ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ބަލްގޭރިއާ އަށް ފުރާވަޑައިގެންފި
ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ބަލްގޭރިއާ އަށް ފުރާވަޑައިގެންފި

ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ބަލްގޭރިއާ އަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި މަހުގެ 27-29 އަށް ޝާހިދު ބަލްގޭރިއާ ކުރައްވައި މި ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ސްވެޓްލަން ރިސްޓަވް ސްޓޮވްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހި ކުރެއްވުމަށް މަޝްވަރާ ކުރައްވާނެ އެވެ.

ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރުގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ވެސް ޝާހިދު ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން އެކި ދާއިރާތަކުން ހުރި ފުރުސަތުތައް ބަލައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

މި ދަތުރުފުޅުގައި އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޝާހިދު ކުރައްވާ އުއްމީދުތަކާއި ހާއްސަ އިސްކަމެއް ދެއްވާނެ ކަންކަން ވެސް އެ ބޭފުޅުންނަށް ހިއްސާކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޝާހިދު މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާ އަށް ވެސް ވަޑައިގަތެވެ. އެ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވެސް ބައްދަލުކުރެއްވި އެވެ. އަދި އެ ދަތުރުފުޅުގެ ތެރެއިން ވަނީ ރާއްޖެ އަށް އިންޑިއާ އިން ދޭ ހިލޭ އެހީ އިތުރު ކުރުމުގެ އެއްބަސްވުން ވެސް އާ ކޮށްފަ އެވެ.