20 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕަށް ހިމްނާ
20 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕަށް ހިމްނާ

ކެންޔާގެ އަންނަ މަހު ބާއްވާ 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕަށް އައިޝަތު ހިމްނާ ހަސަން ފޮނުވަން ނިންމައިފި އެވެ.

އަންނަ މަހު 17-22 ކެންޔާގެ ވެރިރަށް، ނައިރޯބީ ގައި ބާއްވާ ޗެމްޕިއަންޝިޕަށް، ހިމްނާ ފޮނުވަން ހޮވުނީ، ޗެމްޕިއަންޝިޕަށް ފޮނުވާނެ އެތުލީޓަކު ހޮވުމަށް ބޭއްވި ލޯކަލް ޓައިމް ޓްރެއަލްގައި އެންމެ ކުރި ހޯދި އެތުލީޓަކަށް އޭނާ ވުމުންނެވެ. އަންޑާ 20 ޗެމްޕިއަންޝިޕުގައި ރާއްޖެ އަށް ލިބުނީ އެއް ޖާގަ އެވެ.

އަންޑަ 20 ވޯލްޑް ޗެމްޕިއަންޝިޕް ވެގެން ދާނީ، ނޭޕާލުގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 400 މީޓަރުގެ ފައިނަލުން ޖާގަ ހޯދި ހިމްނާ، 19 ވާދަ ކުރާ އިންޓަނޭޝަނަލް ނުވަ ވަނަ މުބާރާތަށެވެ.

މީގެ ކުރިން ވޯލްޑް ޗެމްޕިއަންޝިޕް ކެޓެގެރީގެ ދެ މުބާރާތެއްގައި އޭނާ ވާދަ ކުރި އެވެ. ގަތަރު ގައި 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގެ އިތުރުން، 2018 ވޯލްޑް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވެސް ވާދަ ކުރި އެވެ.

ހިމްނާ ބޮޑަށް ހާއްސަވެފައި ވަނީ 400 މީޓަރުގެ ކެޓެގެރީ އަށެވެ. އެ ކެޓެގެރީން ގައުމީ ރެކޯޑު ތިން ކެޓެގަރީން އޭނާ ވަނީ ހަދައިފަ އެވެ. ސީނިއާ ލެވަލްގައި ގައުމީ ރެކޯޑް 2018 އަދި 2019 ގައި ހެދި އެވެ. ގައުމީ ޔޫތު ރެކޯޑް 2018 އަދި 2019 ގައި ހެދި އެވެ. ޖޫނިއާ 400 މީޓަރުގެ ގައުމީ ރެކޯޑު ވެސް 2018 އަދި 2019 ގައި އޭނާ ހެދި އެވެ.