ކޮވިޑާ ހެދި 13 ރަށެއް އަދިވެސް އޮތީ މޮނިޓަރިންގައި
ކޮވިޑާ ހެދި 13 ރަށެއް އަދިވެސް އޮތީ މޮނިޓަރިންގައި

ކޮވިޑް-19 ފެތުރޭތީ އަރައިފޭބުން މަނާކޮށްފައި އޮތް ރަށްތަކުގެ އަދަދު 13 އަށް މަދުވެއްޖެ އެވެ.

ކޮވިޑްގެ ހަތަރު ވަނަ ރާޅާ އެކު ރަށްރަށުގައި ކޮވިޑް ފެތުރި، ގިނަ ރަށްތަކެއް ބަންދުކުރަން ޖެހުނެވެ. މިގޮތަށް ބަންދުކުރަން ޖެހުނު ރަށްތަކުގެ އަދަދު 80 އިން މައްޗަށް އެރި ނަމަވެސް މިމަހުގެ މެދަކާ ހިސާބަށް އައިއިރު ބަންދުކޮށްފައި އޮތީ 22 ރަށެކެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މިއަދު ހެނދުނު 11 ޖެހުމާ ހަމައަށް މޮނިޓަރިންގައި އޮތީ 13 ރަށެކެވެ. އެއީ ހދ. ކުޅުދުއްފުށި، ށ. ފޯކައިދޫ، ރ. ދުވާފަރު، ރ. މީދޫ، ކ ކާށިދޫ، ކ. ގުރައިދޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، ފ. ފީއަލި، ގއ. ވިލިނގިލި، ގއ. ކޫއްޑޫ އަދި ގދ. ނަޑެއްލާ އާއި ފުވައްމުލަކެވެ.

މީގެ ތެރެއިން ބަންދުކޮށްފައި އޮންނަތާ އެންމެ ގިނަ ދުވަސްވެފައި ވަނީ ފ. ފީއަލީ އެވެ. އެ ރަށަށް އަރައިފޭބުން މަނާކުރީ މެއި މަހުގެ ދެވަނަ ދުވަހު އެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މޮނިޓަރިންގައި ނެތް ރަށްރަށަށް ދަތުރުކުރުމުގައި ލުއި ދީފައި ވަނީ އެ މީހަކު ހުރި ތަނެއްގެ ޕޮޒިޓިވިޓީ ރޭޓަށް ބެލުމަށް ފަހު އެވެ. މިވަގުތު މާލޭގެ ޕޮޒިޓިވިޓީ ރޭޓް ހުރީ ފަހަކުން ދަށުގައި ކަމަށްވާތީ، މާލޭގައި އުޅޭ މީހުންނަށް ކަރަންޓީނު ނުވެ، މޮނިޓަރިންގައި ނެތް ރަށްރަށަށް ދެވޭނެ އެވެ. އެކަމަކު ޕޮޒިޓިވިޓީ ރޭޓް މައްޗަށް ގޮސްފި ނަމަ، ކަރަންޓީނުވާން ޖެހޭނެ އެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ޕޮޒިޓިވިޓީ ރޭޓް 5-10 އަކާ ދެމެދުގައި ހުރި ނަމަ ހަތް ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭނެ އެވެ. އަދި 10 އަށް ވުރެ މައްޗަށް ގޮސްފި ނަމަ، 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނުވާން ޖެހޭނެ އެވެ.

މި ލުޔާ އެކު ގިނަ ބަޔަކު އީދު ބަންދުގައި ރަށްރަށަށް ވަނީ ދަތުރުކޮށްފަ އެވެ. ނަމަވެސް ލުއިތަކަށް ފަހު ކޮވިޑްގެ ކޭސްތައް އިތުރުވާ ކަމަކަށް އަދި ފާހަގަވެފައެއް ނުވެ އެވެ.