25 ޖުލައި 2021 - 11:59

ތާލިބާނުން ބޭނުންވަނީ، ހަމައެކަނި އެ ޖަމާއަތުގެ ފަރާތުން އަފްގާނިސްތާނުގައި ވެރިކަން ކުރަން ނޫން ކަމަށާއި، ނަމަވެސް ދެ ފަރާތުން އެއްބަސްވާ ސަރުކާރެއް ގާއިމުކުރެވެންދެން، ހަނގުރާމަ ކުރަމުން ދާނެ ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.
ތާލިބާން ޖަމާއަތުގެ ތަރުޖަމާނު، އަދި ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ތާލިބާން ވަފުދުގެ މެމްބަރު ސުހައިލް ޝާހީން ވިދާޅުވި ގޮތުގައި މިހާރުގެ ރައީސް އަޝްރަފް ޣަނީ މަގާމުން ދުރުކުރުމަށް ފަހު، އާ ސަރުކާރެއް ގާއިމުކުރަން ޖެހޭނެ އެވެ.
"އަހަރެމެން ވަރަށް ސާފުކޮށް މިބުނަނީ، އެއް ބައެއްގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަ ވެރިކަމެއް އަހަރެމެން ބޭނުމެއް ނޫން. ސަބަބަކީ، އެހެން މީހުން ބައިވެރިނުކޮށް، އަމިއްލައަށް ވެރިކަން ކުރަން އުޅުނު އެއްވެސް ބަޔަކަށް، ކާމިޔާބުކަމާ އެކު މިހާތަނަށް ސަރުކާރެއް ހިންގިފައެއް ނެތް. އެހެންވީމާ، އެ ފޯމިއުލާ އިތުރަށް ތަކުރާރު ކުރާކަށް އަހަރެމެން ނެތިން،" އެސޯސިއޭޓް ޕްރެސް އަށް ދެއްވި އިންޓަވިއުއެއްގައި ސުހައިލް ޝާހީން ވިދާޅުވި އެވެ.
އަފްގާނިސްތާނުގައި ތިބި އެމެރިކާ އާއި ނޭޓޯގެ ސިފައިން އެ ގައުމުން ފޭބުމާއެކު، ތާލިބާންގެ ހަނގުރާމަވެރިން އަންނަނީ، އެ ގައުމުގެ ގިނަ ސަރަހައްދުތަކެއް ހިފަމުންނެވެ. އެމެރިކާގެ ޗީފް އޮފް ޖޮއިންޓް ސްޓާފް، ޖެނެރަލް މާކް މިލޭ މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި، ތާލިބާނުން މިހާރު ވަނީ އަފްގާނިސްތާނުގެ ވަރަށް ބޮޑު ބައެއް ހިފައިފަ އެވެ. އަދި ސަރުކާރު ސިފައިން ބަލިކޮށް، މުޅި ގައުމު އެމީހުންގެ ބާރުގެ ދަށަށް ނުގެންނާނެޔޭ ބުނަން ދަތި ކަމަށް ވެސް ޖެނެރަލް މާކް ވިދާޅުވި އެވެ.
އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނަށް އެރީ، ޓެރަރިޒަމާ ދެކޮޅަށް އެމެރިކާ އިން އިއުލާން ކުރި ހަނގުރާމައިގެ ދަށުން، 2001 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އޭގެ ވިހި އަހަރު ފަހުން، އެމެރިކާ އާއި ނޭޓޯ ސިފައިން އަފްގާނިސްތާނުން ފޭބީ، މިއަހަރުގެ ޖޫން މަސް ނިމުނުތަނާ އެވެ.
މިހާރު އަފްގާނިސްތާނުގައި ތިބި ކަމަށް ވަނީ، އެމެރިކާގެ ޑިޕްލޮމޭޓުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ތިބި ވަރަށް މަދު އަދަދެއްގެ ސިފައިންނެވެ. އެމީހުން ވެސް މިއަހަރުގެ އޮގަސްޓް 31 ގެ ނިޔަލަށް ފައިބާނެ ކަމަށްވެ އެވެ.
ތާލިބާނުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އެ ޖަމާއަތުން ހަނގުރާމަ ހުއްޓާލައި ހަތިޔާރު ބަހައްޓާނީ، މިހާރު ވެރިކަމުގައި ހުންނެވި ރައީސް އަޝްރަފް ޣަނީ ވެރިކަމުން ދުރުކޮށް، ތާލިބާން ޖަމާއަތަށާއި އަފްގާނިސްތާނުގެ އެހެން މީހުންނަށް ވެސް އެއްބަސްވެވޭ ފަދަ ސަރުކާރެއް އެކުލަވައިލަން އެއްބަސްވެވުނު ދުވަހަކުންނެވެ. އޭގެ ފަހުން ހަނގުރާމައެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" ރައީސް އަޝްރަފު ވެރިކަމުގައި ހުންނަވައިގެން، ސަރުކާރުން ތަކުރާރުކޮށް ގޮވާލަމުން އެދަނީ، ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް. އެ ގޮވައިލުމަކީ، ތާލިބާންގެ ހަނގުރާމަވެރިން އަމާންދިނުމަށް ގޮވައިލުން ފަދަ ކަމެއް. ސަރުކާރުން ބޭނުމެއް ނުވޭ ސުލްހަ ވާކަށް. ސަރުކާރުން ބޭނުންވަނީ ތާލިބާނުން ހަތިޔާރު ބަހައްޓައި އަމާން ދޭން،" ތަރުޖަމާނު ވިދާޅުވި އެވެ.
މީގެ ކުރިން ތާލިބާނުން އަފްގާނިސްތާނުގައި ވެރިކަން ކުރި އިރު، ކަންތައް ކުރި ގޮތަށް ބަލާއިރު، އެ ޖަމާއަތުގެ ބާރުގެ ދަށަށް ގައުމު ހިނގައިދާނެތީ، އަފްގާނިސްތާނުގެ ގިނަ ބަޔަކު ކަންބޮޑުވެ އެވެ. އެއީ، އެ ޖަމާއަތުގެ ވެރިކަމުގައި، އަންހެން ކުދިންނަށް ކިޔަވައިނުދިނުމާއި، ވަޒީފާ އަދާކުރުން މަނާކުރުމާއި ސިޔާސީ އެއްވެސް ކަމެއްގައި އަންހެނުން ބައިވެރިވުން ފަދަ ކަންތައް ތާލިބާނުންގެ ސިޔާސަތުގައި ހިމެނޭތީ އެވެ.