25 ޖުލައި 2021 - 14:14

ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒު ޖެހިތާ 14 ދުވަސް ފަހުން ރާއްޖެ އައިސް ކަރަންޓީނުގައި ތިބި މީހުންނާއި މިދިޔަ ހުކުރު ދުވަހުގެ ކުރިން ރާއްޖެ އައި މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް މީހުން ޓެސްޓުކޮށް ދޫކޮށްލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އަންގައިފި އެވެ.
އެ އެޖެންސީން ނެރުނު އިއުލާނެއްގައި ބުނީ އިމަޖެންސީ ހާލަތުގައި ބޭނުންކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނުވަތަ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަދީފައިވާ ކޮވިޑް ވެކްސިންގެ ޑޯޒުތައް ފުރިހަމަކުރިތާ 14 ދުވަހަށް ފަހު ރާއްޖެ އައިސް ހަތް ދުވަހުގެ މުއްދަތަށް ކަރަންޓީނުގެ ތިބި މީހުން ޓެސްޓުކޮށް ދޫކޮށްލަން ޖެހޭ ކަމަށެވެ.
އެ މީހުންނާއެކު ދަތުރުކޮށް، ރާއްޖެ އައިސް ތިބި ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ދޫކޮށްލަންޖެހެ އެވެ.
އިއުލާނުގައި ބުނީ އެ މީހުން ދޫކޮށްލަން ޖެހޭނީ ރާއްޖެ އެތެރެވިތާ 5-7 ދުވަހާ ދެމެދުގެ މުއްދަތު ހަމަވެފައިވާ މީހުން ވަގުތުން ޕީސީއާރު ޓެސްޓު ހެދުމަށް ފަހު ކަމަށެވެ. އަދި ރާއްޖެ އައިތާ ފަސް ދުވަސް ހަމަނުވާ މީހުން ދޫކޮށްލާނީ 5-7 ދުވަހާ ދެމެދު ޕީސީއާރު ޓެސްޓު ހެދުމަށް ފަހު އެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ، ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވް ސާމްޕަލް ނެގި ތާރީހުން ފެށިގެން ރާއްޖެ އަންނަ ދުވަހާ ހަމައަށް 60 ދުވަސް ހަމަނުވާ މީހުންނާ އެ މީހުންނާއެކު ދަތުރުކުރި ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ވެސް ކަރަންޓީނުން ދޫކޮށްލަންޖެހެ އެވެ. އެ މީހުން ވެސް ރާއްޖެ އަށް އެތެރެވިތާ 5-7 ދުވަސް ހަމަވެފައިވާ ނަމަ ވަގުތުން ޕީސީއާރު ޓެސްޓު ހަދައި ރާއްޖެއަށް އެތެރެވިތާ ފަސް ދުވަސް ފުރިހަމަނުވާ މީހުން ރާއްޖެއަށް އެތެރެވިތާ 7-5 ދުވަހާ ދެމެދުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހަދަންޖެހެ އެވެ.
އެޗްޕީއޭއިން މީގެ ކުރިން ވަނީ ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ވެކްސިންގެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންގެ ކަރަންޓީނުގެ މުއްދަތު ކުރުކޮށްފަ އެވެ. އޭގެ ފަހުން، ބޭރުން އަންނަ މީހުން ކަރަންޓީނު ވާންނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރި އެވެ.