުރީ އެ ގައުމުން އެދުމުން ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެއީ އެ ގައުމުގެ ބާނީ ޝައިހް މުޖީބުއް ރަހްމާން (ބަންގުބަންދު) އުފަންވިތާ 100 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެންނެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ބާއްވަން އޮތް މުބާރާތް މި އަހަރަށް ފަސް ކުރަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެންނެވެ. މުބާރާތް ދެން އަންނަ އޮންނާނީ އޮކްޓޯބަރު މަހު އެވެ.
މުބާރާތް އެންމެ ފަހުން ވެސް ބޭއްވީ ބަންގްލަދޭޝްގަ އެވެ. ސެޕްޓެމްބަރު 2018 ގައި ޑާކާގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ އިން ހޯދީ އިންޑިއާ ބަލި ކުރުމަށް ފަހު އެވެ.