ދެ ހަފްތާ ނުވެ، ކާށިދޫން ޕޮޒިޓިވްވި އަދަދު 90 އިން މައްޗަށް، އިތުރު ފިޔަވަޅު އަޅަން މަޝްވަރާކުރަނީ
ދެ ހަފްތާ ނުވެ، ކާށިދޫން ޕޮޒިޓިވްވި އަދަދު 90 އިން މައްޗަށް، އިތުރު ފިޔަވަޅު އަޅަން މަޝްވަރާކުރަނީ

ކޮވިޑްގެ ފުރަތަމަ ކޭސް ފެނިގެން މޮނިޓަރިންގެ ހާލަތަށް ގެނައިތާ ދެ ހަފްތާ ނުވެ، ކ. ކާށިދޫން ކޮވިޑް ޖެހުނު މީހުންގެ އަދަދު 95 އަށް އަރައިފި އެވެ.

ކާށިދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މި މަހުގެ 13 ވަނަ ދުވަހު އެވެ. ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ބަލީގެ އަލާމާތް ފެނިގެން ފްލޫ ކްލިނިކަށް ދެއްކި ބިދޭސީ އެކެވެ.

އޭގެ ފަހުން، އެމީހާއާ ކޮންޓެކްޓްވި ބައެއް މީހުންނާއި އަދި ރަށުން ނަގަމުންދާ ބައެއް ރެންޑަމް ސާމްޕަލްތައް ވެސް ޕޮޒިޓިވްވަމުން އަންނަ ކަމަށް އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކާށިދޫން ޕޮޒިޓިވްވި ބިދޭސީ މީހާގެ ކުރިން ވެސް ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ބެލެވެ އެވެ. އަދި އީދާ ދިމާކޮށް އެޗްޕީއޭ އިން ވެކްސިން ޖެހި މީހުންނަށް ދިން ލުއިތަކާ އެކު ގިނަ ބަޔަކު ކާށިދޫއަށް ވެސް ދަތުރުކޮށްފައިވާ ކަމަށާއި އެއިން މީހެއްގެ ފަރާތުން ވެސް ރަށުގައި ބަލި ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލުވިކަމާ އެކު ކާށިދޫގައި ކޮވިޑް ފެތުރެމުން އަންނައިރު މިވަގުތު އެ ރަށުގައި އަންނަނީ ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ވެސް ހިންގަމުންނެވެ. އަދި ރަށުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ހުއްޓާލާފައި އޮތްއިރު އާންމު ތަންތަނުގައި ހުރި ޖޯލިފަތިތައް ނަގައި ޕިކްނިކް ނުދިއުމަށާއި ޒަރޫރީ ކަންކަމުގައި ނޫން ގޮތަކަށް ބޭރަށް ނުދިއުމަށް ވެސް އަންގާފައިވާ ކަމަށް އާމިރު ވިދާޅުވެ އެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ހަރުކަށި ކުރުމުގެ މަޝްވަރާ މިއަދު ފަށާފައިވާއިރު އާމިރު ވިދާޅުވި ގޮތުގައި، މަޝްވަރާކުރަމުން ދަނީ ކާފިއު ވަގުތު އަވަސްކުރުމަށާއި މީހުން ބޭރަށް ނުކުންނަވަރު މަދުކުރުމަށް ކޮންމެ ގޭއަކަށް ފާސް ދޫކުރުމާ ގުޅޭ ގޮތުންނެވެ.

މިވަގުތު ކާށިދޫ ހިމެނޭ ގޮތަށް މޮނިޓަރިންގައި އޮތީ 13 ރަށެކެވެ. މި ރަށްރަށަށް ވެކްސިން ފުރިހަމަކުރިޔަސް ދަތުރުކުރެވޭނީ ޒަރޫރީ ބޭނުންތަކުގައި އެކަންޏެވެ.