ވަށިގާޑިޔާ
ވަށިގާޑިޔާ

ބުދަ ދުވަހާ ގުޅޭ

އެ ފޮށި ވާނީ ތިލަފުށީގައި ހެއްޔެވެ؟ ތޮލާލު ލަފާކުރި ގޮތުގައި އުސައިދު އެ ފޯނުކުރާނީ ނާޒިޔާ ގޭދޮށަށް އައިހެވެ. ދަންވަރު ނާޒިޔާއަށް އުސައިދު ގުޅީ ކީއްކުރަންކަމެއް ނޭނގެއެވެ. އެކަމަކު، ނާޒިޔާގެ މޯބައިލު ފޯނަށް ގުޅުމުގެ ބަދަލުގައި ނަރުފޯނަށް ގުޅުމުގެ ފަހަތުގައިވަނީ އެންމެ ސަބަބެކެވެ. ސިއްރުކުރުމެވެ. އުސައިދުއާ އެއްވެސް ގުޅުމެއް އޮންނަކަން، އެއްވެސް މީހަކަށް އަންގަން އުސައިދު ބޭނުން ނުވަނީއެވެ. ކީއްވެގެން ހެއްޔެވެ؟ އަތުގައި އޮންނަ ފޯނަށް ގުޅަން އިންތިހާއަށް ފަސޭހަ އިރު، އެންމެ އުނދަގޫ ގޮތަށް އުސައިދު އެ ކަން ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ތޮލާލަށް އެއް ސުވާލުގެ ޖަވާބު ލިބޭ އިރު، އާ ދެ ސުވާލު އުފެދެއެވެ.

ރައްޔާ މަރައިލި ގޮތަށް ނާޒިޔާ ވެސް މަރައިލައިފައި އޮވެދާނެއެވެ. ތޮލާލުގެ ތަޖުރިބާ ބުނަނީ އެހެންނެވެ. ނާޒިޔާއާ މެދުގައި ވެސް އުސައިދު ކަންކޮށްފައިވަނީ ރައްޔާއާ މެދު ކަންކުރި ގޮތަށްކަމުގައިވާ ނަމަ، ނާޒިޔާ ލައިފައިވާ ފޮށި އޮންނަންޖެހޭނީ ތިލަފުށީގެ ކުނިގޮނޑުގެ ވަރަށް އަޑީގައެވެ. އެއީ ބަލައިހާވަން ވިސްނާ އިރު، ބޮޑު ސަރަހައްދެކެވެ. އެ ފަދަ ތަނަކުން ނާޒިޔާގެ ހަށިގަނޑު ހޯދާނީ ކިހިނެއް ހެއްޔެވެ؟ އެ ތަނުގައި ކުނި ވަޅުލައެވެ. އަންދައެވެ. ބަލައިފައި ނުބަލާނީ ކޮން ދިމާއެއް ހެއްޔެވެ؟

ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓުމަންޓު ނުވަތަ އެސްއޯސީޑީގެ ހާއްސަ ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ފޮރެންސިކު ޑިޕާޓުމަންޓުން ސީނިއަރ ސާޖަންޓު އަނަސް ވެސް ބައިވެރިވިއެވެ. އޮތްކަން ކަށަވަރު ނުވާ، ފެންނާނެކަމުގެ ޔަގީންކަމެއް ނެތް އެއްޗެއް ހޯދަން މުޅި ތިލަފުށީގައި އަތްފުނާއަޅަންވީ ހެއްޔެވެ؟ ހަމަ އެކަނި ހީއެއްގެ މައްޗަށް ބުރަވެ، އެ ފަދަ ބޮޑު މަސައްކަތެއްކުރަން ވެދާނެ ހެއްޔެވެ؟ ސުވާލަކީ އެއީއެވެ.

"އަހަރެން ބުނާނީ ކީއްވެހޭ ނުބަލަންވީ؟ ވައި ނޮޓް؟" ވަރަށް ކެރިހުރެގެން އަނަސް ބުންޏެވެ. "މި ދައްކަނީ އިންސާނެއްގެ ފުރާނައިގެ ވާހަކަ. އާއިލާ މީހުންނާ ރައްޓެހިން އަދިވެސް އެ ތިބީ ކަށުނަމާދު ނުކޮށް! ރައްޔިތުން އެ ތިބީ ފޫހިވެފަ. ތެދަށް ބުނަންޏާ އަހަރެން ވެސް މިހިރީ ފޫހިވެފަ. މިހާ ކުޑަކުޑަ ތަނެއްގަ، ހަމަ ހުރެފަ މީހަކު ގެއްލިގެން ނުވާނެ."

"އަހަރެން ވެސް އަނަސްއަށް ތާއީދު،" ތޮލާލު ބުންޏެވެ. "ވީ ތަން ނޭނގުނަސް ވީ ގޮތް ޖެހޭނެ އެނގެން. މި ކަން ސިއްރުކުރާނެކަމެއް ވެސް ނެތް. ސްޓޯރީ ބްރޭކްކޮށްލާފަ މަސައްކަތް ފަށާނީ. ނުފެނުނިއްޔާ ނޫސްތަކުން ސުވާލު އުފައްދާނެ. އެކަމަކު ފެނިއްޖެއްޔާ އެއީ ވަރަށް ބޮޑު ކާމިޔާބެއް."

ކުރެވެން އޮތް ހުރިހައި ކަމެއް ކުރަން އެންމެން ވެސް ތާއީދުކުރިއެވެ. ހަމަ އެހެންމެ، ކަމުގެ ބޮޑުކަމާއި އުނދަގޫކަމުގެ ވާހަކަ ވެސް ދެކެވުނެވެ. ގެއްލިފައިވާ މީހުންގެ މައްސަލަތައް އަލުން ބަލައި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ސަރުކާރުގެ ވައުދެކެވެ. ނާޒިޔާ ނުފެނުނަސް، އޭނަ ހޯދަން ކުރި މަސައްކަތް ފެންނަން އޮންނާނެއެވެ.

އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު، އަނެއްކާ ވެސް ނާޒިޔާގެ ވޭދަނަ ތަހުގީގުކުރަން ފެށުމުން ނާޒިޔާގެ މައިންބަފައިންގެ ހިތުގައި ދަރިފުޅުގެ ހަނދާންތައް އަނެއްކާ ވެސް އާވާން ފެށިއެވެ. އުފަލާއި ހިތާމަ އެކުލެވިފައިވާ ގޮތަކަށެވެ. މީސްމީޑިޔާގައި ފުލުހުންނަށް ތަރުހީބު އޮހެން ފެށިއެވެ. ނޫސްތަކުގެ ފަލަ ސުރުހީން ޖާގަހޯދިއެވެ. އަމިއްލަ ޖަމިއްޔާއަކުން ފަންޑެއް ހުޅުވައި، ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ މީހުންގެ ލިސްޓެއް ވެސް އެކުލަވައިލަން ފެށިއެވެ.

މަސައްކަތުގެ އެންމެ އުނދަގޫ ބައި ފަސޭހަކޮށްދިނީ، ރާއްޖޭގައި ކުނި ނައްތައިލުމުގެ ޒިންމާއަދާކުރާ އިދާރާ ވެމްކޯއިންނެވެ. އެ ތަނުން ބުނި ގޮތުގައި، ކުނި ގެނެސް ޖެހުނު ދިމާއަކަށް އޮއްސައިލަނީކީ ނޫނެވެ. ކުނި އެންދުމާއި ވަޅުލުމުގައި އެ ތަނުން ވަރަށް ހަރުދަނާ އުސޫލެއް ގެންގުޅެއެވެ. މާލެޔާއި މާލެ ކައިރި ހިސާބު ހިސާބުތަކުން ގެންނަ ކުނިތައް އަޅަނީ، ކަނޑައެޅިފައިވާ ވަކި ދިމާތަކަކަށެވެ. އެކި ރިސޯޓުން ގެންނަ ކުނި ވެސް ޖަމާކުރަނީ، ކަނޑައެޅިފައިވާ ވަކި ދިމާތަކަކަށެވެ. ކުނި ގެނައި ދުވަސްވަރާއި، އެ ކުންޏަށް ހެދި ގޮތް ވެސް ލިޔެކިޔުމުން އެނގެން އޮވެއެވެ.

ފުލުހުން ހާވަން ބޭނުންވީ، ނަވާރަ މަސް ކުރިން މާލެއިން ގެނައި ކުންޏެވެ. އެ ކުނި ނުވަތަ ކުނިން ބާކީ ހުރި އެއްޗެއް ހުންނާނެ ދިމާ ހޯދަން މާ ގިނަ އިރެއް ނުނެގިއެވެ. ވެމްކޯއިން ދެއްކީ، ފަނަރަ ވަރަކަށް ފޫޓު އުސްމިނުގެ، ބިޔަ ކުނިފުންޏެކެވެ. ހެންވޭރު ބޯޅަދަނޑު ވަރުގެ ސަރަހައްދެކެވެ. ތަނުގެ ހޫނާއި، ދުވާ ނުބައި ވަސް އެއީ އިތުރު އުނދަގުލެކެވެ.

"ކިހާ އަޑިއަކުންބާ ފޮށި ފެންނާނީ؟" ކުނިފުންޏަށް ބަލަން ހުރި އަނަސް މަޑުމަޑުން ބުނެލިއެވެ.

"ފޮށި އެބަ އޮތް ބާ؟" ތޮލާލު ވެސް ކުރީ ސުވާލެކެވެ.

ވެމްކޯއާއި، ސިޓީކައުންސިލާއި، ސިފައިންގެ ބަރު އުޅަނދުތައް ތިލަފުށްޓަށް ޖަމާކޮށް، ސިފައިންނާއި، ފުލުހުންނާއި، އާންމުންގެ ތެރެއިން ވެސް ސަތޭކަ ފަންސާހަކަށް މީހުން ބައިވެރިވެގެން މަސައްކަތް ފެށިއެވެ. އަމާޒަކީ، މުޅި ކުނިފުނި އެއްކޮށް އެހެން ތަނަކަށް ބަދަލުކުރުމެވެ. އެ ކަން ހިނގާ އިރު، މަންޒަރު ބަލަން ހާއްސަ ޓީމެއް ތިބެއެވެ. ފޮށްޓެއް ފެނިއްޖެ ނަމަ، ފޮށި ބާއްވަން ޖެހެނީ ވަކި ހާއްސަ ޖާގައެއްގައެވެ.

ދުވާލަކު ނުވަ ގަޑި އިރު މަސައްކަތްކޮށްގެން މަހެއް ވުމާ ކައިރިވީ އިރު ވެސް، ހޯދަން ބޭނުންވި ފޮށްޓެއް ނުފެނުނެވެ. ފެނިދާނެކަމުގެ އުންމީދު ވެސް ދިޔައީ ކުޑަވަމުންނެވެ. ވިއްސާރަ މޫސުން އައިސް، ވިއްސާރަ ދިގުލައި، މަސައްކަތް ދެ ގުނައަށް އުނދަގޫވިއެވެ. އެކަމަކު ހީވާގި ފުލުހުންނާއި ސިފައިންގެ އަމާޒު ހުރީ އެއް މިސްރާބަކަށެވެ. ކުނި ފުނި އެއްކޮށް ހުސްކޮށްފައި ނޫނީ މަސައްކަތް ހުއްޓައިނުލުމެވެ.

ތިރީސް ތިންވަނަ ދުވަހު މެންދުރުވާން ވަރަށް ވަރަށް ކައިރިވެފައި ހުއްޓައި، ޝައްކު ކުރެވޭ ފޮށްޓެއް ކަހަލަ އެއްޗެއް ފެނުނެވެ. ފަތާވެފައި އޮތް ވަރުން އެއީ ފޮށްޓެއްކަން އެނގުނީ ވެސް ކިރިޔާއެވެ. އެކަމަކު، ފޮށި ތެރޭގައި އެއްޗެއް އޮތްކަން އެނގެއެވެ. ކަފައިލައިގެން ފޮށި ހުޅުވި އިރު އޭގެ ތެރޭގައި އޮތީ އިންސާނެއްގެ ކަށިގަނޑެވެ. އެއީ، މަސައްކަތުގައި ބައިވެރިވި އެންމެންގެ ތުންފަތަށް ހިނިތުންވުމާއި، ލޮލަށް ކަރުނަ ޖަމާކުރުވި ކަމެކެވެ.

ކުނިގޮނޑުން ފެނުނު ކަށިގަނޑަކީ ކާކުކަން ހޯދީ ދަތުގެ ޑީއެންއޭގެ އެހީގައެވެ. ހީވީ ރަނގަޅަށެވެ. އެއީ ނާޒިޔާގެ ކަންކާލެވެ. ފުލުހުންނަށް ލިބުނީ ހިތްހަމަޖެހުމެކެވެ. ނާޒިޔާގެ ހަށިގަނޑު ފެނުނީމައެވެ. ނާޒިޔާގެ މައިންބަފައިންނަށް ލިބުނީ ފުން ހިތާމައެކެވެ. ނާޒިޔާ އެނބުރި ނާންނާނެކަން ޔަގީންވީމައެވެ. ދެން އޮތީ ބޮޑު ސުވާލެވެ. ނާޒިޔާގެ ގާތިލަކީ އުސައިދުކަން ފުލުހުންނަށް ސާބިތުކޮށްދެވޭނެ ހެއްޔެވެ؟

ރައްޔާ މަރައިލީ އުސައިދުކަން ހޯދުނީ ފޮށީގައި ހިއްޕައިފައިވާ އެންމެ އިސްޓިކާއެއްގެ ސަބަބުންނެވެ. ކުށުން ރެކެން ނުވަތަ ބޯދަމައިގެނެވޭ ވަރަށް ވުރެ އެ މަޅި އުސައިދުގެ ކަރަށް މެހިފައިވާލެއް ބާރެވެ. އުސައިދު އެއްބަހެއް ނުވިއެވެ. އެކަމަކު، ފެނުނު ހެކިތަކުގެ އެހީގައި، ހާދިސާ ހިނގައިފައިވާނެ ގޮތް ފުލުހުން ލަފާކުރިއެވެ. ރައްޔާއާއި އުސައިދު ބައްދަލުކުރީ ގެސްޓުހައުސްއިންނެވެ. ބައްދަލުކުރި މަގުސަދު ހާސިލުކުރުމަށް ފަހު، ކޮންމެވެސް ސަބަބަކާ ހުރެ ދެ މީހުންގެ މެދުގައި ދެބަސްވުމެއް އުފެދުނީއެވެ. މާރާމާރީއަކަށް ބަދަލުވީއެވެ. ރައްޔާއަށް އުސައިދު ހަމަލާދިނީއެވެ. ތަނުގައި ލޭ ހުރީ އެހެންވެއެވެ. ހަމަލާގެ ސަބަބުން ރައްޔާ ހޭނެތުމުން އަތްފައި ބަނދެފައި އުސައިދު ދިޔައީއެވެ. ފޮށި ގަނެގެން އައިސް ރައްޔާ ފޮށްޓަށް ލީ އިރު އުސައިދު ހުރީ އަންގި ލައްވައިގެންނެވެ. އޭރު ރައްޔާ މަރެއްނުވެއެވެ. އޭގެ ފަހުން، ލައްފިލުވާއިން އުސައިދަށް ފިލުވުނު ވަރަކަށް ތަން ސާފުކުރީއެވެ. އަދި ފޮށި ގެންގޮސް އެއްލައިލަން ކުރި މަސައްކަތް، ކޮންމެވެސް ސަބަބަކާ ހުރެ ކާމިޔާބު ނުވުމުން، ދުވާރުމަތީގައި ފޮށި ބެހެއްޓީއެވެ. ފޮށި ބަހައްޓަން އެ ތަން އުސައިދު އިހުތިޔާރުކުރީ، އެ ހިސާބުގައި ހުރި ކެމެރާތަކަށް ވިސްނަފައިކަމަށް ވެދާނެކަމަށް ފުލުހުން ލަފާކުރިއެވެ.

ނާޒިޔާގެ މަރުގެ ހަގީގަތް އެނގުނީ އުސައިދުގެ ލެޕްޓޮޕް ފުލުހުން ބެލިބެލުމުގައެވެ. ނާޒިޔާ ގޭގައި ހުރި ފޯނަށް އުސައިދު ގުޅީ އެ ގޭ ދޮށަށް ދަންވަރު އައިހެވެ. ދޮރުމަތީގައި ހުރި ވާހަކަ ބުނަންކަމުގައި ފުލުހުން ތުހުމަތުކުރެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން ނާޒިޔާ ވެސް ގެންދިޔަކަމަށް ޝައްކުކުރެވެނީ ގެސްޓުހައުސްއެއް ނުވަތަ އޭރު އުސައިދު ކުއްޔަށް ހިފައިފައި ހުރި ކޮޓަރިއަށެވެ. ހިނގިކަމެއް ހިނގީ އެ ކޮޓަރި ތެރޭގައެވެ. ދެން ނާޒިޔާއާ މެދުގައި އުސައިދު ކަންތައްކުރީ ރައްޔާއާ މެދު ވެސް ކަންތައް ކުރި ގޮތަށެވެ. ނާޒިޔާގެ ހަށިގަނޑު ލީ ފޮށްޓަކަށެވެ. އެއަށް ފަހު ފޮށި އެއްލައިލީއެވެ. އުސައިދު އެއްބަސް ނުވިޔަސް، ފުލުހުން ލަފާކުރި ގޮތަކީ އެއީއެވެ.

ނާޒިޔާގެ ހަށިގަނޑު އޮތް ތަނާއި، އޮތް ގޮތާއި، ހަށިގަނޑަށް ވެފައިވާ މުއްދަތުގެ ސަބަބުން، ނާޒިޔާގެ ހަށިގަނޑުން އުސައިދުގެ ޑީއެންއޭއެއް ފެންނަ ވަރެއް ނުވިއެވެ. މަރުވި ސަބަބެއް ވެސް ނުހޯދުނެވެ. އެހެނަސް، އެހާ ގިނަ ދުވަހަށް ފަހުގައި ވެސް ނާޒިޔާގެ ހަށިގަނޑު ފެނުން އެއީ ފުލުހުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ. ނާޒިޔާގެ އާއިލާއަށް ލިބުނު ހިތްހަމަޖެހުމެކެވެ. ގަބުރުސްތާނުގައި އެ ހަށިގަނޑު ވަޅުލަން ލިބުނު ފުރުސަތެއް ވެސް މެއެވެ.

ފޮރެންސިކު އެހީތެރިކަމާ ނުލައި ޔަގީނުން ވެސް އެ ކުށް ސާބިތެއް ނުކުރެވުނީހެވެ. ލެޔާއި، ޑީއެންއޭއާއި، ލެޕްޓޮޕުން ފެނުނު ހެކިތައް މުހިންމު ދައުރެއް އަދާކުރިއެވެ. ރައްޔާ މަރައިލީ އުސައިދުކަން ކޯޓުގައި ފުލުހުން ސާބިތުކޮށްދިނީ ފޮރެންސިކުގެ ވަރުގަދަ ހެކިތަކާ އެކުގައެވެ. ދެ ފަހަރު ދެ ގޮތަށް ބަޔާން ބަދަލުކުރަމުން ގެންދިޔަ އުސައިދަށް އެންމެ ފަހުން މަޖުބޫރުވީ އެއްބަސްވާށެވެ. ކުށަށް އިއުތިރާފުވާށެވެ.

ހެކި ނުހޯދުނު ނާޒިޔާ މަރައިލީ އުސައިދުކަން ފުލުހުންނަށް ކަށަވަރެވެ. ދެ މަރުގައި ހުރި އެއްގޮތްކަމުގެ ސަބަބުންނެވެ. އެކަމަކު، ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން އުސައިދު ބޯދަމައިގަތެވެ. އޭގެ ސަބަބުން ވީ ފައިދާއެއް ނެތެވެ. ރައްޔާ މަރައިލުމުގެ ކުށުގައި އުސައިދަށް އިއްވީ މަރުގެ ހުކުމެވެ. ފަހުން އުމުރަށް ޖަލަށް ލުމަށް ހުކުން ބަދަލުވީއެވެ. ކުރި ލިބުނީ ގާނޫނަށެވެ. އިންސާފަށެވެ. ކުށް ނުކުރާ މީހަކު ސަލާމަތްކުރެވުނީމައެވެ. ކުށްވެރިޔާއަށް އަދަބުދެވުނީމައެވެ. ގެއްލިފައިވާ މީހުންގެ ލިސްޓުން އެކަކު އުނިކުރެވުނީމަ ވެސް މެއެވެ.

ނިމުނީ