25 ޖުލައި 2021 - 12:47

މި އަހަރުގެ ކުރީކޮޅު އާދަޔާ ހިލާފަށް މޫސުން ގޯސްވުމުގެ ސަބަބުން ރާޅާ އެކު ގަލާއި ވެލި އަރައި ދަތުރުތައް ހުއްޓާލަން ޖެހުނު ހޯރަފުށީ އެއާޕޯޓަށް ރޭ ފަތިހު ގަދަ ވަޔާ އެކު އަނެއްކާވެސް ވެލި އެރުމުގެ ސަބަބުން މިއަދު ދަތުރުތައް ކެންސަލްކޮށްފި އެވެ.

މޯލްޑިވިއަންގެ ފްލައިޓުން މާލެ އިން ހޯރަފުއްޓަށް މިއަދު ތާވަލުކޮށްފައިވާ ދަތުރުތައް ކެންސަލްކޮށް މާދަމާ އަށް ތާވަލް ކޮށްފައިވާކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.
ނަމަވެސް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ދަތުރުތައް ކެންސަލްކުރީ ނޫން ކަމަށާއި ރަންވޭ އަށް ވެލި އެޅުމުން ދަތުރުތައް "ޑިލޭވީ" ކަމަށެވެ.
ރިޒްވީ ވިދާޅުވީ މިހާރު ރަންވޭ ސާފުކޮށްފައިވާ ކަމަށެވެ.
މިއަދުގެ ހެނދުގެ ފްލައިޓުން މާލޭން ހޯރަފުއްޓަށް ދަތުރުކުރަން އޮތް މީހަކު ބުނި ގޮތުގައި، ދަތުރުތައް ކެންސަލްކުރިކަން އެންގީ ހެނދުނު އެއާޕޯޓަށް ގޮސް ޗެކިން ވެސް ނިންމި ފަހުންނެވެ. އޭނާ ބުނީ، އަލުން ދަތުރުކުރާނެ ވަގުތެއް އަންގާނެ ކަމަށް ބުންޏަސް ރަސްމީކޮށް އަދިވެސް އެއްވެސް އެއްޗެއް ނާންގާ ކަމަށެވެ.
"އެއާޕޯޓަށް ގުޅުމުން މާދަމާ ހެނދުނު 7:30 އަށް ދަތުރު ރީޝެޑިއުލް ކޮށްފައިވާ ކަމަށް ބުނި. އެކަމަކު މޯލްޑިވިއަންއަކުން އަދިވެސް ވަކި ގޮތަކަށް ނާންގާ،" އޭނާ ބުންޏެވެ.
މި ދުވަސްވަރު މާލޭން ރަށްރަށަށް ދަތުރުކުރެވެނީ ކޮވިޑް ވެކްސިން ފުރިހަމަކޮށް އަދި ދަތުރަށް ފަށާއިރު 72 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓެއް އޮވެގެން ކަމަށް ވާއިރު، މިއަދު ދަތުރުކުރަން ތިބި ބައެއް މީހުންގެ ޕީއީއާރް ޓެސްޓުގެ ވަގުތު ވެސް ހަމަވެ އެކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.
ހޯރަފުށީ ފަޅު ހިއްކައިގެން އެއާޕޯޓް ހަދާފައިވާ ތަނުގައި ރުއްގަސް ވަރަށް މަދެވެ. އަދި ރަންވޭ ސަރަހައްދުގައި ވިނަ ވެސް ނެތުމުން ރަންވޭމައްޗަށް ވަރަށް ފަސޭހައިން ވެލި އަރަ އެވެ.
ރަންވޭ އަށް ވެލި އެރީ ރޭ ފަތިހު ރާއްޖޭގެ އުތުރަށް ޖެހުނު ކޮޅިގަނޑުގަ އެވެ. އެއީ ހުޅަނގު މޫސުމުގެ އާދައިގެ ކޮޅިގަނޑެކެވެ.
މި އަހަރުގެ ކުރީކޮޅު ރާއްޖެ އަށް ކުރި ވިއްސާރައިގައި ވެސް ހޯރަފުށީ އެއާޕޯޓުގެ ރަންވޭ އަށް ރާޅާ އެކު ވެލި އަރައި އެއާޕޯޓަށް ގެއްލުންވުމުން އެތައް ދުވަހަކަށް ދަތުރުތައް މެދުކަނޑާލަން ޖެހުނެވެ. އެމްޓީސީސީން ތިންލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ކުރި މަރާމާތަށް ފަހު އަލުން ދަތުރުތައް ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ.
މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު ނޮވެމްބަރު 19، 2020 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުއްވައި ދެއްވާފައިވާއިރު އެ ތަނަށް 198 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވެ އެވެ. އެމްޓީސީސީއާ ހަވާލު ކޮށްގެން ހެދި ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. އަދި ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.
ހޯރަފުށީ އެއާޕޯޓު ހަދަން ސަރުކަރާއެކު ވި އެއްބަސްވުމުގެ މުއްދަތު އަދި ހަމަނުވާތީ އެ އެއާޕޯޓުގެ މަރާމާތުގެ މަސައްކަތްތައް އަދި ކުރާނީ އެމްޓީސީސީންނެވެ.