25 ޖުލައި 2021 - 13:03

ޗައިނާގެ އިރުމަތިން ކަނޑުގެ ސަރަހައްދުގައި އުފެދިފައިވާ އިން-ފާ ތޫފާންގެ ބާރު ގަދަވެ، ޗައިނާގެ އެއްގަމު ސަރަހައްދަށް އަރާނެ ކަމަށް ލަފާކުރެވޭތީ، ޗައިނާގެ އިރުމަތީ ސަރަހައްދުތަކުގެ ކަނޑުގެ ބަނދަރުތައް ބަންދުކޮށް، ފްލައިޓްތައް ކެންސަލްކޮށް ވައިގެ ބަނދަރުތައް ވެސް އިއްޔެ އިން ފެށިގެން ބަންދުކޮށްފި އެވެ.
މީގެ އިތުރުން ރޭލު ދަތުރުތައް ވެސް މެދުކަނޑާލައި ރޭލު މަގުތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ކަނޑުމަތީގައި މިހާރު ހުރި ކާގޯ ބޯޓުތައް ވެސް، އަވަހަށް އެންމެ ކައިރި ބަނދަރަކަށް ވަނުމަށް ވަނީ އަންގައިފަ އެވެ.
ޗައިނާގެ މޫސުމާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި، އިން-ފާ ތޫފާން ޗައިނާގެ އިރުމަތީ އައްސޭރިފަށުގެ ޒެޖިއާންގް ޕްރޮވިންސަށް އަރާނެ ކަމަށް ލަފާ ކުރެވެނީ، ޗައިނާއަށް މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ބާރުގަދަ ތޫފާނެއް ނުރައްކާ ޗައިނާއަށް މި ކުރިމަތިވީ، މިދިޔަ ހަފުތާގައި ކުރިމަތިވި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާ އިން މުޅިން އަރައިނުގަނެވިގެން އުޅެނިކޮށެވެ.
އިން-ފާ ތޫފާނުގައި އެވްރެޖް ގޮތެއްގައި ވައި ހުރީ، ގަޑިއަކު 255 ކިލޯމީޓަރު (95 މޭލު) ބާރުމިނުގަ އެވެ. ނަމަވެސް ތައިވާނާ ދުރަށް އަދި ޗައިނާއާ ކައިރިއަށް ޖެހެމުންދާ އިރު، ދޭތެރެ ދޭތެރެއިން ވައިގެ ބާރުމިން ގަޑިއަކު 191 ކިލޯމީޓަރު (120 މޭލު) އަށް މަތިވެ އެވެ. އޭގެ ސަބަބުން ތޫފާން މިހާރު ހުރި ސަރަހައްދުގައި ކަނޑުގެ ރާޅުތައް އާދަޔާ ހިލާފަށް އުފުލި، ބޯކޮށް ވާރޭ ވެހެމުންދެ އެވެ.
މިއަދުގެ ވަގުތެއްގައި މި ތޫފާން، ޗައިނާގެ އިރުމަތީ ފަރާތު އައްސޭރި ސަރަހައްދުން އެއްގަމަށް އަރާނެ ކަމަށް ލަފާކުރެވޭތީ، ޒެޖިއާންގް ޕްރޮވިންސްގެ ސްކޫލްތަކާއި މާރުކޭޓުތަކާއި އެހެން ވިޔަފާރިތައް ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. އޭގެ އިތުރުން، ހާލަތު ނިޔާކުރާ ގޮތަކުން ހައިވޭތައް ވެސް ބަންދުކުރަން ޖެހިދާނެ ކަމަށް، ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޒިންހުއާ އިން ބުނެ އެވެ.
ޗައިނާގެ ރެއިލްވޭ އިން ބުނި ގޮތުގައި ތޫފާނުގެ ނުރައްކާ ބޮޑުވަމުންދާތީ، އާންމުކޮށް ދަތުރުކުރާ 100 އަށް ވުރެ ގިނަ ރޭލު މިހާރު ވަނީ ދަތުރުތައް ހުއްޓާލައިފަ އެވެ. އޭގެ އިތުރުން އާންމު ޕާކްތަކާއި މައިދާންތަކަށް މީހުން ނުކުތުން މަނާކޮށް، ގޭގައި ތިބުމަށް ވަނީ އަންގައިފަ އެވެ.
ޝަންހާއީގެ ހުޅަނގުދެކުނުން އޮންނަ ހަންގްޒޫ ސިޓީގެ ވައިގެ ބަނދަރަށް މިއަދު ދަތުރުކުރަން ހަމަޖެހިފައިވާ ފްލައިޓްތަކުގެ 90 ޕަސެންޓް ވަނީ ކެންސަލްކޮށްފަ އެވެ. އަދި މާދަމާ އިތުރު ފްލައިޓްތައް ކެންސަލް ކުރާނެ ކަމަށް އެ އެއާޕޯޓުން ބުނެ އެވެ.
މިދިޔަ ހަފުތާގައި ޗައިނާގެ މެދުތެރޭގެ ހެނާން ޕްރޮވިންސަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި 58 މީހަކު މަރުވެފައިވާ އިރު، ބޮޑުވި ފެންގަނޑައެކު މަގުތަކަށް ޖަމާވި ކުނިތަކާއި އެއްގަމު އުޅަނދުތައް ނަގައި މަގުތައް ސާފުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މިހާދިސާގައި އެތައް މިލިއަން ބަޔަކަށް އެކި ވަރުގެ ގެއްލުންތައް ލިބުނު އިރު، ކާބޯތަކެއްޗާ ނުލައި އެތައް ބަޔަކު ފަސް ވަރަކަށް ދުވަސް ވަންދެން ގެތަކުގައި ބަންދުވެފައި ތިބެން ޖެހުނެވެ.
ހެނާން ޕްރޮވިންސްގެ ސަރަހައްދީ ސަރުކާރުން ބުނާ ގޮތުގައި، ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހުނު 495000 މީހަކު ވަނީ ރައްކާތެރި ތަންތަނަށް ގެންގޮސްފަ އެވެ.