26 ނޮވެމްބަރ 2016 - 11:04

ހަވާނާ (ނޮވެމްބަރު 26) - ކިއުބާގެ ކުރީގެ ރައީސް އަދި އެ ގައުމުގެ ކޮމިއުނިސްޓް އިންގިލާބުގެ ލީޑަރު ފިޑެލް ކާސްޓްރޯ އުމުރުފުޅުން 90 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

ކާސްޓްރޯ އަވަހާރަވިކަން ކިއުބާ ޓީވީން ބުނި ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ކާސްޓްރޯ ވަނީ ކިއުބާގައި ބައިގަރުނެއްހާ ދުވަހު ވެރިކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ސިއްހީ ހާލަތު ތަން ނުދިނުމުގެ ސަބަބުން 2008 ވަނަ އަހަރު ވަނީ އޭނާގެ ކޮއްކޮ ރައުލް އަށް ބާރުތައް ހަވާލު ކުރައްވައިފަ އެވެ. ކާސްޓްރޯގެ ސަޕޯޓަރުން ސިފަ ކުރަނީ އެއީ ކިއުބާ އަނބުރާ ރައްޔިތުންނަށް ހަވާލުކުރި ލީޑަރެއްގެ ގޮތުގަ އެވެ. އަދި އޭނާގެ ދެކޮޅު ފަރާތްތަކުން ބުނަނީ އެއީ އިދިކޮޅު މީހުން ހުއްޓުވާ، އަނިޔާވެރި މީހެއްގެ ގޮތުގަ އެވެ.
އެޕްރީލް މަހު ކާސްޓްރޯ ވަނީ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި ތަގްރީރެއް ދެއްވައިފަ އެވެ. ކާސްޓްރޯ ވަނީ ކޮމިއުނިސްޓް ކޮންސެޕްޓަށް ތާއިދު ކުރައްވާ ކިއުބާ މީހުންނަށް ކާމިޔާބުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އުމުރުން 90 އަހަރު ފުރޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
1926: އުފަންވެވަޑައިގެންނެވި
1953: ފުލްޖެންސިއޯ ބަޓިސްޓާގެ ވެރިކަމާ ދެކޮޅަށް ތެދުވުމުން ޖަލަށްލި
1955: ޖަލުން މިނިވަންކުރި
1956: ސަރުކާރާ ދެކޮޅަށް ގެރިއްލާ ހަނގުރާމައެއް ފެށި
1959: ބަޓިސްޓާ ބަލިކުރައްވާ ބޮޑު ވަޒީރުކަމުގެ ހުވާ ކުރި
1960: އދ.ގައި ހަތަރު ގަޑިއިރާއި 29 މިނިޓުގެ ތަގްރީރެއް ދިން
1976: ކިއުބާގެ ނޭޝަނަލް އެސެމްބްލީން ރައީސްކަމުގެ މަގާމަށް އިންތިޚާބުކުރި
1992: ކިއުބާގެ ރެފިއުޖީންގެ މައްސަލާގައި އެމެރިކާއާ އެކު އެއްބަސްވުމަކަށް އައި
2001: ދެ ގަޑީއިރަށް ވުރެ ގިނަ އިރު ތަގްރީރު ދެނިކޮށް ވެއްޓުނު
2008: ސިއްހީ މައްސަލަތަކާ ގުޅިގެން ވެރިކަމުން ދުރުވި
އދ.ގެ އާއްމު މަޖިލީހުުގައި ކާސްޓްރޯ ވަނީ 1960 ވަނަ އަހަރު ހަތަރު ގަޑިއިރާއި 29 މިނިޓުގެ ދިގު ތަގްރީރެއް ދެއްވައިފަ އެވެ. މިއީ މިހާތަނަށް އދ. ގައި ދިން އެންމެ ދިގު ތަގްރީރު ވެސް މެ އެވެ. އޭގެ ފަހުން 2001 ވަަނަ އަހަރު ކިއުބާގައި ތަގްރީރު ދެއްވަމުން ދަނިކޮށް، ދެ ގަޑިއިރުވީ ފަހުން ވެއްޓިވަޑައިގަތުމުން އެހީތެރިން ހިފަހައްޓަން ޖެހުނެވެ. ދިހަ މިނިޓް ފަހުން އެނބުރި ޕޯޑިއަމް ވަޑައިގެން ވިދާޅުވީ ސިއްހީ މައްސަލައެއް ނެތް ކަމަށާއި މާބޮޑަށް ވަރުބަލިވީ ކަމަށެވެ.