ބިދޭސީންގެ މުސާރަ ޖަމާނުކުރާ ނަމަ ހިދުމަތްތައް ދިނުން ހުއްޓާލަނީ
ބިދޭސީންގެ މުސާރަ ޖަމާނުކުރާ ނަމަ ހިދުމަތްތައް ދިނުން ހުއްޓާލަނީ

ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާނުކުރާ ފަރާތްތައް ބްލެކްލިސްޓްކޮށް، ސަރުކާރުން ފޯރުކޮށް ދޭ ހިދުމަތްތައް ހުއްޓާލަން އެންގޭ ގޮތަށް ގަވައިދެއް އެކުލަވާލައި ބުރާސްފަތި ދުވަހުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އަލަށް ހެދި ގަވައިދުގައިވާ ގޮތުން ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ގަވައިދުން ޖަމާނުކުރާ ވަޒީފާ ދޭ ފަރާތާއި އެތަނުގެ ހިއްސާދާރުންގެ ގޮތުގައި ހިމެނޭ ފަރާތްތަކުގެ ނަމުގައި އެއްވެސް ވިޔަފާރިއެއް ރަޖިސްޓްރީކޮށެއް ނުދޭނެ އެވެ. އޭގެ ތެރޭގައި ވިޔަފާރި ހިންގުމާ ގުޅުން ހުރި އެއްވެސް ހުއްދައެއް ހަދައިދިނުން، އާކޮށްދިނުން އަދި ބާތިލުކޮށް ނުދިނުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން މުދާ އިމްޕޯޓް އަދި އެކްސްޕޯޓްކުރުމާ ގުޅުން ހުރި އެއްވެސް މުއާމަލާތެއް އަދި ބިދޭސީން އެތެރެކުރަން ކޯޓާ އާއި ވިސާ ދޫކުރުން ވެސް އެ ގަވައިދުގެ ދަށުން ހުއްޓާލެވެ އެވެ.

އެ ގަވައިދުގައިވާ ގޮތުން ބިދޭސީއަކު ރާއްޖެ އެތެރެވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މީހެއްގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވަން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ކުރަން ޖެހެ އެވެ. އަދި އެ ގަވައިދާ އެއްގޮތަށް މުސާރަ އާއި އިނާޔަތްތައް ޖަމާނުކުރާ ނަމަ ފުރަތަމަ ފަހަރު ކޮންމެ ބިދޭސީއަކަށް 10،000ރ. އަދި ދެވަަނަ ފަހަރު ކޮންމެ ބިދޭސީއަކަށް 20،000ރ. އަދި ތިން ވަނަ ފަހަރު ކޮންމެ ބިދޭސީއަކަށް 40،000ރ. އަދި އޭގެ ފަހުން ތަކުރާރުވާ ކޮންމެ ފަހަރަކު ބިދޭސީއަކަށް 50،000ރ. އިން ޖޫރިމަނާކުރެވެ އެވެ.

މުސާރައާ ބެހޭ ކަންކަން ވަޒީފާ ދޭ ފަރާތުގެ މައްޗަށް ތަންފީޒުކުރުމާ ބެހޭ ގަވައިދުގެ ދަށުން ޖޫރިމަނާކުރަން ފަށަނީ އެޕްރީލް 2017 އިން ފެށިގެންނެވެ.

‎ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް މިދިޔަ އޮގަސްޓް 17 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް ޔާމީން ތަސްދީގު ކުރެއްވި ގާނޫނުގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މި އަހަރުގެ އޮކްޓޫބަރު 1 ގައި ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސެންޓް ރެމިޓެންޓް ޓެކްސްގެ ގޮތުގައި ދައުލަތަށް ނަގަން ވަނީ ފަށައިފަ އެވެ. އެ ޓެކްސް ނަގައި، ދައުލަތަށް ދެއްކުމަކީ ރާއްޖޭގެ ހުރިހާ ބޭންކްތަކާއި ބޭރަށް ފައިިސާ ފޮނުވުމުގެ ޚިދުމަތް ދޭ ފަރާތްތަކަށް ލާޒިމް ކަމެއް ކަމަށާއި ޓެކްސް ނުދައްކައިފި ނަމަ، ޖުރިމަނާ ކުރެވޭނެ ކަމަށް ވެސް ގާނޫނުގައިވެ އެވެ.

‎މީގެ އިތުރުން އެ ގާނޫނު ތަސްދީގުކުރި ދުވަހުން ފެށިގެން ތިން މަސް ތެރޭގައި ހުރިހާ ބިދޭސީންގެ ނަމުގައި ބޭންކެއްގައި އެކައުންޓް ހުޅުވަން ޖެހެ އެވެ. ބިދޭސީ މީހާއަށް ދޭން ޖެހޭ ހުރިހާ އިނާޔަތްތަކާއި މުސާރަ ޖަމާކުރަން ޖެހޭނީ އެ އެކައުންޓަށެވެ. އެ މުއްދަތުގައި އެކައުންޓް ނުހުޅުވައިފި ނަމަ ވަޒީފާ ދޭ ފަރާތްތައް 10،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެ އެވެ. އަދި ސަރުކާރުން އެ ފަރާތަކަށް ދެމުންދިޔަ ޚިދުމަތްތައް ހުއްޓާލުމުގެ ބާރު ވެސް ގާނޫނުގެ ދަށުން ސަރުކާރަށް ލިބެ އެވެ.

ރާއްޖޭގައި ހިންގާ ބޭންކްތަކުގައި އެކައުންޓް ހުޅުވުން ވަނީ ބޮޑު އުނދަގުލަކަށް ވެފަ އެވެ. ޑިސެމްބަރުގެ ނިޔަލަށް މުއްދަތު ހަމަވާއިރު އެކައުންޓް ހުޅުވޭނެ ގޮތެއް ނެތިގެން އެތައް ބަޔަކު މިހާރު ވެސް ގެންދަނީ ޝަކުވާ ކުރަމުންނެވެ. އެކަމަކު އެކައުންޓް ހުޅުވަން ދިން މުއްދަތު އިތުރުކުރަން މަޖިލިހަށް ހުށަހެޅި އިސްލާހު، ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ ބޭރުކޮށްލައިފަ އެވެ.