"ކީއްވެ އަހަރެން ކުޅުން ހުއްޓާލަންވީ؟"
"ކީއްވެ އަހަރެން ކުޅުން ހުއްޓާލަންވީ؟"

ރޯމް (ނޮވެމްބަރު 26) – މި ސީޒަން ނިމުމުން ވެސް ފުޓްބޯޅަ ކުޅުން ހުއްޓާލާނެކަން ޔަގީންނުވާ ކަމަށް ރޯމާގެ ކެޕްޓަން ފްރެންޗެސްކޯ ޓޮޓޯ ބުނެފި އެވެ.

އުމުރުން 40 އަހަރުގެ ކުޅުންތެރިޔާގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު އޭނާ ވަނީ ސީޒަން ނިމުމުން ކުޅުން ހުއްޓާލާނެކަން ކުރިން އިއުލާންކޮށްފަ އެވެ. އެކަމަކު ޓޮޓީގެ ހިޔާލު މިހާރު ވަނީ އަނެއްކާ ވެސް ކޮންމެވެސް ވަރަކަށް ބަދަލުވެފަ އެވެ.

"ފުޓްބޯޅައިގެ އެއްވެސް ކަމެއް ޔަގީން ނުވާނެ. މިދިޔަ އަހަރު ވެސް ބައެއް މީހުން ނިންމައިގެން ތިބީ އަހަރެން ހުއްޓާލީ ކަމަށް. ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ހިޔާލު ފާޅުކުރެވިދާނެ. އެކަމަކު އަހަރެންގެ ނަފުސާ މެދު އަހަންނަށް އިތުބާރާއި ޔަގީންކަން އެބައޮތް،" ޓޮޓީ ބުންޏެވެ.

"އަހަންނަށް އަދިވެސް ބައިވަރު ދެވިދާނެ. އަހަންނަށް އިހުސާސްކުރެވެނީ އަހަރެން ފިޓްކަމަށް. ދެން ކީއްވެ ހުއްޓާލަންވީ؟"

ޓޮޓީ 1993 ވަނަ ރޯމާ އިން ސީނިއާ ކެރިއަރު ފެށި ގޮތަށް އެހެން ކްލަބަކަށް ކުޅެފައެއް ނުވެ އެވެ. އެކަމަކު މިދިޔަ ސީޒަނުގައި އެކަށީގެންވާ ފުރުސަތު ނުލިބޭތީ އޭނާ އެހެން ދިމާލަކަށް ގޮސްފާނެ ކަމަށް ބެލެވުނެވެ. މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގައި އޭނާ 13 މެޗު ކުޅުނު ނަމަވެސް ފަހު ހަ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ހަތަރު ލަނޑު ޖެހި އެވެ.

އޭނާ ވަނީ އެ ކްލަބާ އެކު އިޓާލިއަން ލީގު އެއް ފަހަރު އަދި އިޓާލިއަން ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އިޓަލީއާ އެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް 2000 ވަނަ އަހަރުގެ ޔޫރޯގެ ދެ ވަނަ މަގާމް ހޯދި އެވެ.