26 ޖުލައި 2021 - 11:20

އޮލިމްޕިކުސްގެ ގުރޫޕް ޕްލޭ ސްޓޭޖުގައި ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދު ރައްޒާގް ކުޅުނު ދެ ވަނަ މެޗުގައި އިރާންގެ ސޫރާޔާ އަގާލީ އަތުން ބަލި ވެއްޖެ އެވެ.
އޮލިމްޕިކްސްގެ ގުރޫޕު ސްޓޭޖުން ޖާގަ ހޯދުމަށް ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި، ނަބާހާ ނުކުތީ ދުނިޔޭގެ ނުވަ ވަނަ ކުޅުންތެރިޔާ ޗައިނާގެ ހީ ބިންޖާއޯ ދެކޮޅަށެވެ.
މިއަދު ހެނދުނު ސޫރާޔާ އަގާލީ އާ ދެކޮޅަށް ކުޅުނު މެޗުގައި ނަބާހާ ވަނީ ކުރި އެރުންތަކެއް ހޯދައިފަ އެވެ. ފުރަތަމަ ސެޓުން އޭނާ ބަލިވީ 21-14 އިންނެވެ. ދެ ވަނަ ސެޓުން ބަލިވީ 2-7 އިންނެވެ.
ޗައިނާގެ ބިންޖާއޯ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ސެޓުގައި ނަބާހާ ވަނީ ބިންޖާއޯ ދެކޮޅަށް ހަ ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ދެ ވަނަ ސެޓުގައި ތިން ޕޮއިންޓް ސްކޯ ކުރިއިރު، ބިންޖާއޯ ސެޓުތައް ގެންދިޔައީ 21-6 އަދި 21-3 އިންނެވެ.
ދުނިޔޭގެ ރޭންކިންގައި ނަބާހާ އަކީ 252 ވަނަ އެވެ. އަގާލީގެ ރޭންކިން އަކީ 111 ވަނަ އެވެ.
ނާބާހާ އަކީ އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓުގައި ރާއްޖެ އިން ވާދަކުރި ފުރަތަމަ އަންހެން އެތުލީޓެވެ. އިންޓަނޭޝަނަލް އޮލިމްޕިކްސް ކައުންސިލުން ނަބާހާ އަށް އެ ފުރުސަތު ދިނީ އިންޓަނޭޝަނަލް މުބާރާތްތަކުގައި އޭނާ ހޯދާފައިވާ ކާމިޔާބުތަކަށް ބެލުމަށް ފަހު އެވެ.
ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި، އޮލިމްޕިކްސްގައި އެންމެ ފުރަތަމަ ވާދަކުރި އެތުލިޓަކީ މުހައްމަދު އަޖުފާނެވެ. އޭނާ ވަނީ 2012 ގައި ލަންޑަނުގައި ބޭއްވި އޮލިމްޕިކްސްގައި ވާދަކޮށްފަ އެވެ.