ރަޝިޔާގެ ކަނޑުގެ ލަޝްކަރު އޮތީ ފުރިހަމަ ބާރުގައި: ޕުޓިން
ރަޝިޔާގެ ކަނޑުގެ ލަޝްކަރު އޮތީ ފުރިހަމަ ބާރުގައި: ޕުޓިން

މޮސްކޯ (ޖުލައި 26) - ރަޝިޔާގެ ކަނޑުގެ ލަޝްކަރު މިހާރު އޮތީ، ދުޝްމަނުންގެ ހަރަކާތްތައް ރަނގަޅަށް ދެނެގަނެ، ދުޝްމަނުން ނައްތައިލުމުގެ ފުރިހަމަ ގާބިލުކަމުގައި ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ ސެންޓް ޕީޓަސްބާގްގައި ބޭއްވި، ކަނޑުގެ ލަޝްކަރުގެ ގާބިލުކަން ދައްކައިލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވި ގޮތުގައި ރަޝިޔާގެ ރައްޔިތުންނާއި ގައުމު އަދި ރަޝިޔާގެ މަސްލަހަތު ދިފާއުކޮށް ރައްކާތެރިކުރަން ބޭނުންވާ ހުރިހާ ވަސީލަތެއް މިހާރު ރަޝިޔާގެ ކަނޑުގެ ލަޝްކަރުގައި އެބަހުއްޓެވެ.

ޕުޓިން ވިދާޅުވި ގޮތުގައި ރަޝިޔާގެ އަދުއްވުން ތިބި ކޮންމެ ތަނަކުން އެފަދަ މީހުން ދެނެގަތުމުގެ ގާބިލުކަން މިހާރު އެބަ އޮތެވެ. ވައިގެ ތެރޭގައި ކަމަށް ވިޔަސް، ނުވަތަ ކަނޑުގެ އަޑީގައި، ނުވަތަ ބިންމަތީގައި ކަމަށް ވިޔަސް، އެ ބަޔަކު ތިބި ތަނަކުން ހޯދައި ހަމަލާ ދިނުމުގެ ގާބިލުކަން ރަޝިޔާގެ ކަނޑުގެ ލަޝްކަރުގައި މިހާރު އެބަ ހުއްޓެވެ.

ރަޝިޔާގެ އަސްކަރިއްޔާ ތަރައްގީކުރުމަށް ކުރެވުނު މަސައްކަތުގެ ސަބަބުން، މިހާރު ރަޝިޔާގެ ކަނޑުގެ ލަޝްކަރަކީ، ދުނިޔޭގެ ކަނޑުގެ ލަޝްކަރުތަކުގެ ކުރިމަތީގައި އެކަށީގެންވާ މަތީ މަގާމެއްގައި އޮތް ލަޝްކަރެއް ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

އޭނާ ސިފަ ކުރެއްވި ގޮތުގައި ރަޝިޔާގެ ކަނޑުގެ ލަޝްކަރަކީ، ހުޅަނގުން ކުރިމަތިކުރުވާ ނުރައްކާތަކުގެ ކުރިމަތީގައި އެއްވެސް ގުޑުމެއް ނާރާނެހައި ސާބިތުކަމާ އެކު އޮތް ލަޝްކަރެކެވެ. ރަޝިޔާގެ ކަނޑުގެ ލަޝްކަރުގައި ހިމެނޭ މަތިންދާބޯޓުތަކާއި ކަނޑުގެ އުޅަނދުތައް ވެސް މިހާރު ހުރީ، މީގެ އަހަރުތަކެއް ކުރިއާ އަޅައި ބަލާއިރު އެތައް ގުނައަކަށް ތަރައްގީކޮށްފައި ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ރަޝިޔާ އިން ދާދި ފަހުން ވަނީ، އަލަށް އުފެއްދި ބައެއް މިސައިލްތަކުގެ އަޖުމަ ބަލައިފަ އެވެ. އޭގެ ތެރޭގައި، އަޑަށް ވުރެ ބާރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ އެވަންގާޑް މިސައިލްއަކީ، ދަތުރުކުރާ މިސްރާބާއި އުސްމިން ވެސް ބަދަލުކުރުމުގެ ގާބިލްކަން ލިބިގެންވާ މިސައިލެކެވެ.

އޭގެ އިތުރުން ޒަރަކޯން ކިޔާ މިސައިލަކީ ވެސް އާންމުކޮށް އެހެން ގައުމުތަކުގައި ބޭނުންކުރާ މިސައިލްތަކަށް ވުރެ ބާރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިގެންވާ މިސައިލެކެވެ. އަދި މި މަހުގެ 20 ވަނަ ދުވަހު އަޖުމަ ބަލާފައިވާ އެސް-500ގެ ނަން ދީފައިވާ ޖައްވީ ދިފާއީ ނިޒާމަކީ، ދުނިޔޭގައި ވެސް އެފަދަ ދެވަނައެއް ނެތް ފަދަ ދިފާއީ ނިޒާމެއް ކަމަށް ބުނެވެ އެވެ.